24 ޖުލައި 2021 - 07:47
ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމަކަށް ޒުވާން އެކްޓަރު ކާތިކް އާރިޔަން ސޮއިކޮށްފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ޕޯސްޓަރު ވެސް ދައްކައިލި ފިލްމުގެ ނަމަކީ "ކެޕްޓަން އިންޑިއާ" އެވެ. މީގައި ކާތިކް ކުޅޭނީ ޕައިލެޓެއްގެ ރޯލެވެ. ރޯނީ ސްކްރޫވާލާ އާއި ކުރީގެ އެކްޓަރު ހަރްމަން ބަވޭޖާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ޓެގް ލައިނަކީ "އޭން އޯޑިނަރީ މޭން، އޭން އެކްސްޓްރާ އޯޑިނަރީ މިޝަން" އެވެ.
ޓެގް ލައިނުން ދޭހަކޮށްދޭ ގޮތުގައި "ކެޕްޓަން އިންޑިއާ" އަކީ 2019 ގައި ރޯނީ ގެނެސްދިން "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގޮތަށް ވަތަނީ ފިލްމެކެވެ. އޭނާ ޕްރޮޑިއުސްކުރާ ކަންގަނާ ރަނާވަތުގެ "ތޭޖާސް" އަކީ ވެސް ވަތަނީ ފިލްމެކެވެ. އޭގައި ކަންގަނާ ކުޅެނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލެވެ.
"ކެޕްޓަން އިންޑިއާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކާތިކާ އެކު "ކެޕްޓަން އިންޑިއާ" ހަދާކަން ކަށަވަރުކޮށް ދިން އިރު، ހެންސަމް މިހާރު އަންނަނީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޑައިރެކްޓަރު އަނޫބަވް ސިންހާ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ނަން އިއުލާން ނުކުރާ އެ ފިލްމުގެ ކާސްޓްގައި ހިމެނެނީ އެކްޓަރު ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ރާވަލް އާއި ޒަހާން ކަޕޫރެވެ.
ހެންސަލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ފެނިގެން ދިޔަ ސޯޝަލް ކޮމެޑީ "ޝަލާންގް" އެވެ. އޭނާ އަކީ "ޝާހިދު" އާއި "އަލީގަޅު" އަދި "ސިޓީ ލައިޓްސް" މޮޅެތި ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" އިން ވަކިކުރި ކާތިކް ދާދި ފަހުން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމަކަށް ވެސް ސޮއިކޮށްފައިވެ އެވެ. ސަމީރު ވިދުވަންސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ސަތިއަނާރަޔަން ކީ ކާތާ" ގެ ނަމުގައި އިއުލާންކުރި ލޯބީގެ ފިލްމުގެ ނަން ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
ކާތިކް އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޝޫޓިން ނިންމާފައި އޮތް ޑަައިރެކްޓަރު ރާމް މަދުވާނީ ނެޓްފްލިކްސް އިން ގެނެސްދޭ "ދާމަކާ" އެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" ވެސް ހިމެނެ އެވެ.
ދެހާސް އަށާރައިގެ "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އުންމީދީ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލަވް އާޖް ކަލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy