16 އޯގަސްޓް 2021 - 07:11
މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީގެ ފިލްމެއްގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހާއްސަ ފެނިލުމަކުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދަ ހޭންސް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގަމި ފިލްމަކީ 2019 ގެ މަލަޔާޅަމް ފިލްމު "ލޫސިފާ" އަށް ބިނާކޮށް ހަދާ ޕޮލިޓިކަލް ޑްރާމާއެކެވެ. ފިލްމުގެ ނަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މީގެ ނަމަކީ "ގޯޑް ފާދާ" ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނޫސްތަކުން ބުނި ގޮތުގައި ޗިރަންޖީވީގެ ފިލްމުގެ ކުޑަކުޑަ ރޯލެއް ކުޅެން ސަލްމާން އެއްބަސްވީ ދެ ތަރިންގެ މެދުގައި އޮންނަ ގާތްކަމާ ހެދި އެވެ. ސަލްމާންގެ އާއިލާ އާއި ޗިރަންޖީވީގެ އާއިލާއާ ދެމެދު ވަރަށް ދުވަސްވީ ގާތް ގުޅުމެއް އޮވެ އެވެ.
ދަރިފުޅު ޗަރަންއާ އެކު ޗިރަންޖީވީ.
ޗިރަންޖީވީ، 65، ގެ ދަރިފުޅު ރާމް ޗަރަން، 36، ގެ ފުރަތަމަ ހިންދީ ފިލްމު 2013 ގެ "ޒަންޖީރު" ނެރުނު ދުވަސްވަރު އެ ފިލްމު ޕްރޮމޯޓްކޮށް ދިނުމުގައި ސަލްމާންގެ އާއިލާ އިން މަސައްކަތްކުރި އެވެ. ޗަރަން އަކީ މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރާ "އާރްއާރްއާރް" ގެ އެއް ބަތަލެވެ.
މީޑިއާތަކުން ބުނީ "ގޯޑް ފާދާ" ގެ ޝޫޓިން ހައިދަރުއާބާދުގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ސަލްމާން އޭގައި ކުޅޭނީ "ލޫސިފާ" ޑައިރެކްޓް ވެސް ކުރި އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ކުޅުނު ޒައިދު މައްސޫދުގެ ރޯލު ކަމަށެވެ. ޕްރިތުވީރާޖަކީ ރާނީ މުކަރްޖިއާ އެކު 2012 ގެ "އައްޔާ" ކުޅުނު އެކްޓަރެވެ.
މޯހަންލާލާ އެކު ޗިރަންޖީވީ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ލޫސިފާ" ގެ ލީޑް ރޯލު ކުޅުނީ މޯހަންލާލެވެ. މީގެ ތެލެގޫ ފިލްމު "ގޯޑް ފާދާ" ގެ ޑައިރެކްޓަރަކީ މޯހަން ރާޖާ އެވެ.
ސަލްމާނަކީ އަބަދު ވެސް އޭނާގެ ގާތް މީސްމީހުންގެ ފިލްމުތަކުގައި ކުދިކުދި ރޯލުތައް ކުޅެދޭ އެކްޓަރެކެވެ. އެގޮތުން ޝާހްރުކްގެ ޚާންގެ ކުރިއަށް އޮތް ފިލްމު "ޕަތާން" އިން ވެސް އޭނާ ފެންނާނެ އެވެ.
މި ވަގުތު "ޓައިގާ 3" ގެ މަސައްކަތުގައި އުޅޭ ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަންތިމް" އާއި ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އަދި "ކިކް 2" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy