25 އޯގަސްޓް 2021 - 06:55
ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ޑިސެމްބަރަށް ފަސްކޮށްފި އެވެ.
ކުރިން އެ ފިލްމު ސިނަމާތަކަށް ގެންނަން އޮތީ އަންނަ މަހުގެ 24 ގަ އެވެ. އެ ތާރީހުގައި ފިލްމު ގެނެސްދޭނެކަން އިއުލާންކޮށް، "ތަޅަޕް" ގެ ޕޯސްޓަރުތަކެއް ވެސް މި އަހަރުގެ މާޗް މަހު އާންމުކުރި އެވެ.
އަހާންގެ ބައްޕަގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒްކުރަން މިހާރު ނިންމި އާ ތާރީހަކީ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" ތާވަލުކޮށްފައި އޮތް ތާރީހެވެ. އެ ފިލްމަކީ ސާޖިދު ޕްރޮޑިއުސްކޮށް، އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ.
"ތަޅަޕް" މިހާރު "ހީރޯޕަންތީ 2" ގެ ތާރީހަށް ހަމަޖެެއްސުމުން އެ ފިލްމުން ދެން ޑިސެމްބަރުގެ އެހެން ތާރީހެއްގައި ރިލީޒްކުރާނެ ކަމެއް ނުވަތަ އަންނަ އަހަރަށް ފަސްކުރަން ނިންމީ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. "ހީރޯޕަންތީ" އަކީ ޝޫޓިން ކުރިއަށްދާ ފިލްމެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ތަޅަޕް" އާއި "ހީރޯޕަންތީ 2" ގެ ވެސް ބަތަލާ އަކީ ތާރާ ސުތާރިއާކަމެވެ. ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ބޮލީވުޑަށް ތައާރަފުވީ ޓައިގާއާ އެކު ކުޅުނު 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.
އަހާން، 25، ބޮލީވުޑަށް ތައާރަފުކުރާ އިރު، އޭނާގެ ދައްތަ އާތިޔާ ޝެޓީ ފިލްމީ ދާއިރާ އަށް ނުކުތީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނީ ދެ ފިލްމެކެވެ. އެއީ 2016 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ. އާތިޔާ، 28، އަކީ ކުޅޭނެ ފިލްމެއް ނުލިބި މިހާރު ބޮލީވުޑާ ދުރުގައި ހުރި ބަތަލާއެކެވެ.
އަހާންގެ އަލަތު ފިލްމު "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ރޮމޭންޓިކް އެކްޝަން ޑްރާމާ "އާރްއެކްސް 100" ގެ ރިމޭކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy