ކުނާލް އެންމެ ފަހުން ގެނެސްދިން ލޯބީގެ ފިލްމަކީ ޕްރިޔަންކާ އާއި ޝާހިދުގެ 2012 ގެ "ތޭރީ މޭރީ ކަހާނީ"
ކުނާލް.
29 އޯގަސްޓް 2021 - 06:55
"ހަމް ތުމް" އާއި "ފަނާ" އަދި "މުޖް ސޭ ދޯސްތީ ކަރޯގޭ" ފަދަ ލޯބީގެ ރީތި ފިލްމުތަކެއް ގެނެސްދިންް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކުނާލް ކޯލީ ވަރަށް ގިނަ ދުވަސް ފަހުން ލޯބީގެ ލައިޓްހާޑެޓް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މި ވަގުތު އިނގިރޭސިލާތުގައި ޝޫޓިން ކުރިއަށްދާ ފިލްމުގެ ނަމަކީ "ބޮބީ އޯރް ރިޝީ ކީ ލަވްސްޓޯރީ" އެވެ. މި ނަން ވައްތަރީީ ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު އާލިއާ ބަޓާއި ރަންވީރު ސިންގާ އެކު ހަދަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާ އެވެ. އަދި ކުނާލްގެ އާ ފިލްމުގެ ނަމުން އެހެން ކަމެއްގެ ހަނދާންތައް ވެސް އާކޮށްދެ އެވެ. އެއީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރް ލީޑް އެކްޓަރެއްގެ ގޮތުގައި ކުޅުނު ފުރަތަމަ ފިލްމުގެ ނަމާ އެވެ. އެއީ 1973 ގެ ފިލްމު "ބޮބީ" އެވެ. ރިޝީގެ ބައްޕަ ޑައިރެކްޓްކުރި އެ ފިލްމުގައި ބޮބީ އަކީ ޑިމްޕަލް ކަޕާޑިއާ އެވެ.
ބެލެވޭ ގޮތުން ކުނާލްގެ އާ ފިލްމުގެ ނަމުގައި ބޮބީ އާއި ރިޝީގެ ނަން ހިމަނާފައި ވަނީ މިދިޔަ އަހަރު މަރުވި އެކްޓަރު ހަނދާންތަކާ ގުޅުވައިގެންނެވެ. ރިޝީ އަކީ ކުނާލް 2006 ގައި އާމިރު ޚާނާއި ކާޖޮލްއާ އެކު ގެނެސްދިން "ފަނާ" އާއި ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީގެ 2004 ގެ "ހަމް ތުމް" ގެ ރޯލެއް ކުޅުނު އެކްޓަރެކެވެ.
"ބޮބީ އޯރް ރިޝީ ކީ ލަވްސްޓޯރީ" ގެ ލީޑް ތަރިންނަކީ ވަރުދާން ޕޫރީ އާއި "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރްގެ އަންހެން ދަރިފުޅު ކަވޭރީ ކަޕޫރާއި ކުރީގެ އެކްޓަރު އަމްރިޝް ޕޫރީ ކާފަ ދަރިފުޅު ވަރުދާން ޕޫރީ އެވެ. ވަރުދާނަކީ 2019 ގެ ރޮމޭންޓިކް ތުރިލާ "ޔޭ ސާލީ އާޝިގީ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ.
"ބޮބީ އޯރް ރިޝީ ކީ ލަވްސްޓޯރީ" އަކީ ކަވޭރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ. އޭނާގެ މަންމަ އަކީ ޝާހްރުކް ޚާންގެ 1994 ގެ ފިލްމު "ކަބީ ހާ ކަބީ ނާ" ގެ ބަތަލާ ސުޗިތުރާ ކްރިޝްނަމުރުތީ އެވެ.
ކުނާލް، 50، އެންމެ ފަހުން ގެނެސްދިން ލޯބީގެ ފިލްމަކީ ޕްރިޔަންކާ ޗޯޕްރާ އާއި ޝާހިދު ކަޕޫރްގެ 2012 ގެ "ތޭރީ މޭރީ ކަހާނީ" އެވެ. ކުނާލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ޒީ5 އިން ޕްރީމިއާކުރި ސްޕައި ތުރިލާ "ލާހޯރް ކޮންފިޑެންޝަލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy