ރަވީނާ.
06 ސެޕްޓެމްބަރ 2021 - 07:04
ދާދި ފަހުން ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް، ނަން އިއުލާން ނުކުރާ ތުރިލާ ފިލްމަކީ ބަތަލާ ރަވީނާ ޓަންޑަންގެ ކެރިއަރުގައި މިހާތަނަށް ފެންނާނެ އެންމެ ތަފާތު ރޯލަށް ވާނެ ކަމަށާއި އަދި މި ފިލްމަކީ ބެލުންތެރިން ސިއްސުވައިލާނެ ރޯލެއް ކުޅެފައިވާ ފިލްމެއް ކަމަށް ޑައިރެކްޓަރު މަނީޝް ގުޕްތާ ބުނެފި އެވެ.
ކުރިން ވެސް ތުރިލާތައް ކަމަށްވާ "ސްޓޯންމޭން މާޑާސް" އާއި "ރަހަސިއާ" އަދި "ހޮސްޓެލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރަވީނާ އަށް ތައުރީފުކުރަމުން ބުނީ އެއީ ރީތިކަމާ އެއްވަރަށް ޝަހުސިއްޔަތު ވެސް ވަރަށް ވަރުގަދަ ބަތަލާއެއް ކަމަށެވެ.
މަނީޝް ތުރިލާގައި ރަވީނާ ކުޅެފައި ވަނީ ގްރޭ ޝޭޑްތަކުން ފުރިފައިވާ ނެގަޓިވް ކެރެކްޓާއެކެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އަކީ ވެސް ރަވީނާގެ ގްރޭ ޝޭޑްސް ކެރެކްޓާއެއް ކުޅެފައިވާ ފިލްމެކެވެ.
"އަހަރެންގެ ތުރިލާގައި ބެލުންތެރިން ވަރަށް ވެސް ހީނުކުރާ ކަހަލަ ރޯލަކުން ރަވީނާ ފެންނާނީ. އަހަރެން ވަރަށް އުފާކުރަން މި ފިލްމުގައި ރަވީނާއާ އެކު މަސައްކަތްކުރަން ލިބުނީމަ،" މަނީޝް ބުންޏެވެ. "އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ބަތަލާއެއް. ގަޑިއަށް އެހާމެ ފަރުވާ ބަހައްޓާ އަދި ސެޓްގައި ވަރަށް ޕޮލައިޓް ބަތަލާއެއް ރަވީނާ އަކީ."
އޭނާ ބުނި ގޮތުގައި ރަވީނާ އަކީ ޖާދޫއެއް ކަހަލަ ބަތަލާއެކެވެ. އެގޮތުން ކޮންމެ މަންޒަރެއް ވެސް ކިޔައިދޭ ވަރަށް ވުރެ މޮޅަށް އޭނާ އިންސާފުކޮށްދޭ ކަމަށް ބުންޏެވެ.
"އަހަންނަށް ވަރަށް ޔަގީން މި ފިލްމާ އެކު ސްކްރީނުން ރަވީނާގެ ޖާދޫ އެތައް ގުނައަކަށް ފެނިގެން ދާނެ." މަނީޝް ބުންޏެވެ.
ރަވީނާ، 46، އަކީ 90 ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދައިލި އެއް ބަތަލާ އެވެ. މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ޝަބް" އެވެ.
ރަވީނާގެ އަތުގައި މިހާރު "ލެގަސީ" ކިޔާ ވެބް ސީރީޒެއް ވެސް އެބައޮތެވެ. ވިޖޭ ގުއްޓޭ ޑައިރެކްޓްކުރާ ސީރީޒްގެ ބަތަލަކީ އަކްޝޭ ކަންނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy