07 ސެޕްޓެމްބަރ 2021 - 07:18
ބޮލީވުޑްގެ ފާހަގަކޮށްލެވޭ މަޝްހޫރު އެކްޓަރުންނާ އެކު މަސައްކަތްކުރަން ލިބެމުން އަންނަ ޒުވާން ބަތަލާ މުރްނާލް ތާކޫރު އަނެއްކާ ވެސް ބޮޑު ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފަހަރުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު އަދިތިޔާ ރޯއި ކަޕޫރް ސޮއިކުރި ތަމަޅަ ފިލްމު "ތަޅަމް" ގެ ހިންދީ ރިމޭކެކެވެ. މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ނިއު ދިއްލީގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ ބަތަލާގެ ރޯލަށް މުރްނާލް ސޮއިކުރިކަން ފިލްމުގެ ޓީމުން ވެސް މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށް ދީފަ އެވެ.
ޓީ ސީރީޒްގެ ބުޝަން ކުމާރާއި މުރާދު ކެތާނީގެ ސިނެ 1 ސްޓޫޑިއޯސް ގުޅިގެން ހަދަން ނިންމާފައިވާ "ތަޅަމް" ގެ ރިމޭކްގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުދާން ކެތުކަރް އެވެ.
ދެހާސް ނަވާރައިގައި ރިލީޒްކުރި "ތަޅަމް" އަކީ މަގީޒް ތިރުމޭނީ ޑައިރެކްޓްކުރި ވަރަށް ކާމިޔާބު އެކްޝަން ތުރިލާއެކެވެ. ބަތަލު އަރުޖުން ވިޖޭ ޑަބަލް ރޯލެއް ކުޅުނު ފިލްމުގެ ބަތަލާ އަކީ ތާނިއާ ހޯޕް އެވެ.
"ތަޅަމް" ގެ ހިންދީ ރިމޭކް ވާނީ އަދިތިޔާ ޑަބަލް ރޯލެއް ކުޅޭ ފުރަތަމަ ފިލްމަށެވެ. މިދިޔަ އަހަރު "މަލަންގް" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "އޯމް: ދަ ބެޓްލް ވިތިން" އެވެ.
ޖުލައި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ފަރުޚާން އަޚްތަރުގެ "ތޫފާން" ގެ ބަތަލާ މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ "ޖާޒީ" އާއި އަބިމަންޔޫ ދައްސާނީގެ "އާނކް މިޗޯލީ" އާއި ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރުގެ "ޕިއްޕާ" އަދި ތެލެގޫ އެކްޓަރު ދަލްގޫރް ސަލްމާނާ އެކު ކުޅޭ ފިލްމެއް ހިމެނެ އެވެ.
ކުރިއަރަމުން އަންނަ 29 އަހަރުގެ ބަތަލާ އަކީ ރިތިކް ރޯޝަންގެ 2019 ގެ "ސުޕަ 30" އާއި އެ އަހަރުގެ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ ވެސް ބަތަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy