އަނަންޔާ.
08 ސެޕްޓެމްބަރ 2021 - 07:01
ފިލްމީ ކެރިއަރުގައި ކާމިޔާބީ އާއި ނާކާމިޔާބީއާ ވެސް ކުރިމަތިވާނެ ކަމަށާއި އެކަމަކު ނާކާމިޔާބީއާ ދޭތެރޭ ބިރުނުގަންނަ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
މިހާތަނަށް ތިން ފިލްމަކުން ފެނިފައިވާ 22 އަހަރުގެ ބަތަލާ ބުނި ގޮތުގައި ފިލްމީ ތަރިއެއްގެ ކެރިއަރު ވަޒަންކުރުމުގައި ގިނަ ބަޔަކު އަބަދު ވެސް އެ މީހެއްގެ ކާމިޔާބީ އާއި ނާކާމިޔާބީގެ މިންގަނޑުން ކިރާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ދެ ފުށް އޮންނާނެ ކަމަށާއި ކޮންމެ ގޮތަކަށް ދިމާވިޔަސް އެއީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ބުންޏެވެ.
"ދިރިއުޅުމުގައި އަޑިގުޑަންތައް އަންނަ ގޮތަށް ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކާމިޔާބީއާ އާއި ނާކާމިޔާބީ ކުރިމަތިވާނެ. އަހަރެން އެކަން ނަގަނީ ޕޮޒިޓްވްކޮށް. އަދި ބޭނުން ވަނީ ކެރިއަރުގައި ހެދޭ ގޯސްތަކުން އިބުރަތް ހޯދައިގެން ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށްދާން،" އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބުންޏެވެ.
އަނަންޔާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ އެ އަހަރުގެ "ޕަތީ ޕަތުނީ އޯރް ވޯ" އާއި މިދިޔަ އަހަރުގެ "ކާލީ ޕީލީ" އިންނެވެ. އަނަންޔާ ބޮލީވުޑަށް ނުކުތް ފަހުން ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެންމެ ބޮޑަށް އަމާޒުވާ ފާޑުކިޔުމަކީ އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ރައްދުކުރާ ބަސްތަކެވެ.
"އިންޑަސްޓްރީ އަށް އަހަރެން ނުކުތީ މި ދާއިރާގެ އެއްވެސް ކަމެއް ނޭނގި، ވަރަށް އާކޮށް. ދެން ކުރިއަށް ދިއުމުގައި އޮންނާނީ އެ މީހަކު ކުރާ މަސައްކަތުން ލިބޭ ތަޖުރިބާ އާއި އޭގެ ބޭނުން ހިފާ ގޮތެއް،" އަނަންޔާ ބުންޏެވެ. "އަހަރެން އަބަދު ވެސް ފާޑުކިޔުންތައް ނަގާނީ ޕޮޒިޓިވްކޮށް. އޭރުން ކަންކަން ރަނގަޅުކުރަން އެނގޭނީ."
އޭނާ ބުނި ގޮތުގައި މިހާރު ވެސް އިންޑަސްޓްރީގައި ވަރަށް ޒުވާން ބަތަލާއިން ތިބުމާއި އަދި ތައާރަފުވާން ވެސް އެތައް ބަޔަކު ތިބުމާ އެކު، ވާދަވެރިކަން ވެސް ބޮޑުވާނެ އެވެ. އެކަމަކު ކޮންމެ މީހަކު ވެސް ހިތްވަރާ އެކު ބުރަކޮށް މަސައްކަތްކުރާ ނަމަ ބެލުންތެރިން އެ މީހަކު ބަލައިގަންނާނެ ކަމަށް ބުންޏެވެ.
ކުރިއަރަމުން އަންނަ ބަތަލާގެ ދެ ފިލްމެއްގެ މަސައްކަތް މިހާރު ވެސް އޮތީ ނިމިފަ އެވެ. އެއީ އަދި ނަން އިއުލާންނުކުރާ، ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ދައިރިއާ ކަރްވާ ހިމެނޭ ޑާކް ރިލޭޝަންޝިޕް ޑްރާމާއަކާއި އިންޑިއާގެ ދެކުނު މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާއާ އެކު ކުޅެފައިވާ ރޮމޭންޓިކް ސްޕޯޓްސް ފިލްމު "ލައިގާ" އެވެ.
މި ދެ ފިލްމަކީ ވެސް އަނަންޔާ ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ދެ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy