08 ސެޕްޓެމްބަރ 2021 - 06:54
ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "އަންތިމް: ދަ ފައިނަލް ޓްތުރު" މި އަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ފިލްމުގެ ލަވަތަކުގެ ތެރެއިން އެކްޓަރު ވަރުން ދަވަން ހިމަނައިގެން ގެނެސްދޭން ހަމަޖެހިފައިވާ ހާއްސަ ލަވަ އަންނަ ހުކުރު ދުވަހު ދައްކަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި ފިލްމުގެ ޕޯސްޓަރު ވެސް އަންގާރަ ދުވަހު ވަނީ ދައްކާލައިފަ އެވެ. އެހެންވެ "އަންތިމް" ގެ ޕްރޮމޯޝަނަލް މެޓީރިއަލްތައް އަންނަ ފެށުމަކީ މި އަހަރު ފިލްމު ގެނެސްދޭކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެކެވެ. ޕޯސްޓަރުގައި ވެސް ބުނެފައި ވަނީ "ކަމިން ސޫން" އެވެ.
މިދިޔަ އަހަރު ފަހުކޮޅު ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް ފިލްމުގެ ޓީޒާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު ދައްކައިލި އިރު ވެސް، މި އަހަރު ފިލްމު ގެނެސްދީފާނެކަމުގެ އިޝާރާތެއް ދީފައި އޮތެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އަދިވެސް އިންޑިއާގެ ހުރިހާ ސިނަމާތަކެއް ވަކިން ހާސަކޮށް، ބޮލީވުޑް ނިސްބަތްވާ މުމްބާއީ އޮންނަ މަހާރަޝްތުރާ ސްޓޭޓްގެ ގިނަ ސިނަމާތައް ނުހުޅުވާތީ، ފިލްމީ ދާއިރާގެ މީހުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.
"އަންތިމް" ގެ ޕޯސްޓަރު ސަލްމާނާއި އޭނާއާ އެކީ ފިލްމުގައި ދެން އެންމެ މުހިއްމު އެއް ރޯލެއް ކުޅުނު ޅިޔަނު އާޔޫޝް ޝަރުމާ ވެސް އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށްފައިވެ އެވެ. އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރި ފިލްމުގައި ސަލްމާނަކީ ފަގުޑި އެޅީ ފުލުހެކެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ. އެހެންވެ މި ދެ މީހުންގެ ވަރުގަދަ ކުރިމަތިލުންތަކެއް "އަންތިމް" އިން ފެންނާނެ އެވެ. މި ފިލްމަކީ އާޔޫޝްގެ ދެވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ނެރުނީ ސަލްމާން 2018 ގައި ޕްރޮޑިއުސްކޮށް ގެނެސްދިން "ލަވްޔާތުރީ" އިންނެވެ.
"އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ސަލްމާނާއި އާޔޫޝްގެ ފިލްމުގެ ކާސްޓްގައި ޖިއްޝޫ ސެންގުޕްތާ، ޕްރަގިއާ ޖައިސްވާލް އަދި ނިތިކިން ދީރް ހިމެނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 13 ގައި ރިލީޒްކުރި "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެވެ. މި ވަގުތު އޭނާ ހުރީ "ޓައިގާ 3" ގެ ޝޫޓިން އަށް ތުރުކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy