ކަލިއާނީ، 28، އެކްޓިން އަށް ނުކުތީ 2017 ގެ ތެލެގޫ ފިލްމު "ހެލޯ" އިން
ޕްރިޔަދަރުޝަން.
14 ސެޕްޓެމްބަރ 2021 - 06:51
އަންހެން ދަރިފުޅު ކަލިއާނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ކުޅަދާނަ ޑައިރެކްޓަރު ޕްރިޔަދަރުޝަން ބުނެފި އެވެ.
ދާދި ފަހުން "ހަންގާމާ 2" ގެނެސްދިން ޕްރިޔަދަރުޝަން ބުނި ގޮތުގައި އޭނާ އެންމެ އުފާވާ އަދި އެންމެ ފަހުރުވެރިވާ ކަމަކީ ބައްޕަގެ ނުފޫޒާއި ހިޔަންޏާ އެކީގައި ކުރިއަށް ދާން ފުރުސަތުތައް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ސީދާ އަމިއްލަ މަސައްކަތާއި ހުނަރުން ދަރިފުޅު ފުރުސަތުތައް ހޯދުމެވެ.
އެމެރިކާގެ ނިއު ޔޯކްގެ ޕާސަންސް ސްކޫލް އޮފް ޑިޒައިން އިން އާކިޓެޗަ ދާއިރާ އިން ބެޗްލަ އޮފް އާޓްސް ހާސިލުކޮށްފައިވާ ކަލިއާނީ އަކީ މިހާރު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަންނަ ބަތަލާއެކެވެ. އޭނާ އަކީ ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ފިލްމުތައް ކުޅޭ ބަތަލާ އެވެ. މިހާރު އުމުރުން 28 އަހަރުގެ ކަލިއާނީ އެކްޓިން އަށް ނުކުތީ 2017 ގެ ތެލެގޫ ފިލްމު "ހެލޯ" އިންނެވެ. އެއީ ބައްޕައާ އެއްވެސް ގުޅުމެއް ނެތް ފިލްމެކެވެ. "ހެލޯ" ގެ ބަތަލަކީ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ހަގު ފިރިހެން ދަރިފުޅު އާހިލް އަކިނޭނީ އެވެ.
ކަލިއާނީ އަކީ ޕްރިޔަދަރުޝަންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރުފުޅެވެ. ހަގަށް ހުންނަނީ ސިދާތު ޕްރިޔަދަރުޝަން، 26، އެވެ.
އިންޑިއާގެ އެތައް ބަހަކުން އެތައް ފިލްމެއް ހަދާފައިވާ ޕްރިދަރުޝަން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަލިއާނީ ވަރަށް އަވަހަށް ހިންދީ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ ފިލްމަކީ ވެސް ބައްޕަގެ ބައިވެރިވުމެއް އޮންނާނެ ފިލްމެއް ނޫން ކަމަށް ބުންޏެވެ.
"އާއިލީ ސަޕޯޓާއި އެހީއާ ނުލައި ވެސް ޕްރޮފެޝަނަލްކޮށް ކުރިއަށް ދެވިދާނެކަން ދަރިފުޅު ވަނީ ސާބިތުކޮށް ދީފައި. ވަރަށް އުފާކުރަން އޭނާ މިހާތަނަށް ހާސިލުކުރި ކަންކަމާ ދޭތެރޭ،" ޕްރިޔަދަރުޝަން ބުންޏެވެ. "އަބަދު ވެސް ކަލިއާނީ އަކީ ވަރަށް އިންޑިޕެންޑެންޓްކޮށް އަދި އަމިއްލަ ބުރަ މަސައްކަތުން ކުރިއަށް ދާން ހިތްވަރުލާ ކުއްޖެއް."
ކަލިއާނީގެ ފަސް ފިލްމެއް ތެލެގޫ، ތަމަޅަ އަދި މަލަޔާޅަމް ބަހުން މިހާތަނަށް ރިލީޒްވެފައިވާ އިރު އޭނާގެ އަތުގައި މިހާރު ވެސް ހަތަރު ފިލްމެއް އެބައޮތެވެ.
އޭގެ ތެރެއިން އެކައްޗަކީ މަސައްކަތް ނިމި އެކަމަކު ރިލީޒްނުކުރާނެ ތާރީހެއް އިއުލާން ނުކުރާ ބައްޕަ ޕްރިޔަދަރުޝަންގެ ތާރީހީ ހަނގުރާމަ ފިލްމު "މަރަކައްރު: ލަޔަން އޮފް ދަ އަރޭބިއަން ސީ" އެވެ. އެ ފިލްމުގެ ކާސްޓްގައި މޯހަންލާލާއި ސުނިލް ޝެޓީ އާއި ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ކީރްތީ ސުރޭޝް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލ.އަތޮޅު
14 September 2021
ވަރަށް ލޯބި އަދި ރީތިކުއްޖެއް، ނުގެއްލެނީސް ލިބިއްޖިޔާ ރަނގަޅު