ސާނިއާ.
14 ސެޕްޓެމްބަރ 2021 - 06:49
ބޮލީވުޑްގައި ކުރިން ހަދަމުން އައި ކަހަލަ ނަށާ ލަވަ ހުންނަ ފިލްމަކަށް ވަރަށް އުންމީދުކުރެވޭ ކަމަށް، އަރަމުން އަންނަ ޒުވާން ބަތަލާ ސާނިއާ މަލްއުތުރާ ބުނެފި އެވެ.
އާމިރު ޚާންގެ "ޑަންގަލް" އިން 2016 ގައި ބޮލީވުޑަށް ނުކުތް 29 އަހަރުގެ ބަތަލާ އީ-ޓައިމްސް އަށް ދިން އިންޓަވިއުއްގައި ބުނީ އޭނާ ބޮޑުވަމުން އައިއިރު ވެސް ނެށުމުގެ ފޯރި ގަދަ ފިލްމުތަކަށް ވަރަށް ބޮޑު ޝައުގުވެރިވާ ކަމަށެވެ.
"އެހެންވެ އެކަހަލަ ފިލްމެއް ކޮންމެވެސް ހިސާބަކުން ކުޅެލަން ލިބޭނެ ކަމަށް ވަރަށް އުންމީދުކުރަން،" ސާނިއާ ބުންޏެވެ.
އޭނާ ބުނީ މި ފަހުން ބޮލީވުޑްގެ ފިލްމުތައް ގެނެސްދޭ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެ، މިއުޒާއި ނެށުމުގެ ފޯރި ގަދަ ފިލްމުތައް މިހާރު ވަރަށް މަދު ކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ހިނގަނީ ތަފާތު ކޮންޓެންޓްތަކަށް ހަދާ، ރިއަލިސްޓިކް ފިލްމުތައް ކަމަށްވާތީ އެ ބަދަލު ވެސް ބަލައިގަންނަން ޖެހޭ ކަމަށް ބުންޏެވެ.
"ކުރިއާ ހިލާފަށް މިއުޒިކާއި ނެށުމުގެ ފާޑުވެރިކަން ބޮޑު ފިލްމުތައް މިހާރު ވަރަށް މަދު ކަންނޭނގޭ. އެކަމަކު އަހަރެން ވަރަށް ބޭނުން އެކަހަލަ ފިލްމެއް ކުޅެން. ނެށުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް،" ދާދި ފަހުން ޒީޓީގެ "ކޮމެޑީ ޝޯ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، އެ ޝޯގެ ޖަޖް އަދި މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާންގެ ކުރިމަތީގައި ނެށުމުގެ ހުނަރުތަކެއް ދެއްކި ބަތަލާ ބުންޏެވެ.
ސާނިއާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން 2018 ގެ "ބަދާއީ ހޯ" ގައި ދައްކާ ޕާޓީއެއްގެ ތެރޭ ކިޔާ ލަވަޔަކުން ނެށުމުގެ ހުނަރު ދައްކާލަ އެވެ.
މިދިޔަ އަހަރުގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" ގެ ކާސްޓްގައި ހިމެނުނު ސާނިއާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ޕަގްލައިޓް" އެވެ. މިހާރު ރާޖްކުމާރު ރާއޯއާ އެކު ތެލެގޫ ފިލްމު "ހިޓް" ގެ ހިންދީ ރިމޭކްގެ މަސައްކަތްކުރަމުން އަންނަ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަބިމަންޔޫ ދައްސާނީގެ "މީނާކްޝީ ސުންދަރޭޝްވަރް" އާއި ބޮބީ ޑިއޯލްގެ "ލަވް ހޯސްޓެލް" ގެ އިތުރުން ޝާހްރުކް ޚާންގެ "ޖަވާން" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗީޑި
14 September 2021
ތިކަމަނާ ތިކަން ބޭނުންވަންޏާ ޓީވީއެމްން ދައްކާނެ މެންދުރުފަސް ކިއާ ޕްރޮޮގްރާމެއް. ބަލާލަބަ. ފަހަރެއްގައި އަނގަ ސަކަރާއްވެގެން ހޮޑުލަވާ ގޮތްވެއްޖާ ނިއްވާލާތި.