ވިޝާލް.
17 ސެޕްޓެމްބަރ 2021 - 07:06
ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދްވާޖް ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ކުއްތޭ" މިދިޔަ މަހު އިއުލާންކުރުމަށް ފަހު، ވިޝާލް ވެސް އަލުން ޑައިރެކްޓަރުގެ ގޮނޑީގައި އީށީންނަން ތައްޔާރު ވެއްޖެ އެވެ.
އެންމެ ފަހުން 2018 ގެ "ޕަޓާކާ" ގެނެސްދިން ވިޝާލްގެ އާ ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ސްޕައި ތުރިލާ "ކޫފިޔާ" އެވެ. މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔުންތެރިޔާ އަމަރް ބުޝަން ލިޔެފައިވާ "އެސްކޭޕް ޓު ނޯވެއާ" ބިނާކޮށް ހަދާ އެއްޗެކެވެ.
"ކޫފިޔާ" ގެ މައިގަނޑު ކެރެކްޓާ އަކީ ކްރިޝްނާ މެހެރާ ކިޔާ ރޯ އޭޖެންޓެކެވެ.
ފިލްމަށް ނަގާފައިވާ ކާސްޓުންނަކީ ވިޝާލާ އެކު ކުރިން ވެސް މަސައްކަތްކޮށްފައިވާ އަދި ދަރިފުޅުގެ ފިލްމު ކާސްޓްގައި ވެސް ހިމެނޭ ތައްބޫގެ އިތުރުން އަލީ ފަޒަލް އާއި ވަމީގާ ގައްބީގެ އިތުރުން އަޝިޝް ވިދިއާތީ އެވެ.
އާ ފިލްމާ ބެހޭ ގޮތުން ވިޝާލް ބުނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާ އަދި ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ އެތައް ހާދިސާތަކެއް ފެންނާނެ ކަމަށާއި މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
ލަވަކިޔުންތެރިޔާ ރޭކާ ބަރަދްވާޖްގެ ފިރިމީހާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "މަގުބޫލް"، "ކަމީނޭ"، "ސާތު ހޫ މާފް"، "އޯމްކާރާ"، "ހައިދަރު" އަދި "ރަންގޫން" ހިމެނެ އެވެ.
އަބަދު ވެސް ވަރަށް ތަފާތު ސްޓައިލަކަށް އަދި އާންމުކޮށް ޑާކް ތީމްކަށް ފިލްމު ހަދާ ވިޝާލްގެ ސްޓައިލްގައި ފިލްމު ހަދަން ދަރިފުޅު އާސްމާން ވެސް މަސައްކަތް ފަށާފައި އިރު، އޭނާގެ ފިލްމު "ކުއްތޭ" ގެ ކާސްޓުންނަކީ ތައްބޫ އާއި އަރުޖުން ކަޕޫރާއި ކޮންކޮނާ ސެން ޝަރުމާ އާއި ނަސީރުއްދީން ޝާހާއި ކުމުދު މިޝްރާ އާއި ރާދިކާ މަދަންގެ އިތުރުން ޝަރަދުލް ބަރަދްވާޖެވެ.
އެެ ފިލްމަކީ އާސްމާނާއި އޭނާގެ ބައްޕަ ގުޅިގެން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy