18 ސެޕްޓެމްބަރ 2021 - 07:37
ތަމަޅަ ޑައިރެކްޓަރު އެޓްލީއާ އެކު ބޮލީވުޑްގެ އެކްޓަރު ޝާހުރުކް ޚާން މަސައްކަތްކުރާ ފިލްމުގެ ނަމަކީ "ލަޔަން" ކަމަށް ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ މަންޒަރުތަކެއް ދާދި ފަހުން ޕޫނޭގައި ނެގި އިރު، ބައެއް މީޑިއާތަކުން ފިލްމުގެ ނަމަކީ "ޖަވާން" ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު ފިލްމުގެ ނަމަކީ "ލަޔަން" ކަން ކަށަވަރުވާ ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ ސިޓީ އަކީ ޕޫނޭގެ ސަންޓް ތުކުރާމް ނަގަރު މެޓްރޯ ސްޓޭޝަނުގައި ފިލްމުގެ މަންޒަރުތަކެއް މިދިޔަ މަހުގެ 27 އިން މި މަހުގެ 7 އަށް ނެގި އިރު، ކާސްޓާއި ކްރޫގެ ވެހިކަލްތައް ޕާކްކުރާނެ ޖާގަ ހޯދުމަށް، ފިލްމު ޕްރޮޑިއުސްކުރާ ސަން ޑޭ ފިލްމްސް އިން ރޭލު ސްޓޭޝަން އޮޕަރޭޓްކުރާ އިދާރާ އަށް ފޮނުވި ސިޓީއެކެވެ. އެ ސިޓީގައި، ޝާހްރުކާއި ދެކުނުގެ ބަތަލާ ނަޔަންތަރާ ލީޑް ރޯލު ކުޅޭ ފިލްމުގެ ނަމަކީ "ލަޔަން" ކަމަށް ބުނެފައިވެ އެވެ.
#SRK - #Atlee film tentatively titled as 'LION' as per this letter.@iamsrk pic.twitter.com/3emr8Z3bfY
— JUST A FAN. (@iamsrk_brk) September 15, 2021
ޝާހްރުކާއި އެޓްލީގެ ފިލްމުގެ ވާހަކަ 2019 އިން ފެށިގެން މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ރަސްމީކޮށް ދައްކައިފައެއް ނުވެ އެވެ. "ލަޔަން" އަކީ ސަން ޑޭ ފިލްމްސް އާއި ޝާހްރުކްގެ ރެޑް ޗިލީޒް ގުޅިގެން ހަދާ ފިލްމެކެވެ.
އޭނާ ޑަބަލް ރޯލެއް ކުޅޭ ފިލްމުގެ ކާސްޓްގައި ސުނިލް ގްރޯވާ އާއި ސާނިއާ މަލްއުތުރާގެ އިތުރުން ދެކުނުގެ ތަރިން ކަމަށްވާ ރާނާ ދަގޫބަތީ އާއި ޕްރިޔަމަނީ ވެސް ހިމެނެ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެޓްލީ އާއި ޝާހްރުކް އަމާޒު ހިފާފައި އޮތީ "ލަޔަން" ގެ ޝޫޓިން އަންނަ އަހަރުގެ މާޗްގެ ނިޔަލަށް އެއްކޮށް ނިންމުމަށެވެ. ސަބަބަކީ މެއި މަހުގެ ތެރޭގައި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކު މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމަށް ވެސް ޝާހްރުކް ތައްޔާރުވާން ޖެހުމެވެ.
"ލަޔަން" ގެ މަސައްކަތް ޝާހްރުކް ފެށި އިރު، ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" ގެ މަސައްކަތް ވެސް އޭނާ އަންނަނީ މިދިޔަ އަހަރުން ފެށިގެން ކުރަމުންނެވެ. ވަރަށް ބޮޑު ބައި މިހާރު ޝޫޓްކޮށް ނިމިފައިވާ އެ ފިލްމުގެ މަންޒަރުތަކެއް ނަގަން އަންނަ މަހުގެ ތެރޭގައި ސްޕެއިނަށް ދާނެ އެވެ. "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.
މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ޕްލޮޕްވި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy