އަޔޫޝްމަން.
10 އޮކްޓޯބަރ 2021 - 06:46
އަބަދު ވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކުގެ ފިލްމު ކުޅެގެން އާންމުންގެ ލޯބި ހޯދި ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކްރާނާ ފުރަތަމަ ފަހަރަށް އެކްޝަން ފިލްމަކަށް ސޮއިކޮށްފި އެވެ.
"އެކްޝަން ހީރޯ" ގެ ނަން ދީފައިވާ އަދި ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް، އަނިރުދު އައްޔަރު ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކުރިން ވެސް އާނަންދު ޕްރޮޑިިއުސްކުރި ދެ ފިލްމެއް އަޔޫޝްމަން ކުޅެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި 2017 ގައި ގެނެސްދިން އޭގެ ޕްރީކްއެލް "ޝުބް މަންގަލް ސާވްދާން" އެވެ.
"އެކްޝަން ހީރޯ" އިއުލާންކުރި ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. އާނަންދުގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ.
ދެހާސް ބާރައިގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުމެ ކާމިޔާބު ފިލްމަތަކެއް ގެނެސްދީފައިވާ އަޔޫޝްމަން، 37، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ގުލާބޯ ސިތާބޯ" އެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗަންދީގަޅް ކަރޭ އާޝިގީ" އާއި "އަނޭކް" އަދި "ޑޮކްޓަރު ޖީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy