ޒަނާއީ.
17 އޮކްޓޯބަރ 2021 - 07:18
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ މާމަދަރިޔަކު ބޮލީވުޑަށް ނެރެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ވާހަކަ ދެކެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އާޝާގެ މާމަދަރިއެއް ކަމަށްވާ ޒަނާއީ ބޯސްލޭ ބޮލީވުޑަށް ނެރެދިނުމަށް ބަންސާލީ އަށް ހުށަހެޅީ ސީދާ އާޝާ ކަމަށެވެ. އަދި އަދި މިކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުންޏެވެ. އާޝާ އަކީ އަބަދު ބެސް ބަންސާލީ އާއި އޭނާގެ މަންމަ ލީލާ ބަންސާލީއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި އެ މީހުންގެ ގެއަށް އާންމުކޮށް ޒިޔާރަތް ވެސްކޮށް އުޅޭ ފަންނާނެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި ޒަނާއީ، 19، އެކްޓިން އަށް ނުކުންނަން ބޭނުންވާތީ އާޝާ، 88، ގެ އެންމެ ބޮޑު ހުވަފެނަކީ ބަންސާލީގެ ފިލްމަކުން މާމަދަރިފުޅުގެ ބޮލީވުޑް ދަތުރު ފެށުމެވެ. ޒަނާއީ އަކީ މިއުޒިކްގެ ތެރޭގައި ވެސް އުޅޭ ޒުވާނެކެވެ. އޭނާ އަކީ އާޝާގެ ތިން ކުދިންގެ ތެރެއިން އާނަންދު ބޯސްލޭގެ ދަރިއެކެވެ.
ޒަނާއީ ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އާއިލާގެ ފަރާތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އާޝާ އާއި ދައްތަ ލަތާ މަންގޭޝްކަރްގެ އާއިލާ އަކީ ބަތަލާ ޝްރަދާ ކަޕޫރްގެ މަންމަ ފަރާތު އާއިލާ އެވެ. ޝަރްދާގެ މަންމަ އަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ކޮއްކޮ ޝިވާންގީ ކޯލަޕޫރީ އެވެ.
ބަންސާލީ ބޮލީވުޑަށް ނެރުނު ތަރިންގެ ތެރޭގައި އޭނާ ޑައިރެކްޓްކުރި 2007 ގެ "ސާވަރިޔާ" އިން ނެރުނު ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރްގެ އިތުރުން ޕްރޮޑިއުސްކޮށް 2019 ގައި ނެރުނު "މަލާލް" އިން ކޮއްކޮ ބޭލާ ސޭގަލްގެ އަންހެން ދަރިފުޅު ޝަރުމަން ސޭގަލް އާއި އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ އަދި މި އަހަރުގެ "ފްރައިޑޭސް އެންޑް ޓިއުޒްޑޭސް" އިން ނެރުނު ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު އަންމޯލް ދިލަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy