ޕަލަކް.
03 ނޮވެމްބަރ 2021 - 07:08
ބޮލީވުޑަށް ނުކުންނަން މިހާރު ތައްޔާރު ވަމުން އަންނަ ޕަލަކް ތިވާރީގެ ފިލްމުގެ ކުރިން އޭނާގެ އެކްޓިން ބެލުންތެރިންނަށް ވީޑިއޯ ލަވައަކުން ދައްކާލައިފި އެވެ.
މި ލަވަ އަކީ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ހާޑީ ސަންދޫއާ އެކު ޕަލަކް ފެނިގެންދާ ވަރަށް ފޯރިގަދަ ލަވައެއް ކަމަށްވާ "ބިޖްލީ ބިޖްލީ" އެވެ. ލަވަ އާންމު ކުރުމާ ގުޅިގެން ސަލްމާން ޚާން ލަވަ އަށް ކާމިޔާބީ އަށް އެދި ޕަލަކް ހާޑީ ޓެގްކޮށް އިންސްޓަގްރާމްގައި މަރުހަބާ ވެސް ކިޔާފައިވެ އެވެ.
ޕަލަކް އަކީ ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝްވޭތާ ތިވާރީގެ ދަރިއެކެވެ. އުމުރުން މިހާރު 21 ގެ އަހަރުގެ ޕަލަކް ބޮލީވުޑަށް ނެރޭ ފިލްމަކީ ދާދި ފަހުން ޓީޒާއެއް ވެސް ދައްކައިލި "ރޯޒީ" އެވެ.
އެ ފިލްމު ރިލީޒް ކުރާނެ އިރެއް އަދި އިއުލާންކޮށްފައި ނުވާ އިރު، މި ފަހުން ފިލްމާ ބެހޭ ގޮތުން އެރި އެއް އަޑަކީ ފައިސާގެ މައްސަލަތަކެއް ޖެހި، އޭގެ މަސައްކަތަށް ބުރޫއަރާފައިވާ ވާހަކަ އެވެ. "ރޯޒީ" ގެ ކާސްޓްގައި ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާނާއި މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީގެ އިތުރުން ވިޝްވަޖީތު ޕްރަދާން ވެސް ހިމެނެ އެވެ.
ދަރިފުޅު ޕަލަކްގެ ފުރަތަމަ ވީޑިއޯ ލަވަ އާންމުންނަށް ދޫކޮށްލި އިރު، ޝްވޭތާ، 41، އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރުގައި ކަލާޒް އިން ނިންމައިލި ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 11" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy