ރޮކް އާއި ޕްރިޔަންކާ ފިލްމު "ބޭވޮޗް" ގައި
08 ޑިސެމްބަރ 2016 - 06:33
"ބޭވޮޗް" އަކީ އަންނަ އަހަރަށް ހުރި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ފިލްމެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ލައިފްގާޑުންތަކެއްގެ ވާހަކަ ކިޔައިދޭ "ބޭވޮޗް" ސީރީޒްގެ އާ ފެށުމެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު މި ފަހަރު ވަރަށް ހާއްސަ އެވެ.
އެއް ކަމަކީ މި ފިލްމުގެ މުހިއްމު ރޯލަކުން ޑްވޭން ޖޯންސަން (ރޮކް) ފެނިގެން ދިއުމެވެ.
ފިލްމަށް އިންތިޒާރު ކުރެވޭ މައިގަނޑު އަނެއް ސަބަބަކީ "ކްއަންޓިކޯ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ ފުރަތަމަ ފީޗާ ފިލްމަށް "ބޭވޮޗް" ވެގެން ދިއުމެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ޕެރަމައުންޓް ޕިކްޗާސް އިން މި ފިލްމު ރިލީސްކުރަން އޮތީ މެއި 19، 2017 ގަ އެވެ. އެކަމަކު އެ ތާރީހު މިހާރު ވަނީ މެއި 26 އަށް ފަސްކޮށްފަ އެވެ.
މި ގެނައި ބަދަލާ އެކު ބޮކްސް އޮފީހުގައި "ބޭވޮޗް" ވަރުގަދަ އެހެން ދެ ފިލްމަކާ ވެސް ކުރިމަތިލާނެ އެވެ. އެއީ ކެޕްޓަން ޖެކްސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެންނަ މަޝްހޫރު ފިލްމު ސިލްސިލާ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ވަނަ ފިލްމު "ޑެޑް މޭން ޓެލް ނޯ ޓޭލްސް" އާއި ޖޭކް ގިލެންހާލްގެ "ލައިފް" އެވެ.
މި ދެ ފިލްމާ އެއް ދުވަހެއްގައި "ބޭވޮޗް" ރިލީޒް ކުރަން ނިންމި ސަބަބެއް ޕެރަމައުންޓުން ހާމައެއް ނުކުރެ އެވެ، އެކަމަކު ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ވަރުގަދަ އެހެން ދެ ފިލްމަކާ އެކު "ބޭވޮޗް ރިލީޒް ކުރިޔަސް، އެ ފިލްމުގެ ވިޔަފާރި އަށް ނޭދެވޭ އަސަރެއް ނުކުރާނެ އެވެ.
ސަބަބަކީ އަނެއް ދެ ފިލްމާ "ބޭވޮޗް" ގެ ވާހަކަ މާ ބޮޑަށް ވެސް ތަފާތުވުމެވެ. މިއީ އެކްޝަން/ކޮމެޑީއެކެވެ.
ރޮކް އާއި ޒެކް އެފްރޮން: ފިލްމް "ބޭވޮޗް" ގައި
ސެތު ގޯޑެން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒެކް އެފްރޮން، އެލެގްޒެންޑްރާ ޑަޑާރިއޯ އަދި ކެލީ ރޯބަޗް ހިމެނެ އެވެ.
މީގެ އިތުރުން "ބޭވޮޗް" ސީރީޒްގެ އެންމެ މުހިއްމު ދެ ތަރިން ކަމަށްވާ ޑޭވިޑް ހެސެލްހޮފާއި ޕަމޭލާ އެންޑަސަން ވެސް ފިލްމުން ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy