ޕަޔެޓުގެ މޮޅު ގޯލުން ފްރާންސަށް ކާމިޔާބު ފެށުމެއް

ޕެރިސް (ޖޫން 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ފްރާންސާއި ރޫމޭނިއާ 1-1 އިން އެއްވަރުވާން ދަނިކޮށް ޑިމިޓްރީ ޕަޔެޓް ފަހު ވަގުތު ޖެހި މޮޅު ގޯލާ އެކު 2-1 އިން ފްރާންސް މޮޅުވެއްޖެ އެވެ.


ޕެރިހުގެ ސްޓޭޑް ޑި ފްރާންސުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ ރުމޭނިއާ އިންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމުގެ ބޮގްޑަން ސްޓަންޗޫ ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖަހަން ފްރާންސަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. އެގޮތުން އޮލިވިއޭ ޖިރޯ އާއި އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވުނެވެ. ޖިރޯ ބޮލުން ފޮނުވާލި ދެ ބޯޅަ ގޯލާ ސީދާ ނުވެ ދިޔައިރު، ގްރީޒްމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފް ފެށިގެން ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ލީޑު ނަަގައިފަ އެވެ. މި ލަނޑު މެޗުގެ 57 ވަަނަ މިނިޓްގައި ކާމިޔާބުކުރީ ޖިރޯ އެވެ. ޕަޔެޓް ނަގައިދިން ހުރަހަކުން ޖިރޯ މި ލަނޑު ޖެހީ ބޮލުންނެވެ.

ރުމޭނިއާގެ ކްރިސްޓިއަން ސަޕުނާރޫ (ވ) ކައިރިން ފްރާންސްގެ ޕަޔެޓް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ލަނޑާ އެކު ޖިރޯ ވެގެންދިޔައީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހި ފްރާންސްގެ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ފުރަތަމަ ކުޅުންތެރިޔަކީ 1984 ވަނަ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހި ފްރާންސްގެ ކުރީގެ ތަރި މިޝެލް ޕްލަޓިނީ އެވެ.

ފްރާންސަށް ލީޑު ހިފަހައްޓާ ލެވުނީ އަށް މިނިޓް ވަންދެނެވެ. މެޗުގެ 65 ވަނަ މިނިޓްގައި ރުމޭނިއާ އަށް އެއްވަރުކޮށްދިނީ ސްޓަންޗޫ އެވެ. މި ޕެނަލްޓީ ލިބުނީ ފްރާންސްގެ ޕެކްޓްރިސް އެވްރާ ރުމޭނިއާގެ ނިކޮލައެ ސްޓަންކޫ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ރުމޭނިއާ އިން އެއްވަރު ކުރުމާ އެކު ފްރާންސް އިން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކަށް ފެނުނީ މުހިއްމު ކުޅުންތެރިޔާ ސެންޓްރަލް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބަދަލުގައި ފޯވާޑް އެންތަނީ މާޝިއަލް ކުޅެން އެރުވުމެވެ. ރުމޭނިއާ ކުޅުންތެރިން މެޗު ލަަސް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފްރާންސް މޮޅުކޮށްދިން ލަނޑު ޕަޔެޓް ކާމިޔާބުކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާ ބޭރުން ޕަޔެޓް އުންޑައެއްގެ ބާރު މިމުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ އަލްބޭނިއާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރެވެ.