ޓީޝާޓް އަރިމަތިން ބާގަނޑެއް، މިވެސް ފެޝަނެއް

ފެޝަން ކުންފުނިތަކުން ފެޝަނުގެ ގޮތުގައި އާދަޔާ ހިލާފް ކަންކަން ކުރެ އެވެ. މި ފަހުން ނެރުނު މިފަދަ ކިތަންމެ އުފެއްދުމަކަށް އާންމުންގެ މަލާމާތާއި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.


އިނގިރޭސި ފެޝަން ކުންފުނި އެސޮސް އިން ނެރެގެން އުޅޭ ފިރިހެނުންގެ މި ޓީޝާޓަކީ ވެސް މިހާރު ފެޝަނެކެވެ. މި ޓީޝާޓް ހުންނަނީ ދެ ފަރާތުގެ އަރިމަތިން ބޮޑު ދެ ބާގަނޑު ކަނޑައިފަ އެވެ.

އެހެންވެ ލައިގެން ހުންނަ އިރު، ދެ ފަރާތުގެ އަރިކަށި އިންނާނީ ފެންނާށެވެ. ފިރިހެނުންނަށް ހާއްސަ އުފެއްދުމެއްގެ ގޮތުގައި މި ޒާތުގެ ޓީޝާޓެއް ނެރެ ވިއްކަން ފެށި އިރު، މިގޮތަށް ޑިޒައިންކޮށްފައި ހުންނަ ގައުން ހުޅަނގުގެ އަންހެނުން ލައިގެން އުޅޭ ތަން ފެނެ އެވެ. ހާއްސަކޮށް ރެޑްކާޕެޓް ކަހަލަ އިވެންޓްތަކުން މި ޒާތުގެ ފެޝަންތައް ފެންނާނެ އެވެ.

އަރިމަތިން ބާގަނޑެއް ކެނޑި ޓީޝާޓް ނެރެ، އެސޮސް އިން އެންމެ ފުރަތަމަ ވިއްކަން ފެށީ 20 ޕައުންޑަށެވެ. އެކަމަކު މީގެ ޓީޝާޓެއް މިހާރު އެ ކުންފުނީގެ ވެބްސައިޓާއި ފިހާރަތަކުން ވެސް ގަނެވޭނެ އެވެ. ގިނަ ބަޔަކު ދަނީ މި ޓީޝާޓަށް ޖޯކްޖަހައި މަލާމާތްކުރަމުންނެވެ. ބައެއް މީހުން ވަނީ އުނަގަނޑުގައި ޖަހާފައި ހުންނަ މަސްތައް، މި ޓީޝާޓް ލައިގެން ދައްކަން ބޭނުންވާނީ ކޮން ފިރިހެނުންނެއްތޯ ވެސް ސުވާކޮށްފަ އެވެ.

ޓީޝާޓަށް ޖޯކް ޖަހަމުން ބައެއް ބުނީ މި ލައިގެން ހުރެ ޖީންސްގެ އަތް ޖީބަށް އަތްޖަހަން އުޅެފި ނަމަ އަތް ވަންނާނީ ޓީޝާޓްގެ ތެރެއަށް ކަމަށެވެ.

ޓީޝާޓަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެސޮސް އިން ވަނީ ރައްދު ވެސް ދީފަ އެވެ. އެގޮތުން އެއަށް ފާޑުކީ މީހަކު ޓެގްކޮށް ބުނެފައި ވަނީ "މިއީ މާކެޓްގައި އޮތް ހުސްތަނެއް ފުރާލަދޭނެ އުފެއްދުމެއް" ކަމަށެވެ.