ފީޗާސް

އުމްރާއާ ގުޅޭ މިލިއަން ރުފިޔާގެ ބޮޑު މަކަރެއް

އުމްރާއަށް ދާ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ޑީބީ ޓްރެވަލްސް އިން ވަނީ މަކަރާއި ހީލަތުން ވަނީ 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް 168 ވަގު ޓިކެޓު ވިއްކާފައި.--- ފޮޓޯ / މިހާރު

މުހައްމަދު މުބާރަކް، 48، މި ނޮވެމްބަރު މަހު އުމްރާއަށް ދާން ހިތުލައިގެން ތައްޔާރުވާން ފެށީ މީގެ ހަ މަސް ކުރިންނެވެ. ނުވަ ދަރިންނަށް ހަރަދު ކުރަމުން އަދި ގޭގެ ކުލި ދައްކަމުން ފައިސާ ރައްކާކުރަމުން ގޮސް އެ ދަތުރަށް ފައިސާ ދެއްކުނީ މިދިއަ އޯގަސްޓު މަހު އެވެ.

އެކަމަކު އުމުރާ ވުމުގެ އުއްމީދު ފުރިހަމަކުރަން ހޯމަ ދުވަހު އެއާޕޯޓަށް ފުރަން ދިއުމުން މުބާރަކަށް ލިބުނީ ބޮޑު ސިހުމެކެވެ. ވަގު ޓިކެޓުތަކެއްގެ ސަބަބުން އޭނާ އާއި އިތުރު އެތައް ބަޔަކަށް ފުރޭ ގޮތެއް ނުވި އެވެ.

"އަޅުގަނޑު ހިތަށްއެރީ ހާދަ ބޮޑު ދެރައެކޭ މިވީ. ވަރަށް މާޔޫސްވި އެ ގަޑީގައި،" އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުބާރަކް ބުންޏެވެ.

ގާތްގަނޑަކަށް 50 މީހުންނަށް ނުފުރުނީ އަސްކޮއި ހައްޖު، އުމްރާ ގްރޫޕަށް އެމީހުންގެ ނަމުގައި ވިއްކާފައި ވަނީ ވަގު ޓިކެޓްތަކަކަށް ވުމުންނެވެ. އެ ޓިކެޓްތައް ދޫކޮށްފައި ހުރީ އޭސް އޭވިއޭޝަން ނަމުގަ އެވެ. ސްރީ ލަންކަންސް އެއާލައިންސްގެ ފްލައިޓު ނަންބަރެއް ޖަހައި، ފުރާ މީހުންގެ ނަމާއި ފުރާ މަންޒިލް ވެސް އޭގައި އޮތެވެ. އެކަމަކު ފްލައިޓް ނަންބަރު ގޯހެވެ. އޭގެ 168 ޓިކެޓު އަސްކޮއި ގްރޫޕަށް އޮތީ ވިއްކާފަ އެވެ. އެ ހުރިހާ ޓިކެޓެއްގެ އަގު ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

"ޓިކެޓު ލިބުނީމަ އަޅުގަނޑުމެން ވެސް ބެލީ ފުރާ މީހާގެ ނަމާއި މަންޒިލް އޮތީ ރަނގަޅަށްތޯ. ދެން ހޯމަ ދުވަހު އެއާޕޯޓަށް ދިއުމުގެ ކުރިން، އާދައިގެ މަތިން ފްލައިޓަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވޭތޯ ބަލަން ގުޅީމަ މި އެނގުނީ ސްރީ ލަންކަން އެއާލައިންސްގެ އެ ނަންބަރުގެ ފްލައިޓެއް ފުރަން ހަމަޖެހިފައި ނެތްކަން،" އަސްކޮއި ގްރޫޕުގެ އިސް ފަރާތަކުން، ނޫހުގައި ނަން ނުޖެހުމަށް އެދި، ބުންޏެވެ.

ހައްޖާއި އުމްރާގެ އަޅުކަމަށް ދިއުމުގައި ދިވެހިންނަށް އެތައް ފަހަރަކު ލަނޑު ލިބިއްޖެ އެވެ. މީގެ ކުރިން 2012 ގައި ގްރޫޕަކުން ހައްޖަށް ދާން އުޅުނު 175 މީހަކަށް ފުރޭ ގޮތެއް ނުވި އެވެ. އެއީ 12 މިލިއަން ރުފިޔާގެ ހީލަތެކެވެ. އަލް ފަތުހު ހައްޖު ގްރޫޕާ ގުޅިގެން 2014 ގައި ހައްޖަށް ދާން އުޅުނު 125 މީހަކަށް ވެސް ޖެހުނީ އެ ހާލެވެ.

ހައްޖާއި އުމްރާއަށް ދާން އުޅުނު މީހުންނަށް މީގެ ކުރިން މަކަރު ހަދާފައި ހުރީ އެމީހުން ފައިސާ ދެއްކި ގްރޫޕްތަކުންނެވެ. އެކަމަކު މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގެނީ އަސްކޮއި ހައްޖު، އުމްރާ ގްރޫޕުން ސީދާ އެ ހީލަތުގައި ބައިވެރިނުވާ ކަމެވެ. މައްސަލަ ޖެހިގެން އުޅެނީ ޓިކެޓު ވިއްކި އޭޖެންޓް މަކަރު ހެދުމުންނެވެ.

އަސްކޮއި ގްރޫޕުން ޓިކެޓު ގަތުމުގެ ކަންކަން ހަވާލުކޮށްފައި އޮތީ ސަމްހާ ގްރޫޕް އިންޓަނޭޝަލް ކިޔާ ކުންފުންޏަކާ އެވެ. ސަމްހާ އިން ޓިކެޓު ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ކިޔާ ބައެއްގެ އަތުންނެވެ. އުމުރާން ދާން އުޅުނު 216 މީހެއްގެ ޓިކެޓް ގަންނަން 2.1 މިލިއަން ރުފިޔާ، މީގެ ހަތަރު މަސް ކުރިން އެޖެންޓާ ހަވާލުކުރި ކަމަށްވެ އެވެ.

އެކަމަކު ޑީބީ ޓްރެވަލްސް މެދުވެރިކޮށް ސަމްހާ ގްރޫޕުން ގަތް 216 ޓިކެޓުގެ ވަގު ޓިކެޓްގެ އަދަދަކީ 168 އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އެވެ.

"ހުރިހާ ފައިސާއެއް ވެސް ބަރާބަރަށް ދައްކާފައި ހުންނާނީ. ފައިސާ ދެއްކީ ވެސް އަޅުގަނޑުމެން ސަމްހާ ގްރޫޕުގެ ބޭންކް އެކައުންޓުން ޑީބީ ޓްރެވަލްސްގެ ބޭންކް އެކައުންޓަށް. އިންވޮއިސް އާއި ވައުޗަރާ ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން އަތުގައި އެބަހުރި،" ސަމްހާ ގްރޫޕުގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރަޝީދު އަބްދުﷲ ވިދާޅުވި އެވެ.

"މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި ފުލުހުން ވަނީ އެ މައްސަލައިގައި ޑީބީ ޓްރެވަލްސްގެ އިސް ފަރާތެއް ކަމަށްވާ އަބްދުﷲ މުތީއުއާ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުންގެ ފަރާތުން އަދި ނުލިބެ އެވެ.

އަބްދުއްރަޝީދު ވިދާޅުވީ ސަމްހާ ގްރޫޕަށް ވިއްކި ޓިކެޓުތަކުގެ ތެރޭގައި ވަގު ޓިކެޓު ހިމެނޭ ކަމަށް މުތީއު އެއްބަސްވެފައިވާ ކަމަށެވެ.

"އޭނާ ވަނީ އެކަމަށް އެއްބަސްވެފައި. ފުލުހުން ކައިރި ބުނީ އެމީހުންގެ އޮފީހުގައި އުޅޭ މުވައްޒަފަކު ހަދާފައިވާ ޓިކެޓުތަކެއް ކަމަށް،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

ވަގު ޓިކެޓުތައް ހެދި މުވައްޒަފު އައްޑޫ މަގުން ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ވީހާވެސް އަގުހެޔޮކޮށް ޓިކެޓް ގަންނަން އުޅުން

ޑީބީ ޓްރެވަލްސް އިން ދޫކުރީ ރާއްޖޭގައި ވަރަށް ފުޅާކޮށް އެއާލައިންތަކުގެ ޓިކެޓް ވިއްކަމުން އަންނަ އޭސް އޭވިއޭޝަން ނަމުގައި ހަދާފައި ހުރި ވަގު ޓިކެޓުތަކެކެވެ.

އޭސް އޭވިއޭޝަންސްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ވަގު ޓިކެޓުތަކެއް ދޫކޮށްފައި ހުރުމުން އެ މައްސަލައިގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މި ކަމުގައި އޭނާ ވަނީ ވަރަށް މުހިންމު ނުކުތާއެއް ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ވީހާވެސް އަގު ހެޔޮކޮށް ޓިކެޓު ހޯދަން "އެހެން އެރޭންޖްމަންޓެއް" ހަދާފައިވާ ކަމަށް އޭނާ ޝައްކުކުރައްވަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، ފިރާގު ވިދާޅުވި ގޮތުގައި، ޑީބީ ޓްރެވަލްސްއަށް ރާއްޖޭގައި އެއާލައިން ޓިކެޓު ވިއްކުމުގެ ހުއްދަ ނެތުމެވެ.

"އުމްރާ އަދި ހައްޖު ގްރޫޕްތަކަށް އެނގެންވާނެ ރާއްޖޭގައި އާންމުކޮށް ޓިކެޓު ވިއްކާ އޭޖެންޓުން. އަޅުގަނޑުމެން ބެލިބެލުމުން އެއީ ޓިކެޓު ވިއްކަން ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބިފައި އޮތް ކުންފުންޏެއް ނޫން. އަޅުގަނޑަށް ހީވަނީ މިކަމުގައި އެހެން އެރޭންޖްމަންޓެއް ހެދިފައި އެބަ އޮތް ހެން،" ފިރާގް ވިދާޅުވި އެވެ.

ހޯމަ ދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައި އޮތް 50 މީހުންގެ ޓިކެޓް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އަސްކޮއި ގްރޫޕުގެ ހަވާލުގައި އަންނަ ޑިސެމްބަރު މަހު އުމުރާއަށް ފުރަން ހަމަޖެހިފައިވާ އެތައް ބައެއްގެ ނަމުގައި ވެސް ވަގު ޓިކެޓް ވިއްކާފައިވެ އެވެ. އެ މީހުންގެ ދަތުރަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.

އަސްކޮއި ހައްޖު، އުމްރާ ގްރޫޕަށް މި މައްސަލަ ދިމާވެގެން މި އުޅެނީ ޓިކެޓު ވިއްކުމުގެ ހުއްދަ ނެތް ބައެއްގެ ފަރާތުން ނަމަ އެއީ އެ ގްރޫޕުން ހެދި ގޯހެކެވެ.

މި މައްސަލަ ބަލައި އަދި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

7 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 84%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ވަގާ ކޮބައިތޯކެ

27 November 2018

‫އަސްކޮއިގެ އިހުމާލުވެސް އިންތިހާއަށް އެބަ އޮތް. ޓިކެޓް ވިއްކުމުގެ ހުއްދަ ނެތް ބަޔެއްގެ އަތުން އެއްފަހަރާ އެހާ ގިނަ ސްލޮޓް ނަގާއިރު ބަލަންވާނެ, ޔަގީންކުރަންވާނެ

The name is already taken The name is available. Register?

27 November 2018

ޙައްޖާ ޢުމުރާގެ ކަންކަމުގައި ގުރޫޕުތަކުން މިއަށްވުރެ ބޮޑަށް ޒިންމާދާރުވާންވެއްޖެއެއްނު. ކޮންމެފަހަރަކުވެސް އެއަރޕޯޓަށް ދިޔައިމާ، ނޫނީ ފުރަން އޮތް ދުވަސް ޖެހުނީމާ ކޮންމެވެސް ބަޔަކު މަކަރު ހަދައިގެން ނުފުރުނިއްޔޭ، ވިސާ ހަމަނުޖެހުނިއްޔޭ ކިޔާ ނިންމާލައިގެން ވާން އެބައޮތްތޯއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފުރާ މީހާއަށް މިޖެހެނީ އިންތިހާއަށް ނުތަނަވަސްވެހުރެ ފުރަން. %100 ޔަޤީންކޮށް މިކަން ކުރެވޭގޮތެއް ނުވޭ..

The name is already taken The name is available. Register?

ދި ކޮއި

27 November 2018

ދެން އެކަކު ވެސް ނުދާތި މި ގުރޫޕު ނަމުގައި

The name is already taken The name is available. Register?

ފަތުހު

27 November 2018

އަޅުގަނޑުގެ މަންމައާ ބައްޕަ ހައްޖައް ދިއުމަށް 2014 ވަނަ އަހަރު ފަތުހު ޖަމާއަތަށް ފައިސާ ދެއްކިން. އެކަމަކު އެ ފައިސާއަށް ވީގޮތެއް އަދިވެސް ނޭންގެ ފައިސާ ދެއްކި ފަރާތުން ބުނާ ގޮތުން ކޯޓުން މައްސަލަ ސާބިތު ވެފައެއް ނުވޭ. ޕީޖީގެ އިހުމާލު. މިހާރު ނޫހުން މިކަން ބަލާ ދިނުންމަކީ ވަރަށްބޮޑަށް އެދޭ ކަމެއް.

The name is already taken The name is available. Register?

އަންކަލޯ

27 November 2018

ކޮބާ އިސްލާމިކް މިނިސްޓަރ، ކޮބާ އިބޫ ރައިސް، މިކަން ކަން ހައްލުކުރޭ.... ވެރިމީހާ ބަސްބުނަންޖެހޭ ހިސާބަށް ގޮއްސަ މިއޮތީ. ތިގޮނޑުގަ ފަސޭހަޔަކުން ނީންދެވޭނެ.

The name is already taken The name is available. Register?

ޖަނީ

27 November 2018

ބަލަ ޑީބީ ޓްރެވަލްސް އޭ ކިޔުމުގެ ބޭނުމެއްނެތް، ތީ އޮގނައިޒް ކޮރައިމް، މީގަ ބަލަންވީ އަސްކޮއެ ހައްޖު ގްރޫޕުން ޓިކެޓް ތައް ގަތުމަށް ހަވާލުކުރީ ސަމްހާ ކިޔާ ކުންފުންޏަކާ، މީގަ ޒިންމާ އުފުލަން ޖެހޭނީ އެކުންފުނިން، އެކުންފުނިން ޖެހޭނެ މީ ރަގަޅު ޓިކެޓް ތަކެއްތޯވެސް ޗެކުކުރަން، އެއްވެސް އެއްޗެއް ބެލުމެއްނެތި މިކަންކުރީ، ސަމްހާ ބޮޑު މީހާ ދަށަށްޖަހާފަ ބާޒާރުމަތީގަ އެބައުޅޭ، ކަމެއްވެގެން އުޅޭހެންވެސް ހީވެސްނުވޭ،

The name is already taken The name is available. Register?

ސަމްސިއްޔާ

27 November 2018

މޮޔަވީތަ؟؟ ޒިންމާ ނަގަން ޖެހޭނީ އަސްކޮއި ހައްޖުގުރޫޕުން. އަހަރުމެން ބަލާކަށް ބޭނުމެއްނޫން ކޮންބައަކާތޯ އެމީހުން ޓިކެޓް ގަންނަން ހަވާލުކުރީ. އަހަރުމެން ފައިސާ ދެއްކީ އަސްކޮއި ހައްޖު، އުމްރާ ގްރޫޕަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454