ސުޝީ: މަގްބޫލުވަމުން އަންނަ ކެއުމެއް
14 މެއި 2017 - 06:06
ޖަޕާނުގެ މަޝްހޫރު ކެއުމެއް ކަމަށްވާ ސުޝީ އަކީ މިހާރު ގިނަ ބަޔަކަށް ވަރަށް މީރުވެގެން ކާ ކެއުމެކެވެ. ނުކައްކާ ނުވަތަ ވަރަށް ކުޑަކޮށް ރޯފިލުވާލާފައި ހުންނަ މަހުން ތައްޔާރުކުރާ މި ބާވަތުގެ ކެއުމުން ސިއްހީ ސީރިއަސް މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފަ އެވެ.
ހުޅަނގުގެ ގައުމުތަކުގައި ސުޝީ ކަހަލަ، ރަނގަޅަށް ރޯ ނުފިލުވާ ހުންނަ މަހުން އުފައްދާ ކާނާތައް ކެއުން އާންމު ވަމުންދާއިރު ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ވިސްނާލަން ޖެހޭ ކަމަށް ސައިންސްވެރިން ވެސް ބުނެފައިވެ އެވެ.
ޕޯޗުގަލްގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ވަނީ ބަނޑުގެ މަތީ ބައިގައި އާދަޔާޚިލާފަށް ރިއްސާތީ އުޅުނު 32 އަހަރުގެ މީހަކަށް ފަރުވާ ދީފަ އެވެ. ބަނޑުގައި ރިހުމުގެ އިތުރުން މި މީހާ ހުން އައިސް ހޮޑު ލެވޭތާ ވެސް އޭރު ވަނީ ހަފުތާއެއްހާ ދުވަސް ވެފަ އެވެ. މި މީހާގެ ލޭ ޓެސްޓްކުރުމުން ނަތީޖާ ދެއްކީ ކޮންމެވެސް ވަރަކަށް ބަނޑުގައި ދުޅަ ހުރި ކަމަށެވެ. އަދި އޭނާގެ މޭކަށިގަނޑުގެ ތިރީގައި ހޫނުކަމެއް ހުރިކަން ޑޮކްޓަރުން ފާހަގަކުރި އެވެ.
ބަނޑުގައިވާ ފަންޏާއި ބިސްތައް އެންޑޮސްކޮޕީން ފެންނަން
މި މީހާ ޑޮކްޓަރުން ގާތު ބުނި ގޮތުގައި އޭނާއަށް މިކަން ދިމާވީ ސުޝީ ކޭ ފަހުންނެވެ. އެ ހިސާބުން ޑޮކްޓަރުންނަށް މީނާއަށް ޖެހިގެން މިއުޅެނީ އާނިސާކިއާސިސް ކިޔާ ބައްޔެއްކަން އެނގުނެވެ.
މި ބަލި ޖެހެނީ ރޮލާ ނުވަތަ ރަނގަޅަށް ނުކައްކާ ހުންނަ ސީފުޑްގައި އުފެދޭ އާނިސާކިސް ކިޔާ ޕެރަސައިޓުންނެވެ. މި މީހާގެ އެންޑޮސްކޮޕީ ހަދައިގެން ބެލިއިރު އޭނާގެ ބަނޑުން ދުޅަވެ ރިއްސާ ހިސާބުގައި ފަންޏެއް އުފެދި ބޮޑުވެ އޭތި ވަރަށް ގިނަ އަދަދެއްގެ ބިސްތައް އަޅާފައި ހުރިތަން ފެނުނެވެ. އަދި މި ފަނިތައް ހުރުމުގެ ސަބަބުން ބަނޑުގެ އެތެރެ ފަށަލަ ދުޅަވެ އިންފްލެމޭޝަން ހުރިކަން ވެސް ޑޮކްޓަރުންނަށް ޔަގީން ކުރެވުނެވެ.
މި ފަނިތައް، މިކަމަށް ޚާއްސަކޮށްފައިވާ ދާގަޑެއް ބޭނުންކޮށްގެން ނެގުމުން އެ މީހާގެ ބަނޑުގައި ރިއްސުން ރަނގަޅުވެ ފަސޭހަވި އެވެ. މި ފަނިތައް ލެބޯޓްރީގައި ތަހުލީލުކޮށް ބެލިއިރު މިއީ އާނިސާކިސް ކިޔާ ވައްތަރެއްގެ ފަނިތަކެއްކަން ޔަގީން ކުރެވުނެވެ.
މި ބަލި ޖެހިގެން ފަރުވާ ހޯދާ މީހުން އެންމެ ގިނައީ ޖަޕާނުގައި ކަމަށާއި ސަބަބަކީ އެމީހުންނަކީ ރޯ މަސް އާންމުކޮށް ކާ ބަޔަކަށް ވާތީ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސުޝީ އަކީ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. އެއީ ކެލޮރީ މަދުން ހުންނަ ކެއުމަކަށް ވާތީ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ހަގީގަތުގައި ސުޝީ އަކީ އިންސާނާގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. މީގެ ތެރެއިން އެއް ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ގަވާއިދުން ސުޝީ ކާ މީހުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯކްރޭޓީސް
14 May 2017
ސޫޝީ އާއި ސަޝީމީގެ ފަރަގު ނޭނގޭގޮތަށް އާޓިކަލް އޮތުމުން ހުރިހާ ސޫޝީއަކީ ރޯނުފިލުވާ އެއްޗެތިކަމަށް ކިޔުންތެރިންނަށް ހީވެދާނެ. އެންމެ ކުރު ތަޢާރަފް ؛ ސޫޝީއަކީ ބަތް ރޯލްކޮށްގެން ޖަޕާނުމީހުން ހަދާ ކާއެއްޗެއް. ވަރަށް ގިނައިން ރޯނުފިލުވާ ކަނޑުމަސް އަޅާފަ ހުރެދާނެ. އެކަމަކު އެނޫން ބާވަތްތައްވެސް ހުރޭ. މިސާލަކަށް އެވޮކާޑޯ ސޫޝީ. ސަޝީމީ އަކީ އަބަދުވެސް ރޯނުފިލުވާ ހަދާ އެއްޗެއް. ހަމައެކަނި މަސްފޮއްޗަކަށްވެސް ވެދާން. ކޮންމެހެން ބަތްނުހިމެނޭ.