ސޮފްޓް ޑްރިންކުން ލިބޭ ގެއްލުންތައް ބޮޑު
05 ސެޕްޓެމްބަރ 2019 - 07:51
ދުވާލަކު އެންމެ ދެ ސޮފްޓް ޑްރިންކް ބުޔަސް ސިއްހަތަށް ނުރައްކާވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޔޫރަޕްގެ 10 ގައުމެއްގެ 450،000 މީހުންގެ ސިއްހީ ރެކޯޑް ދިރާސާކުރުމަށް ނެރުނު ރިޕޯޓެއްގައި ބުނީ ހަކުރާއި އާޓިފިޝަލް ސްވީޓްނާ އެކުލެވޭ ލުއި ބުއިންތައް، ދުވާލަކު ގިނަވެގެން ދެ ފަހަރު ބުޔަސް އެކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވާ ކަމަށާއި އެފަދަ ބުއިންތައް އާދަކޮށް ބޯ މީހުންގެ އުމުރު ވެސް ކުރުވާ ކަމަށެވެ.
ދިރާސާ އަށް މައުލޫމާތު އެއްކުރި މީހުންގެ ތެރޭގައި، ހަކުރު ބައްޔާއި ކެންސަރާއި ހިތުގެ ބަލިތައް ވެސް އާންމު ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ. އެފަދަ ބަކިތަކަކީ މީހާގެ އުމުރު ކުރުކޮށްލާ ކަހަލަ ބަލިތަކެވެ.
މި ދިރާސާ އަށް، ގާތްގަނޑަކަށް 16 އަހަރަށް މީހުންގެ ސިއްހީ ރެކޯޑްތައް ބެލެހެއްޓި އިރު، އެ މުއްދަތުގެ ތެރޭގައި އެ މީހުން ކެއުން ބަހައްޓާ ގޮތާއި ކަސްރަތު ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަރުދަނާއި ލުއިބުއިންތަކާއި ހަކަތަ ލިއްބައިދޭ އެކި ކަހަލަ ބުއިންތަކާއި ތާޒާ މޭވާގެ ޖޫސް ބުއި މިންވަރު ވެސް ބަލާފައިވެ އެވެ.
ޖަމާ އިންޓާނަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނިގޮތުގައި ދިރާސާ ހެދި މުއްދަތުގެ ތެރޭގައި މަހެއްގެ މައްޗަށް ތައްޓަކަށް ވުރެ މަދުން ސޮފްޓް ޑްރިންކް ބުއި މީހުންގެ މަރުގެ ނިސްބަތް 9.3 ޕަސެންޓްގައި ހުރި އިރު، ދުވާލެއްގެ މައްޗަށް ދެ ބުއިން ނުވަތަ 250 މިލިލީޓަރުގެ ސޮފްޓް ޑްރިންކް ބުއި މީހުން މަރުވި ނިސްވަތް 11.5 ޕަސެންޓަށް އަރަ އެވެ. މާނަ އަކީ ދުވާލަކު މަދުވެގެން ދެ ސޮފްޓް ޑްރިންކް ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކާ އެކު އެފަދަ މީހުން މަރުވާލެއް އަވަސްވުމެވެ.
ޒުވާނަކު ސޮފްޓް ޑްރިންކަކާ އެކު.
ދިރާސާގައި ވަނީ އެފަދަ ބުއިންތައް ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކީ ކޮބައިތޯ ވެސް ބަލައިފަ އެވެ. އެގޮތުން އާންމުކޮށް ސޮފްޓް ޑްރިންކްތައް ބޯ މީހުންނަށް ދިމާވާ އެންމެ އާންމު ބައްޔަކީ ސާކިއުލޭޓަރީ ޑިޒީސް އެވެ. އޭގެ ތެރޭގައި ހާޓްއެޓޭކް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.
މީގެ އިތުރުން އެފަދަ މީހުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ޑައިޖެސްޓިވް ޑިޒީސް ނުވަތަ ހަޖަމުކުރުމުގެ ނިޒާމު ހަލާކުވުމާއި ޕާކިންސަން ޑިޒީސް ނުވަތަ ތުރުތުރު އަޅާބަލި ހިމެނެ އެވެ.
"އެހެންވީމާ އެބަޖެހޭ ސޮފްޓް ޑްރިންކް ވީހާ ވެސް ބޮޑަށް ލިމިޓްކޮށް، އެފަދަ ބުއިންތަކުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ސިއްހަތަށް ފައިދާހުރި ބުއިންތަކަށް އިސްކަން ދޭން،" ޑަބްލިއުއެޗްއޯގެ ދަށުން ހިންގާ އިންޓަނެޝަނަލް އެޖެންސީ ފޮ ރިސާޗް އޮން ކެންސާގެ ފަރާތުން ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޑރ. ނީލް މާފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ލުއިބުއިންތަކަކީ "ސުގަ-ސްވީޓްންޑް" އެއްޗިއްސަށްވާތީ ރައްކާތެރި ގޮތަަކީ މިފަދަ ބާވަތްތަކަށް ނޫނެކޭ ބުނުމެވެ.
"ހަމަމިއާ އެކު އަދި އެބަޖެހޭ އާޓިފިޝަލް ސްވީޓްނާއިން ލިބޭ ސިއްހީ ނުރަނގަޅު ކަންކަން ދެނެގަންނަން އިތުރު މަސައްކަތްތަކެއް ކުރަން ވެސް،" މާފީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނިކް
06 September 2019
މިހާރު ރާއްޖޭގައި ހަކުރުބަލި ޖެހިފަތިބި މީހުންނަކީ ސޮފްޓުޑުރިނކް ބޮއެގެން ހަކުރު މައްޗައް ދިޔަ ބައެއް ހެން ހާދަ ހީނުވެޔެ.
ބީތާވާ
05 September 2019
ކީއްވެގެންބާ ކޮކާކޯލާ ޕްރޮމޯޝަންތަށްް ނުހުއްޓުވެނީ މިރާއްޖޭގަ! ފުޑް ޑެލިވަރ ކޮއްދޭ ގިނަ ތަންތަނުން ލިބޭނީ ސޮފްޓް ޑްރިންކެއް ފްރީ ނަމުގަ. މިސާލަކަށް ޕިއްޒާ ބޯނާ އިން ލިބޭނީ ހަމައެކަނި ކޯކު.