ސިއްހަތު

މިވާ ގޮތެއް އެނގޭތަ؟ މިއީ އަހަރެމެން ގެނައި ބަލިމަޑުކަމެއް

ަޗައިނާގެ ވޫހާންގައި ކޮރޯނާވައިރަސް އަރައިގެން ބަލިވި މީހަކަށް ފަރުވާ ދޭން ގެންދަނީ: މިއީ އިންސާނުންގެ އަމަލްތައް ހުންނަ ގޮތުން ކުރިމަތިވެގެން އުޅޭ މައްސަލައެއް

30 ޖެނުއަރީ 2020 - 07:49

37 comments

އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ސައިންސްވެރިންގެ ބަޔަކު، މީގެ އެތައް އަހަރެއް ކުރިން، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ހޮހަޅައަކަށް ވަނެވެ. މި ސައިންސްވެރިންގެ ބިރަކަށް ވެފައި އޮތީ، އޭގެ ކުރިން 2002-2003 ގައި، ޗައިނާއިން އުފެދުނު ސާސް ރޯގާ ކަހަލަ ބިރުވެރި ބަލިމަޑުކަމެއް އަަނެއްކާވެސް ކުރިމަތިވެދާނެތީ، އޭގެ ނުރައްކާ ދެނެގަތުމެވެ.

މި ސައިންސްވެރިންގެ ޓީމުގައި އިސްކޮށް ހުންނެވީ، މިހާރު ޗައިނާގެ ވޫހާން ސިޓީ އާއި އެ ސިޓީ ނިސްބަތްވާ ހުބޭ ޕްރޮވިންސްގައި އުފަންވެ، އިންސާނުންގެ ފުރާާނައަށް ނުރައްކާ ކުރަމުން ދާ ބިރުވެރި ނޮވެލް ކޮރޯނާވައިރަސްއަށް ނަން ދިން ކަރުދާހުގެ ވެސް އިސް ލިއުންތެރިޔާ ޒެންގް-ލީ ޝީ އެވެ. އޭނާ އަކީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ސައިންސްވެރިއެކެވެ.

ޔުނާން ޕްރޮވިންސް އޮންނަނީ ވޫހާންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ހާހެއްހާ ކިލޯމީޓަރު ދުރުގަ އެވެ. ހޮހަޅާގައި އުޅުނު ވާލެއްގެ ސީ ޓެސްޓްކޮށް ބެލިއިރު އެއިން ފެނުނު ވައިރަސް އާއި މިހާރު އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ، ގައިންގަޔަށް އަރާ ރޯގާއަކަށް ހަދާލި ވައިރަސްގެ ސިފަތަައް 96 ޕަސެންޓް އެއްގޮތެވެ.

ކޮންމެވެސް ދުވަހަކުން، މިއަދު ނޫނީ މާދަމާ، އިންސާނުންގެ ތެރެއަށް އެ ނުރައްކާތެރި ވައިރަސް ފުންމާލައި، ބިރަކަށް ހަދާލަފާނެކަމުގެ އިންޒާރު ޝީ އާއި އޭނާއާ ގުޅިގެން މަސައްކަތްކުރި އެހެން ސައިންސްވެރިން ދިނެވެ. އެހެންކަމުން ޗައިނާގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ބަލިކޮށްލި ވައިރަސްގެ ބިރަކީ، ކުރިން ލަފާނުކޮށް އޮތް ހާލަތެއް ނޫނެވެ.

މި ވައިރަސްއަށް ސައިންސްވެރިން ދީފައިވާ ނަމަކީ "އެންސީއޯވީ-2019" އެވެ. "އެން" ނިސްބަތްވަނީ ނޮވެލް އަށެވެ. ސީއޯވީ އަކީ ކޮރޯނާވައިރަސްގެ ބައެއް އަކުރުތަކެވެ. ދެން ހިމެނެނީ އެ ވައިރަސް ފެތުރެން ފެށި އަހަރެވެ. އެއީ 2019 އެވެ.

ޝީ އާއި އޭނާގެ ބައިވެރިން، 2005 ގައި ހޯދިހޯދުންތަކުން އެނގުނީ ސާސްގެ ވައިރަސް އަކީ ވާލުން އިންސާނުންގެ ގަޔަށް އެރި އެއްޗެއް ކަމެވެ. އޭގެ ފަހުން އެ މީހުން ގެންދަނީ ވާލުގައި އުޅޭ ކޮރޯނާވައިރަސްއާ ބެހޭ ދިރާސާތައް ކުރަމުންނެވެ. އޭގެ ސަބަބަކީ، އެ ވައިރަސްތަކުގައި، އިންސާނުންގެ ތެރޭގައި ނުރައްކާތެރި ބަލިމަޑުކަމެއް އުފައްދަފާނެ ހާއްސަ ސިފަތަކެއް ހުރުމެވެ.

ސައިންސްވެރިންގެ ޓީމުން، ޔޫހާންގެ ހޮހަޅައަށް ވަދެ، ވާލުގެ ސީ ނަގައި، ފަސް އަހަރު ވަންދެން ދިރާސާތައް ކުރި އެވެ. އޭގެ ފަހުން 2017 ގައި އެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަރުދާހެއް ތައްޔާރުކުރި އެވެ. އޭގައި ބުނެފައިވާ ގޮތުގައި ހަތަރު ބާވަތެއްގެ ވާލުން ސާމްޕަލް ނަގައި، މައުލޫމާތު އެއްކުރި އެވެ. އަދި އޭގެ ތެރެއިން ވައިރަހެއްގެ ޖެނެޓިކް ސިފަތައް، މިހާރު ފެނިގެން އުޅޭ ވައިރަހާ 96 ޕަސެންޓް އެއްގޮތެވެ.

މިހާތަނަށް އެނގުނީ، ސާސް ފަދަ ސައިންސްވެރިން ދަންނަ ކޮރޯނާވައިރަސްގެ ބާވަތްތަކާ، މި ވައިރަސް ތަފާތު ކަމެވެ. އެހެންކަމުން އިންސާނުންނަށް އޮތް ނުރައްކާތެރިކަން ބޮޑުވުން އެކަށީގެންވާ ކަމަށް ވެސް، ބެލެވެ އެވެ.

"އެކަށީގެންވެއޭ" މި ބުނީ، މިހާރު ފެތުރިގެން އުޅޭ ވައިރަސްގެ ނުރައްކާތެރިކަން ބޮޑީ ކިހާ މިންވަރަކަށް ކަން އަދި ނޭނގޭތީ އެވެ. ކޮރޯނާވައިރަސް އަކީ ހަށިގަނޑުގެ ތެރޭގައި އެ ގިނަވާ އިރު، ބަދަލުވަމުން ދާ އެއްޗެކެވެ. އެ ބަދަލުވުން ވަރަށް ނުރައްކާތެރި ގޮތަކަށް ވެސް ހިނގައިދާނެ އެވެ.

އިންސާނުންނާއި ޖަނަވާރުންގެ މެދުގައި އޮތް ސިއްހީ ގުޅުންތަކާ ބެހޭ ދިރާސާތައް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނިއު ޔޯކްގެ އެކޯހެލްތު އެލައަންސްގެ ރައީސް ޕީޓާ ޑަޒަކް އަކީ، ވަރަށް ކުރިންސުރެ ޝީއާ ގުޅިގެން ދިރާސާކުރައްވާ ސައިންސްވެރިއެކެވެ. ސާސް އާއި ވާލާ ބެހޭ 2005 ގެ ދިރާސާ އާއި 2017 ގައި ހެދި، ޔުނާންގެ ހޮހަޅާގައި އުޅޭ ވާލުން ފެނުނު ކޮރޯނާވައިރަސްތަކާއި ސާސްއާ އެއްގޮތްކަން ހާމަކޮށްދޭ ދިރާސާގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

"މި ވައިރަސްތަކާ މެދު ނުރައްކަލުގެ ދިދަ އަހަރެމެން ނަގަމުން އަންނަތާ މިހާރު 15 ވަރަކަށް އަހަރު ވެއްޖެ. ސާސްއަށް ފަހު އެކަން މި ގެންދަނީ ކުރަމުން،" ކަމާ ބެހޭ އިދާރާތަކުން އެ އަޑުނާހާތީ، މާޔޫސްވެފައި ހުންނަވައި، އޭނާ ވިދާޅުވި އެވެ.

އިންސާނުންގެ ފުރާނައަށް ނުރައްކާ ވާ ހާލަތަށް ހަށިގަނޑުގެ ގުނަވަންތައް ހަލާކުކޮށްލުމުގެ ބާރު ލިބިގެންވާ އާ ވައިރަސް (އާ ވައިރަސްއެކޭ ބުނަނީ، ޖަނަވާރުންގެ ތެރޭގައި އުޅޭ ކޮރޯނާވައިރަސްތަކުގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް ވަދެ، ނުރައްކަލަކަށް ވެފައިވާކަން މިހާތަނަށް އެނގިފައިވާ ހަ ވައިރަސްއާ، އަލަށް ފެނިގެން އުޅޭ ވައިރަސްއާ ތަފާތުވުމެވެ. އެހެންކަމުން މި ވައިރަސް ވާނީ އޭގެ ހަތް ވަނަ ވައިރަސްއަށެވެ.) ގެ ހަމަލާއަކީ މުޅިން އާ ހާލަތެއް ނޫނެވެ. އެއީ މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅިފައިވާ އަދި ކުރިމަގުގައި ނުރައްކަލަކަށް ވެދާނެ ސިލްސިލާއެއްގެ ބޮޅެކެވެ.

ގަހަކަށް ޖައްސާފައިވާ ވާލެއް: ވަރަށް ނުރައްކާތެރި ގިނަ ވައިރަސްތަކެއް ވާލުގައި ހިމެނޭ --

މާޒީގައި ކުރިމަތިވީ ސާސް އާއި އޭގެ ފަހުން ސައުދީ އަރަބިއްޔާ އިން ފުރަތަމަ ފެތުރުނު މާސް ރޯގާ އެވެ.

މިހާރު ބިރަކަށް ވެފައިވާ ވައިރަސްގެ ހާލަތު ރަނގަޅުވެ ކަންބޮޑުވުން ފިލަައިގެން ދިއުމުން، މުޅި މައްސަލައިން އަދި އަރައެއް ނުގަނެވޭނެ އެވެ. ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ އެފަދަ ބިރަކާ މެދު ވެސް ކަންބޮޑުވާން އެބަ ޖެހެ އެވެ. ނުވަތަ މިހާރުގެ އާދަތަކާއި ހާލަތްތައް ބަދަލުކުރަން ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ.

މިހާރުގެ އާދަތަކުގެ ތެރޭގައި އެކި ކަހަލަ ޖަނަވާރުތައް ކެއުން ހިމެނެ އެވެ. ޖަނަވާރުތައް ވިއްކާ ބާޒާރުތައް ވަނީ އުފެދިފަ އެވެ. ޗައިނާގައި ވަގުތީ ގޮތުން މިހާރު އެފަދަ ބާޒާރުތައް ބަންދުކޮށްފި އެވެ. ސާސްގެ ތެރޭގައި ވެސް ބަންދުކުރި އެވެ. އެކަމަކު ފަހުން އެ ވިޔަފާރި ކުރިއަށް ގެންދިޔަ އެވެ. ވޫހާންގެ ވައިރަސް އިންސާނުންގެ ގަޔަށް އެރީ ވެސް އެ ސިޓީގެ ބިޔަ ސީފުޑް މާރުކޭޓުން ކަމަށް ބެލެވެ އެވެ. އެތަނުގައި ވިއްކަނީ ހަމައެކަނި ސީފުޑެއް ނޫނެވެ. ވާލާއި، ހަރުފަ އާއި އެކި ވައްތަރުގެ ދޫންޏާއި މީދާ ފަދަ އެތައް އެއްޗެކެވެ.

މިހާރުގެ ހާލަތްތަކުގެ ތެރޭގައި، ބަނޑުހައިގެންފައިވާ 7.6 ބިލިއަން އިންސާނުން ވެސް ހިމެނެ އެވެ: އޭގެ ތެރެއިން ބައެއް މީހުން ދަހިވެތިވެފައި ވަނީ ޕްރޮޓީން އަށެވެ: ތަނަވަސްކަން ހުރި މީހުންގެ އިސްރާފު ބޮޑުވުމާއި ބޭނުން އިރަކު ބޭނުން ތަނަކަށް، މަތިންދާބޯޓުތަކުގައި ދެ އެވެ. މި ހުންނަނީ މި ދުނިޔެއަށް ނުކަތާވަރުގެ އާދަތަކެވެ. އިންސާނުންގެ އަމިއްލަ އެދުން ބޮޑުވެ، ދުނިޔޭގެ ދިރުންތަކާއި އެހެން ވަސީލަތްތައް ބޭނުންކުރަނީ، ވިސްނާލުމެއް ނެތި އެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގެ މުޅި ނިޒާމަށް ބަދަލުތައް އައިސް، ވައިރަސް ފަދަ ބާވަތްތައް އިންސާނުންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމެވެ. ފުރަތަމަ ޖަނަވާރަކުން އިންސާނުންގެ ގަޔަށެވެ. އޭގެ ފަހުން އެކަކުގެ ގައިން އަނެކަކުގެ ގަޔަށެވެ. ބައެއް ފަހަރަށް، ބޮޑު ބަލިމަޑުކަމެއްގެ ދަރަޖައިގަ އެވެ.

ޖަންގަލިތަކަށާއި ކުރިން އިންސާނުން ވަދެ ނޫޅޭ ހިސާބުގަނޑު، އަމިއްލަކޮށްލި އެވެ. އެތަންތަނުގައި، އޭގެ އަސްލު ނޭނގޭ އެތައް ވައިރަހެއް ހިމެނެ އެވެ. އަހަރެމެން ގަސްތައް ކަނޑަނީ އެވެ. ޖަނަވާރުތައް މަރަނީ އެވެ. ހިފައި، ކޮއްޓަށް ލަނީ އެވެ. ބާޒާރުތަކަށް ނެރެނީ އެވެ. އެކޯސިސްޓަމަށް އަންނަ ގުނޑުމާ އެކު، ވަައިރަސްތައް އޭގެ ގުދުރަތީ މެހެމާނުން ދޫކޮށްލަން ޖެހޭ މިންވަރަށް އޭގެ މާހައުލު، އަހަރެމެން އެބަ ހަރާބުކޮށްލަ އެވެ. އެކަމަކު އެ ވައިރަސްތަކަށް އާ ވަސީލަތެއް ބޭނުންވެ އެވެ. ގިނަ ފަހަރަށް، އެއީ އަހަރެމެންނެވެ.

މިހާރުގެ ހާލަތަށް ބަލާ ނަމަ، ކަންކަން ސިއްރުކުރުމާއި ދޮގުހެދުމުގެ އާދަ ގެންގުޅޭ ވެރިންނާއި އިންތިހާބުކުރާ ސިޔާސީ މީހުން ވެސް ހިމެނެ އެވެ. ވަޒީފާ އިތުރުކުރުމުގެ ނަމުގައި ގަސްތައް ކަނޑާ އަލިކުރެ އެވެ. އެކަމަކު އަނެއްކޮޅުން ސިއްހީ ދާއިރާ އާއި އާންމު ސިއްހަތަށް ބޭނުންވާ ބަޖެޓް ކުޑަކުރެ އެވެ. އިންސާނުންގެ ހަށިގަނޑުން ހިމާޔަތް ހޯދައިގެން ވޫހާން، ނުވަތަ އެމެޒަން އާއި ޕެރިސް ނުވަތަ ޓޮރޮންޓޯ އާއި ވޮޝިންޓަން، މިއިން ކޮންމެ ތަނަކުން އަނެއް ސަރަހައްދަށް، އެ ވައިރަސްތައް މަދު ގަޑިތަކެއްގައި ވާސިލްވެވޭހާ ފަސޭހައިން، ވައިގެ ދަތުރުފަތުރުން، ދުނިޔެ ކުޑަވެއްޖެ އެވެ. އެ އާދައިގެ ތެރޭގައި އުފެދޭ ބިޔަ ބަލިމަޑުކަމަކަށް ތައްޔާރުވާން ކުރަން ޖެހޭ ހޭދަ ބޮޑު ކަމަށް ފެންނަ ނަމަ، އެންސީއޯވީ-2019 ގެ ސަބަބުން ލިބުނު މާލީ ގެއްލުން ދެކިލަން އަދި މަޑުކޮށްލާށެވެ.

ނަސީބު ރަނގަޅު ކަމުން، މިހާރުގެ ހާލަތުގެ ތެރޭގައި، މިފަދަ ބޮޑު ކޮންމެ ނުރައްކަލަކާ ކުރިމަތިލާނެ ހިތްވަރު ހުރި ސައިންސްވެރިން ވެސް އެބަ އުޅެ އެވެ. އޭގެ ތެރޭގައި ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އާއި އެކޯހެލްތު އެލައަންސް އާއި ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އާއި ޗައިނީސް ސީޑީސީގެ އިތުރުން ވެސް އެހެން އެތައް އިދާރާތަކެއްގެ ސައިންސްވެރިންނާއި ސިއްހީ އެހީތެރިން ހިމެނެ އެވެ. މިއީ ވާ އުޅޭ ހޮހޮޅަތަކަށް ވަދެ، ސިޔާއި ލެއިން ސާމްޕަލްތައް ނަގައިގެން، އެންމެ ނުރައްކާތެރި ވައިރަސްތައް ދިރާސާކުރާ ލެބޯރަޓަރީތަކުގައި، އަމިއްލަ ފުރާނަ އަތަށް ލައިގެން ދިރާސާތައްކޮށް، އެއިން ސަލާމަތްވާނެ ގޮތްތައް ހޯދަން މަސައްކަތްކުރާ މީހުންނެވެ.

މިހާރު މި އުޅޭ ވައިރަހުން ބަލިވެ، މަރުވާ މީހުންގެ ނިސްބަތް އަދި ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ގިނަ އިންފުލުއެންޒާތަކަށް ވުރެ މަރުގެ ނިސްބަތް މަތިވިޔަސް ސާސްއާ އަޅާބަލާއިރު ދަށެވެ. މިއީ ކުޑަކުޑަ ނަސީބެކެވެ.

މި ނަސީބު މާ ގިނަ ދުވަހަށް ދެމިގެން ނުގޮސްފާނެ އެވެ. ވައިރަސް ބަދަލުވާނެ ގޮތެއް އެކަކަށް ވެސް އަދި ނޭނގެ އެވެ. މީގެ ހަތަރު ދުވަސް ފަހުން، ބަލިވި މީހުންގެ އަދަދު ދިހަ ހާހުން މައްޗަށް އަރާފާނެ އެވެ. މީގެ ހަ މަސް ފަހުން، ވޫހާން ނިއުމޯނިިޔާ، އަހަރެމެންގެ ހަނދާނުން ފޮހެވިދާނެ އެވެ. ނުވަތަ އެހެން ނުވެ ވެސް ހިނގައިދާނެ އެވެ.

ކޮންމެ ގޮތެއް ވިޔަސް، މިއީ އަހަރެމެން އިންސާނުން ހޯދައިގަތް ނުވަތަ ހިޔާރުކުރި ބަލިމަޑުކަމެކެވެ.

އެޑިޓަރުގެ ނޯޓު

މިއީ ނިއު ޔޯކް ޓައިމްސްގައި، ނޫސްވެރިޔާ އަދި ލިއުންތެރިޔާ، ޑޭވިޑް ކުއަމެން ލިއުނު މަޒުމޫނެއްގެ ހުލާސާ ތަަރުޖަމާއެކެވެ. "ސްޕިލްއޯވާ: އެނިމަލް އިންފެކްޝަންސް އެންޑް ނެކްސްޓް ހިއުމަން ޕެންޑެމިކް" މި ފޮތް ލިއުނީ ވެސް ކުއަމެން އެވެ.

37 ކޮމެންޓް, 224 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 87%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރުދޫނި

31 January 2020

ޖަނަވާރުގެ ނަޖިސް ނުވަތަ ބޮޑުކަމުދާ ތަކެތި. ނޮޓް ސީ. ރަށު ބަހެއް ދޯ އެއީ

The name is already taken The name is available. Register?

ހަނިމާދޫ ކަނޑިންމަ

31 January 2020

ބުނާ އަޑު އަހަން ލޭނުހުންނަ ޖަނަވާރު ކާން ނުވާނެކަން. ޗައިނާ މީހުންނަށް ހީވަނީ ކިރިޔާވެސް ހިރިލާފިއްޔާ އެވީ ކާން ކޮންމެ އެއްޗަކަސް

The name is already taken The name is available. Register?

އަބްދުﷲ

31 January 2020

ލިޔުންތެރިކަމުގެ ވައްޓަފާޅި އެބަހުރި. ވަރަށް ހިތްހަމަޖެހޭ

The name is already taken The name is available. Register?

އަހްމަދު އޭ އާރ

31 January 2020

ފޮޓޯގައި އެވާ ކަހަލަ ވާލެއް ނޫން ހޮހޮޅައިގަ އުޅެނީ. އެއީ އިންސެކްޓް އަދި ދިރޭ އެއްޗިސް ކައިގެންއުޅޭ ކާނިވޯރ އެއް. ރާއްޖޭގައި އުޅޭ ވާލައް ކިޔާ ނަމަކީ ފްލައިންގ ފޮކްސް. ސިފަ އެއްގޮތަސް ސައިޒުން ބޮޑު. ފްރުޓް ބެޓް ވެސް ކިޔާ. ކައި އުޅެނީ މޭވާ. ހަރބިވޮރ އެއް. ކޮރޯނާ ފަދަ ނުރައްކާތެރި ވައިރަސް ކެރީ ކުރާނެ ކަމަށް ނުބެލެވޭ.

The name is already taken The name is available. Register?

އަލިމާ

31 January 2020

ތަރުޖަމާ ކޮށްފައިވާ ގޮތް ވަރަށް ފުރިހަމަ. ހިތްހަމަ ޖެހުމާއެކު އަޅައިގަތުމެއް ނެތި ކިޔާލެވިއްޖެ. މަޢުލޫމާތުވެސް ލިބިއްޖެ. ލިޔުންތެރިޔާއަށް ޝުކުރިއްޔާ

The name is already taken The name is available. Register?

ހަޑިގިއްލާ

31 January 2020

މޮޅު ތަރުޖަމާއެކެވެ. ލިޔުމުގެ ބަސްމަގާ، ދަރަޖައާއި، ބަސް އެތުރުމާއި، ލިޔުމުގެ ވަޒަންތަކާއި ހަމަތަކުން ލިޔުން ވަރަށް ފުރިހަމައެވެ. ރަނަގަޅު ތަރުޖަމާއަކީ ބަހުން ބަހަށް ބަދަލުކުރުމުގެ ބަދަލުގައި ލިޔުމުގައި ބުނާއެއްޗެތް ސާފު ވާނޭހެން ބުނެދިނުމެވެ. މޫސާލަތީފަކީ މޮޅު ލިޔުންތެރިއެކެވެ.

The name is already taken The name is available. Register?

ކަންމަތީ ސޭޓް

30 January 2020

މިހާރުވެސް އަހަރެމެން ރާއްޖެތެރޭ މީހުން ބުއިމަށް ފެން މިނަގަނީ ފުރާޅުތަކުން އާންމުކޮށް ވާރޭވެހޭ ދުވަސްވަރު ގިނައިރުތަކެއްގައި ތާނގިއަށް ހޮޅި ގުޅާފަ ހުންނަނީ މިގޮތަށް ހުންނައިރު ހެސްކިޔާފަ ވާ ފުރާޅަށް ހޮޑާ ގުޔާލާކަން ފާހަގަކުރެވޭ މިހާލަތުގައި މިކަން އޮންނައިރުވެސް ވާލާހުރެ ނުކުޅަދާވާ ރައްރަށް ހުންނައިރުވެސް ވާމަދުކިރުމަށް އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާކަން ހިތާމަޔާއެކު ފާހަގަކުރަން

The name is already taken The name is available. Register?

މަގުފުޅާޓިނު

31 January 2020

އިސްތިއުފާ ދޭން ޖެހުނީނު...............

The name is already taken The name is available. Register?

އަރުޝަދު

30 January 2020

މިހާ ދިގު ލިޔުމެއް ފޫހި ނުވެ އެއްކޮށް ކިޔާލެވުނީ މި ދިވެހި ލިޔުންތެރިޔާގެ މޮޅުކަމުން. އަދިވެސް ގިނަ ލިޔުން ފެންނާނެ ކަަމަށް އުއްމީދުކުރަން

The name is already taken The name is available. Register?

ައަފުރާސިޔާބު

30 January 2020

ތިޔަލިއުމުން އާކަމަކަށްފެނުނީ އިންސާނުންގެބަޔަކު ބަނޑުހައިހޫނުކަމުގައި ތިބުމުގެވާހަކައެވެ. ވާލަކީ ވަރަށް ކުރީއްސުރެދުނިޔޭގައި އަހަރެމެންގެތެރޭގައި އުޅެމުންއަންނަ އެއްޗެކެވެ. އެފަދަތަކެތި ބަނޑުކެއުމަކަށް ހަދައިގެން އުޅެނީ ކާންނުލިބޭތީއެއްނޫނެވެ. ޖަނަވާރުންގެ ދަރަޖައަށް އިންސާނުން ވެއްޓުމުން ނެވެ. ﷲ ޙަލާލު ކޮށްދެއްވި ރަނގަޅުތަކެތި ކެއުން ދޫކޮށްލުމުންނާއި ގައުމުތަކަށް އަރާ އެތަންތަނުގެ މުއްސަނދިކަން ފޭރެން ފެށުމުން އުފެދިގެން އުޅޭ ބަލިމަޑުކަމެކެވެ.

The name is already taken The name is available. Register?

އަސްލުވެސް

30 January 2020

މި ވައިރެސް އިނވެސް ދޭހަވަނީ އަހަރުމެން އިންސާނުންގެ ނުކުޅެދޭކަން އެއަށް ކުޑަކުޑަ ވައިރަސް މުޅި ދުނިޔެ ކުޑަ ކަކޫޖައްސުވައިފި.ޔާﷲ އަޅަމެންނާއި މިކުޑަކުޑަ ރާއްޖެ އެންމެހައި ބަލި މަޑުކަމާއި ނުރައްކާތެރި ރޯގާ ތަކުން ސަލާމަތް ކުރަށްވާޝި އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454