02 ސެޕްޓެމްބަރ 2019 - 07:32
މީގެ 17 އަހަރު ކުރިން ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ ޓްރާންސްޕޯޓާ" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.
މި ޕްރޮޖެކްޓްގެ ފަހަތުގައި ހުރީ މިހާރު ފިލްމުތައް ވެސް ޕްރޮޑިއުސް ވެސް ކުރާ އެކްޓަރު ޖޯން އަބްރަހަމެވެ. އޭނާ ވަނީ "ދަ ޓްރާންޕޯޓާ" ގެ ރައިޓްސް ހޯދަން މަޝްވަރާތައް ކުރަމުން އަންނަކަން ވެސް ކަށަވަރުކޮށް ދީފަ އެވެ.
"މަޝްވަރާތަކުގެ ތެރޭގައި މިހާރު މި އުޅެނީ. އެހެންވެ މި ވަގުތު އެއްވެސް ތަފުސީލަކަށް ދެވޭކަށް ނެތް،" ޖޯން ބުންޏެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ބަތުލާ ހައުސް" ގެ ބަތަލު މި ވަގުތު އަންނަނީ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގެ މަސައްކަތް ކުރަމުންނެވެ. ޖޯންގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭޒަން ސްޓެތަން ބަތަލުގެ ރޯލް ކުޅުނު "ދަ ޓްރާންސްޕޯޓާ" އަކީ ކޯރޭ ޔުއެން ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. ޖުމްލަ 20.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 43.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ދަ ޓްރާންސްޕޯޓާ" ގެ ކާމިޔާބީ އަށް ފަހު، އެ ސީރީޒްގެ އިތުރު ތިން ފިލްމެއް ވެސް ގެނެސް ދިނެވެ. އެއީ 2005 ގެ "ޓްރާންސްޕޯޓާ 2" އާއި 2008 ގެ "ޓްރާންޕޯޓާ 3" ގެ އިތުރުން 2015 ގެ "ދަ ޓްރާންސްޕޯޓާ ރިފިއުލްޑް" އެވެ.
އެކަމަކު ތިން ވަނަ ފިލްމުގައި ސްޓެތަމް ނުހިމެނެ އެވެ.
މީގެ ކުރިން ވެސް ހޮލީވުޑްގެ ބައެއް ފިލްމުތަކުގެ ރިމެކްތައް ހިންދީ ސިނަމާ އަށް ގެނެސްދީފައިވެ އެވެ. އަންނަ އަހަރަކީ ވެސް އެކަހަލަ ދެ ފިލްމެއް ރިލީޒްވާނެ އަހަރެކެވެ. އެއީ އާމިރު ހާން "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް ހަދާ "ލާލު ސިންގާ ޗައްޑާ" އާއި އަދި ނަން އިއުލާންނުކުރާ ޕަރިތީނީ ޗޯޕްޅާ ކުޅޭ "ދަ ގާލް އޮން ދަ ޓްރޭން" ގެ ރިމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy