"އެވެޓާ" ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި

ނިއު ޒިލެންޑްގައި ޝޫޓްކުރަމުން އަންނަނިކޮށް ކޮވިޑް-19އާ ހެދި ޝޫޓިން މެދުކަނޑާލަން ޖެހުނު، ޑައިރެކްޓަރު ޖޭމްސް ކެރެމަންގެ ފިލްމު "އެވެޓާ" ގެ ސީކްއެލްތަކުގެ ޝޫޓިން އަލުން ފަށައިފި އެވެ.


ކޮވިޑާ ދިމާކޮށް ނިއު ޒިލެންޑްގައި އެޅި ފިޔަވަޅުތައް އުވާލައި، ގައުމު މިހާރު އާންމު ހާލަތަކަށް ގެނެސްފައިވާ އިރު، "އެވެޓާ" ސީކްއެލްތަކުފެ ޝޫޓިން އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއާ އެކު ކާސްޓާއި ކްރޫ އެ ގައުމުގައި ހަމަކުރަން ޖެހޭ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު، އަލުން ޝޫޓިން ފެށިކަން ޕްރޮޑިއުސަރު ޖޮން ލަންޑޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

ދެހާސް ނުވައެއްގައި ގެނެސްދިން "އެވެޓާ" ހަތަރު ފިލްމެއް ގެނެސްދޭން ނިންމާފައިވާ އިރު، މި ފިލްމުތަކުގެ ވަރަށް ބޮޑުބައި ނިއު ޒިލެންޑްގައި ޝޫޓްކުރަން ހަމަޖެހިފައިވެ އެވެ. އެގޮތުން "އެވެޓާ 2" ގެ ގިނަ މަންޒަރުތަކެއް ލޮކްޑައުންގެ ކުރިން ވެސް ވަނީ ނަގައިފަ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި "އެވެޓާ" ގެ ފުރަތަމަ ބައިން ފެނިގެން ދިޔަ މައިގަނޑު ބައެއް ކާސްޓުންނާ އެކު، މި ފަހަރު އަލަށް ފިލްމުން ފެނިގެންދާނެ އެންމެ ހާއްސަ އެކަކީ ކެމެރަން 1997 ގައި ގެނެސްދިން "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓެވެ.

މި ސައިންސް ފިކްޝަން ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޭމް ވޯތިންޓަން، ޒޯއީ ސަލްޑަނާ، ކްލިފް ކާޓިސް، ޓްރިޓިނީ ބްލިސް، ސިގޯނީ ވީވާ، ސްޓެފެން ލޭންގް އަދި އޫނަ ޝެޕްލުން ފަދަ ތަރުން ހިމެނެ އެވެ.

"އެވެޓާ 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގަ އެވެ. ބޮކްސް އޮފީހުގައި އާ ރެކޯޑެއް ހެދި "އެވެޓާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ މަގާމުގައި އޮތް ފިލްމެވެ.

"އެވެޓާ 2" އަށް ފަހު ދެން ހުރި ބައިތައް ތާވަލުކޮށްފައި ވަނީ 2023، 2025 އަދި 2027 އަށެވެ.