އަލީ ރަމީޒަށް ފާޑުކިޔުމުން ޒަކިއްޓެ އަށް ނުގޮވާކަށް އެއްޗެއް ނެތް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަތަކުގެ 80 ޕަސެންޓަކީ އެހެން މީހުންގެ އުފެއްދުންތައް "ވީދައިގެން" ހަދާފައިވާ އެއްޗެހި ކަމަށް ބުނެ ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު އެންމެން އޭނާއާ ދިމާކޮށްލައި އެންމެ ފަހުން ޒަކިއްޓެ ސޯޝަލް މީޑިއާ ދުރަށް ހިނގައްޖެ އެވެ.


އަލީ ރަމީޒް ލަވަކިޔުން ހުއްޓައިލިތާ މިހާރު އެތައް އަހަރެކެވެ. އެކަމަކު އަދިވެސް ހަގީގަތަކީ އެ އަޑުގެ ލަވަތަކަށް އެއްވެސް ފަނޑުކަމެއް ނާންނަކަމެވެ. އެކަން ޔަގީންވާ އެއް ކަމަކީ ޓީވީތަކުންނާއި ރޭޑިއޯ ޗެނެލްތަކުން ގެނެސްދޭ ރިކްއެސްޓޯ ޝޯތަކާއި ޗާޓްތަކުގެ ކުރި އަދިވެސް އަލީ ރަމީޒުގެ ލަވަތައް ހޯދުމެވެ.

ޒަކިއްޓެ ދެއްކި ވާހަކަ އަށް ރައްދު ދިން މީހުން ބުނެފައިވަނީ ޒަކިއްޓެ އެހެން މީހުންނަށް ފާޑު ކިޔާއިރު އޭނާ އަށް އެހެން މީހުން ފާޑުކިޔުމުން ބަލައިނުގަނެވޭ ކަމަށެވެ. އަދި އަލީ ރަމީޒަށް ފާޑެއް ކިޔޭ ހިސާބަށް ޒަކިއްޓެ އަށް އަދި ނާދެވޭ ކަމަށް ވެސް އެތައް ބަޔަކު ބުނެފައިވެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަލީ ރަމީޒު ހޯދި ވަރުގެ މަގުބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދި ދިވެހި ދެވަނަ ލަވައެއް ކިޔުންތެރިއެއް ރާއްޖޭގެ މިއުޒިކީ އުދަރެހަކުން މިހާތަނަށް ފެނިފައެއް ނެތެވެ. އޭނާގެ ލަވަތަކުން އަދިވެސް ހަފުލާތަކާއި ޝޯތަކާއި އެ ނޫން ވެސް ޕްރޮގްރާމްތަކާއި އިވެންޓަތުގެ ފަޅުކަން ފިލުވަން ބޭނުން ކުރުމަކީ އޭގެ ހެއްކެކެވެ. އަނެއްކޮޅުން އަލީ ރަމީޒުގެ ސްޓައިލާއި އޭނާ ލަވަކިޔާ ގޮތް ނަކަލުކުރަން މަސައްކަތް ލަވަކިޔުންތެރިން ރާއްޖޭގައި އެހާރާއި މިހާރު ވެސް މަދެއް ނޫނެވެ.

ޒަކިއްޓެ އަލީ ރަމީޒާ ބެހޭ ގޮތުން އިއްޔެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގެ މައްސަލަ ހޫނުވެ، ޒަކިއްޓެ އެންމެ ފަހުން އެ ޑިލީޓްކުރާ ހިސާބަށް ވެސް ދިޔައީ ފާޑު ކިޔުންތައް މާ ބޮޑުވުމުންނެވެ. އޭގައި އޭނާ ބުނެފައި ވަނީ އަލީ ރަމީޒް ކިޔާފައިވާ ލަވަތަކުގެ 80 ޕަސަންޓަކީ އެހެން އާޓިސްޓުންގެ މަސައްކަތްތަކުން "ވީދައިގެން" ކިޔާފައިވާ ލަވަތައް ކަމަށެވެ.

އެއީ ތެދަތަކަށް ވެދާނެ އެވެ. ދިވެހިންގެ ހިތްތައް ފަހަތަކުރި ލަވަކިޔުންތެރިޔާ ކިޔާފައި ހުރި ލަވަތަކުގެ ތެރޭގައި ހިންދީ ކޮޕީ ރާގުތައް ގިނަ އެވެ. އޭގެ ތެރޭގައި އިހުގެ ލަވަތަކާއި ލަވަކިޔުން ހުއްޓައިލި ދުވަސްވަރުގެ ފަހުގެ ހިންދީ ލަވަތައް ވެސް ހިމެނެ އެވެ.

"އަލީ ރަމީޒްގެ 'ހެޔޮ ހާލުގައި ކަލާ ތިހެން' ޒަކިއްޓެގެ މުޅި ކެރިއަރަށް ވެސް ރަނގަޅު" ކަމަށް ވެސް މީހަކު ޓްވީޓްކޮށްފައިވެ އެވެ. އަދި އަލީ ރަމީޒްގެ އެކި ލަވަތައް ޒަކިއްޓެ އަށް ޑެޑިކޭޓްކޮށް އޭނާ އަށް ދިމާ ނުކުރާކަށް ގޮތެއް ނެތެވެ.

ޒަކިއްޓެ ޕޯސްޓް ފޭނުންގެ ތެރޭގައި ބޮޑު ބަހުސަކަށްވެގެން، އޭނާ އަށް ހޫނު ހަމަލާތައް ކުރިމަތިވާން ފެށުމުން އެ ޑިލީޓްކޮށްލައި ބުނީ ބައެއް މީހުން މިހާރު މާ ޒާތީ ވަނީ ކަމަށެވެ. އަދި އޭނާ ވަނީ މިކަން ހައްދުން ނެއްޓިއްޖެ ކަމަށް ބުނެ ފޭސްބުކާއި ޓްވިޓާ އެކައުންޓް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ޒަކިއްޓެގެ ދިފާއުގައި ވާހަކަ ދެއްކި މީހުން ބުނެފައިވަނީ އޭނާ ހާމަކުރީ ހަގީގަތެއް ކަމަށާއި އަލީ ރަމީޒަކީ މޮޅު މީހެއް ނޫން ކަމަށް ބުނެފައި ނެތް ކަމަށެވެ. ޒަކިއްޓެ ބުނި އެއްޗެއް އޮޅުވާލައިގެން އެވަރަށް ދިމާކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.

މި ވަގުތަށް ސޯޝަލް މީޑިއާ އިން ޒަކިއްޓ ގެއްލިއްޖެ އެވެ. އެކަމަކު އޭނާ އަށް ކިޔާ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ.