ޓީސީގެ ސައްޓު (ވ) އަތުން ބޯޅަ ހޯދަން ބެންގަލޫރުގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ފެބުރުއަރީ 2018 - 00:30
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދިއުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު، ޓީސީ އަށް ގްރޫޕް ސްޓޭޖަށް ދެން ދެވެން އޮތީ އަންނަ އަންގާރަ ދުވަހު ބެންގަލޫރުގައި ކުޅޭ ދެ ވަނަ ލެގުން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެއްވަރުވިޔަސް ނުވަތަ އެއް ލަނޑުގެ ތަފާތަކުން ޓީސީ މޮޅުވިޔަސް ކުރި ލިބޭނީ ބެންގަލޫރަށެވެ.
މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ބެންގަލޫރުން ދެ ލަނޑު ޖަހާފައިވަނިކޮށް ޓީސީން ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް ބެންގަލޫރުން ވަނީ އަލުން ކުރި ހޯދައި މޮޅެއް ހޯދައިފަ އެވެ. މިރޭގެ މެޗުގައި ޓީސީ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފެނުނީ ވަރަށް ނަސީބު ދެރަކޮށެވެ. ހާއްސަކޮށް މެޗުގެ ފަހު ވިއްސަކަށް މިނެޓުގެ ތެރޭގައި އެ ޓީމުން ބެންގަލޫރު ވަރަށް ބޮޑަށް ހާސްކޮށްލި އެވެ.
ކެޕްޓަން ސުނިލް ޗެތުރީ އާއި މުހިއްމު ބައެއް ކުޅުންތެރިން ނުލާ ކުޅުނު ބެންގަލޫރާ ދެކޮޅަށް ޓީސީން އެންމެ މޮޅު ކުޅުމެއް ދެއްކީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ. ޓީސީން މެޗު ފެށީ ވެސް ބެންގަލޫރު ހާސްކޮށްލި އެޓޭކަކުންނެވެ. ޓީސީން ކުރިއަށް ޖައްސާލި ބޯޅައެއް ބެންގަލޫރުގެ ނިޝޫ ކުމާރަށް ލިބިފައި އޮއްވާ، އޭނާ އަތުން ފޭދޫ އިއްބެ ބޯޅަ އަތުލައި އޭރިއާ ތެރެއަށް ވަދެ ގޯލް ކުރި މައްޗަށް ޖައްސާލި ބޯޅަ، ޓީސީގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ބެންގަލޫރުގެ ޑިފެންޑަރަކު ބްލޮކްކުރި އެވެ.
ބެންގަލޫރުގެ ސުބާސިޝް (ވ) އާއި ޓީސީގެ އެނަޓޮލީ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން 16 ވަނަ މިނެޓުގައި އިއްބެ ވަހީދު ވެސް ބެންގަލޫރުގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. ފުރަތަމަ ހާފުގައި ބެންގަލޫރުން ބެލީ ބޮޑަށް ގޭމް ލަސްކޮށް އެ ޓީމުގެ ކޮންޓްރޯލް ދަށުގައި ބާއްވާށެވެ. ބަދަލުގައި ޓީސީން ދިޔައީ ލިބޭ ކޮންމެ ފަޅި ފުރުސަތެއްގައި ވެސް ބެންގަލޫރަށް ނުރައްކާކުރެވޭތޯ ބަލަމުންނެވެ.
ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލައެއް ފޮނުވާލީ 39 ވަނަ މިނެޓުގައި ފޭދޫ އިއްބެ އެވެ. އޭނާ އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ފުރަތަމަ ޖަހަޖަހާ އޮއްވާ ބެންގަލޫރުގެ ޑިފެންޑަރަކު އަތުލި ނަމަވެސް އަލުން އެ ބޯޅަ ހޯދައި އިއްބެ ފޮނުވާލި އެވެ. އެކަމަކު އެ ބޯޅަ ބެންގަލޫރު ކީޕަރު ސަލާމަތްކުރި އެވެ. އަދި 42 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޭދޫ އިއްބެ ޖެހި ބޯޅަ ވެސް ބެންގަލޫރުގެ ކީޕަރު މާވިއާ މަތަކުރި އެވެ.
ހާފުގެ ފަހު ވަގުތު ބެންގަލޫރުން ލަނޑެއް ނުޖެހީ ކިރިޔާ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، މާކްނުކޮށް ހުރި ސެމްބޯއީ ވަނީ އަރައި ގޯލަށް ބާރަށް އަމާޒުކޮށްފަ އެވެ. އެކަމަކު ޓީސީގެ ޑިފެންޑަރުން އެ ބޯޅަ ބްލޮކްކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޓީސީގެ ފޭދޫ އިއްބެ އަށް އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ކުރިއަށް އަރައި ގޯލަށް ޖެހެން އޮތް ނަމަވެސް އޭނާ ދިނީ އެނަޓޮލީ އަށެވެ. އެނާ އެ ބޯޅަ އަށް އަރައަރާ އޮއްވާ ކީޕަރު ނެގީ އެވެ.
ބެންގަލޫރުން ލީޑު ނެގީ 51 ވަނަ މިނެޓުގަ އެވެ. ކޯނަރަކުން އެންޓޯނިއޯ ޑޮވާލޭ (ޓޯނީ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެ ޓީމުގެ ކުޅުންތެރިޔެއްގެ ބޮލުން ޖައްސާލުމުން އެ ބޯޅަ ގޯލަށް ވައްދާލީ ސެމްބޯއީ އެވެ.
ބެންގަލޫރުގެ ދެ ވަނަ ގޯލް 68 ވަނަ މިނެޓުގައި ޖެހީ އެރިކް ޕާރްޓަލޫ އެވެ. މި ފަހަރު ވެސް ކޯނަރަކުން ބޯޅަ ހުރަސްކޮށްދިނީ ޓޯނީ އެވެ.
މި ދެ ލަނޑާ އެކު ބެންގަލޫރުން ފަސޭހަކަމާ އެކު މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ފެނުނީ ޓީސީން ފުލުފުލުގައި ދެ ލަނޑު ޖެހި މަންޒަރެވެ. އެގޮތުން އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ އެނަޓޮލީ އެވެ. ފޭދޫ އިއްބެ ނެގި ހުރަހަށް އަރައި އެނަޓޮލީ ވަނީ އެ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިފަ އެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ފަސް ވަނަ ގޯލެވެ.
އޭގެ މިނެޓެއް ފަހުން ޓީސީ އަށް އެއްވަރުކޮށްދިނީ ފޭދޫ އިއްބެ އެވެ. ބެންގަލޫރުގެ ޑިފެންޑަރަކު ސާފުކޮށްލަން އުޅުނު ބޯޅަ ހޯދައި ފޭދޫ އިއްބެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ވައްދާލީ އޭނާ އަށް ހުރަސް އެޅި ބެންގަލޫރު ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ޓީސީން ކުރަން ފެށި އެޓޭކްތަކާ އެކު އެ ޓީމުން ފަހަތުން އަރައި ލީޑު ނަގާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ބެންގަލޫރުގެ ސެމްބޯއީ ވަނީ އެ ޓީމަށް އަލުން ކުރި ހޯދައިދީފަ އެވެ. ޓީސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސެމްބޯއީ ވަނީ ބޯޅަ ހިފައިގެން ކުރިއަށް ޖެހި އެ ބޯޅަ ބާރު ޝޮޓަކުން ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން އަނެއްކާ ވެސް ޓީސީން ނުރައްކާކުރި އެވެ. އެގޮތުން 83 ވަނަ މިނެޓުގައި ހާފުގެ މެދުތެރެއިން އެނަޓޮލީ ޖެހި ނުރައްކާތެރި ހިލޭ ޖެހުން ގޯލަށް ނުވަނީ ކިރިޔާ އެވެ. އަދި 85 ވަނަ މިނެޓުގައި އިއްބެ ވަހީދު ނެގި ހުރަސް އޭރިއާ ތެރެއިން ޓީސީގެ ބަދަލު ކުޅުންތެރިޔާ އާރިފް އަހުމަދު (އާރީ) ގޯލް ކުރިމަތީ ހުހަށް ހުރެ ބޮލުން ޖެހުމުން އަމާޒުވީ ބެންގަލޫރު ކީޕަރު އަތަށެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ 88 ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށެވެ. އޭނާ މުޅިން ހުހަށް އަރައި އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮމީ
14 February 2018
ޓީސީ ކުޅެންވީ ބަންގާޅު ލީގުގަ .. އެ ނޫން ގޮތަކަށް ނެތް ތައްޓެއް ލިބޭކަށް .. ލޮލް
ސަރަގު
14 February 2018
ރާއްޖޭގެ ސަރުކާރުން އެޅި ފުޓްސަލް ދަޑުތަކުގެ ބޭނުން ހިފާ ފުޓްސަލް ތަރައްގީކޮށް ރަގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމަށް އަދި ސަރުކާރުގެ ފުޓްސަލް ވިސަންއ އާއި އެއްގޮތައް މަސައްކަތް ކުރުމަށް އެފް.އޭ.އެމްގެ ރައީސް އަށް ހަދާންކޮށްދެން
ބުލެކް
14 February 2018
ސަރުކާރުން ކުޅިވަރަށް ކުރާ ހަރަދު ހަމަހަމަ ކޮށް ހަރަދު ކުރުަމަށް ގޮވާލަން ފުޓްބޯލްއަށް ކުރާ ހަރަދު ކުޑަކޮށް ފުޓްސަލް އިން ރަގަޅު ނަތީޖާ ހާސިލް ކުރުމަށް މަސައްކަތް ކުރުމަށް އެފްއޭއެމް އަށް ގޮވާލަން އަދި މީޑިޔާގެ ކަވަރޭޖް ވެސް ކުރިހާ ކުޅިވަރަކަށް ހަމަހަމަކޮށް ގެނެސްދިނުމަށް ގޮވާލަން
ބަކޭ
14 February 2018
ކިތައް މިލިއަން ތަފާތީ ނިޒާމޫ؟
ބަނާނާ ރިޕަބްލިކް
14 February 2018
އަލްހަމްދުލިﷲ، އަޅުގަނޑު ވ ވ ވ ވ ވ ވ އުފާ ވެއްޖެ، ދެންއަންނަ ލެގު ގައި އިންޝާﷲ 4-0ގެ ނަތީޖާ އަކުން ޓީސީގެ މައްޗަށް ކުރިހޯދާނަން
ޓޮޓީ
14 February 2018
ހުރިހާ ގޮތަކަށް ބަލާއިރުވެސް ޓީސީގެ ގޭމް މާ މޮޅު. އިދިކޮޅު ޓީމްގަ ނެތް ތަފާތު މޮޅު ކުޅުންތެރި ޔަކުވެސް. ޓީސީގެ ދެ އިއްބެ ގެ ކުޅުން ވަރަށް މޮޅު. ޓީސީއަށް ނަސީބު އެހީ ނުވީ.
އާރީ
14 February 2018
ކުރިކެޓް ޓީމެއް އަތުން ބަލިވީމަ ބުނެވޭނި ޓީސީ ނެތޭ އެކަށީގެންވާ ގޮތަކަށް އޭއެފްސީއަަށް ތައްޔާރު ވެފައެއް. ޓީސީ ކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް.
ކޭސަ
14 February 2018
އަލްހަމްދު ލިﷲ.