ނިއު އާއި މާޒިޔާއާ އެއް ލެވެލެއްގައި ޓީސީ ނުގުނާނެ: ސުޒޭން

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ނިއު ރޭޑިއަންޓާއި މާޒިޔާއާ އެއް ލެވެލްގެ ޓީމެއްގެ ގޮތުގައި އަދި ދިވެހި ސަޕޯޓަރުން ނުގުނާނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ގްރީން ކުޅުނު މެޗުން ވަނީ ފަހަތުން އަރައި މާޒިޔާއާ 2-2 އިން އެއްވަރުކޮށްފަ އެވެ. ސުޒޭން ބުނީ މި ފަހަރު ނުކުންނަން މި ޖެހެނީ މުޅިން ތަފާތު މެޗަކަށް ކަމަށެވެ.

"ދުވާލު މެޗަކަށް ވެފައި، ޓީސީ ރަނގަޅު ހަތަރު މެޗު ކުޅެފައި މިއައީ. ހަތަރު މެޗު ކުޅެލާފައި ހުންނައިރު ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ވެސް ފާހަގަކޮށްލެވިފައި ހުންނާނީ. ކުރިން އެ މެޗުގައި އެ ހާލަތުގައި އޮވެފައި ގްރީން އަށް ޕޮއިންޓެއް ލިބުން އެއީ ހަމަގައިމުވެސް ހިތްހަމަ ޖެހުމެއް،" ސުޒޭން ބުންޏެވެ.

"ގްރީން އާއި ޓީސީއާ އަދި އަޅުގަނޑާ ނިޒާމްއާ ދެކޮޅުގައި ހުރެގެން ކުޅޭ މެޗެއް އާދައިގެ މެޗަކަށް އިރާދަކުރެއްވިއްޔާ ނުވާނެ."

ސުޒޭން ބުނީ ޓީސީ ފުރަތަމަ ޑިވިޝަނަށް އައިސް ގިނަ ރަނގަޅު ކަންތައްތަކެއް ސާބިތުކޮށްދީފި ކަމަށާއި އެހެން ނަމަވެސް ނިއު އާއި މާޒިޔާއާ އެއް ހިސާބަށް އަދި އެ ޓީމު ދިޔަ ކަމަށް ސަޕޯޓަރުން ގަބޫލުނުކުރާނެ ކަމަށެވެ.

"ނިއު ރޭޑިއަންޓް މާޒިޔާ ކިޔާއިރަކު ދިވެހި ސަޕޯޓަރުންނެއް ޓީސީ އެއް ނުކިޔާ. އެއީ ޓީސީ އަށް ވެސް ކޮންމެ އަހަރަކު ބަދަލުތަކެއް އާދޭ. އެއް ޓީމެއް އޮތުމުގެ ބަދަލުގައި މުހިއްމު ކުޅުންތެރިންތަކެއް ގޮސް ބަދަލުތަކެއް އާދޭ. އަސްލު ޓީމެއް ފޯމު ކުރަން މި ޖެހެނީ. ޓީސީ އަކީ ދަށް ޓީމެއް ނޫން. އެކަމަކު މާޒިޔާ އާއި ނިއުގައި އެ އޮތް ސައިޒު އަދި ނާންނަނީ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސް މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަަނަަށް ޕްރޮމޯޓްވެގެން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ކުޅުނު ގިނަ ޓީމުތަކުގެ ކޯޗުން ވަނީ ގްރީންގެ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ފެންނަ ކަމަށް އޭރު ބުނެފަ އެވެ.

ސުޒޭން ބުނީ އޭނާ އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗަށް ފަހު ވެސް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެކަމަށެވެ.

"ގްރީން ވެސް ވަރަށް ބޮޑުތަން ބަދަލުވެއްޖެކަން ގަބޫލުކުރަން ޖެހޭނެ އެއް މެޗުން ވެސް. އެއީ މިދިޔަ މުޅި ސީޒަންގައި ގްރީންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް އެއް ދުވަހުން ކެނޑިގެން ދިޔައީމަ. އޭގެ މާނަ އަކީ ކަންތައްތަކެއް ވެއްޖެޔޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ގްރީންގެ އިމޭޖް ބަދަލުވާނެ ކަންތައްތަކެއް ފެނިގެންދާނެ،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔަކީ ގްރީން އަށް ކުޅޭ ޔޫކްރޭނުގެ ޕްލޭމޭކަރު ސޮބުލް އިލިއާ އެވެ. އޭނާ އަކީ ރުޅިގަދަ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަވެފައިވާއިރު، މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި އޭނާ އަށް ވަނީ ކާޑު ދައްކައިފަ އެވެ. އަދި ބައެއް މެޗުތަކަށް ވަނީ ސަސްޕެންޑްވެފަ އެވެ.

ސުޒޭން ބުނީ އިލިއާގެ ކަންތައްތައް ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"މޮޅެތި ކުޅުންތެރިން ގައިގައި ހުރެދާނެ އެކަހަަލަ ކަމެއް. އެ ރަނގަޅު ކުރަން ކުރެވުނު ހާ ކަމެއް ކުރާނަން. މިދިޔަ ސީޒަނުގައި އޭނަ (އިލިއާ) ކުޅެލީ އަމިއްލަ ސްޓައިލަކަށް. ހުރިހާ ކަމެއް އޭނަ ކޮންޓްރޯލްގައި އޮވެގެން. އޭނަ އަށް ފެންނަ ދުވަހަކު ޕްރެކްޓިހަށް އައިސް. މިހާރު ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އޭނާ އެކަން ރަނގަޅު ކުރަމުން އަންނަނީ،" ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ނަޒަރުގައި ވެސް އެ ޓީމަކީ އަދި ބޮޑު ޓީމެއް ނޫން ކަމަށެވެ.

"ވާދަކުރާ ފެންވަރަކުންނެއް ނޫން އަޅުގަނޑުމެން ޓީމުތައް ދަރަަޖަކުރަނީކީ. ޓީމު ދަރަޖަކުރުމުގައި އަޅުގަނޑުމެން ވިސްނާ އެއްޗަކީ ޓީމެއްގެ އޮންނަ ތާރީހު ނޫނީ މާޒީ. ކްލަބެއްގެ އެ އޮންނަ ރައުސުލް މާލް. އަދި މިހާތަނަށް އައިއިރު ނެތް ބޮޑު ކްލަބެކޭ ބުނެވޭކަށެއް. އެއީ އަދި ނެތް ޓީސީގެ ހަރުގަނޑުގައި ރާއްޖޭގެ އެއްވެސް ތަށްޓެއް. އެކަމު މި ފެންވަރުގައި ޓީސީ ހިފަހައްޓާލެވިއްޖިއްޔާ ހަތް ވަރަކަށް އަހަރު ތެރޭ ރާއްޖޭގެ ފުޓްބޯޅަ ލީޑުކުރާ ހިސާބަށް ޓީސީ ދާނެ،" އޭނާ ބުންޏެވެ.

ގްރީންގެ ކޯޗުކަމާ ސުޒޭން ހަވާލުވުމުން އެ ޓީމަށް ގިނަ ރަނގަޅު ކަންތައްތަކެއް އަންނާނެކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން މި މެޗު އުނދަގޫވާނެ ކަމަށް ބުންޏެވެ.

"ގްރީން އަކީ ފަސޭހަ ޓީމެއް ނޫން. މިދިޔަ ސީޒަނާ ހިލާފަށް އުނދަގޫވާނެ. އެއީ ގްރީންގެ ބެންޗް ހަމަގައިިމުވެސް ވަރަށް އެކްސްޕީރިއަންސް ކުރިއާ އަޅާބަލާއިރު. ހާއްސަކޮށް ސުޒޭން ބެންޗަށް އައުމާ އެކު އެ ހަމަ ވަރަށް ބޮޑަށް ކައުންޓް ކުރަން ޖެހޭނެ. މިދިޔަ މެޗަށް ބަލާއިރު މާޒިޔާއާ އެކު ވެސް ގްރީންގެ ޕާފޯމަންސް ރަނގަޅު،" އޭނާ ބުންޏެވެ.

ގްރީންގެ ފުރަތަމަ މެޗުގައި އެ ޓީމުގައި ތަފާތު ދެއްކީ އިލިއާ އާއި ޑިފެންޑަރު އޮލޭ ޔެފިމްޔަކް އެވެ. ނިޒާމްބެ ބުނީ ބިދޭސީ ކުޅުންތެރިންނަށް އަބަދުވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި މި ކުޅޭ ޓީމުތަކުގެ އެންމެ ބޮޑު ވެއިޓެއް މި ކެރީ ކުރަނީ ފޮރިން ޕްލޭޔަރުން (ބިދޭސީ ކުޅުންތެރިން). އެ ކުޅުންތެރިންނާ މެދު ވިސްނަން ޖެހޭނެ ހަމައެކަނި ގްރީންގެ އެއް ނޫން. ދެން ގްރީންގެ ދެ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު،" ނިޒާމްބެ ބުންޏެވެ.

ލީގުގެ ފޭވަރިޓުން ކިޔާއިރު ޓީސީގެ ނަން ނުކިޔުމަކީ ހަގީގަތުގައި ލިބޭ ހިތްހަމަ ޖެހުމެއްގެ އިތުރުން ހިތްވަރެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ހަގީގަތަކީ ޓީސީ އަކީ އަދި ވަރަށް ޅަ ޓީމެއް. ޓީސީގެ އުމުުރުން މި ލެވެލްގައި އަދި މިއީ ހަތަރު ވަނަ އަހަރު. ހަމަގައިމުވެސް ޓީސީ މި ދައްކާ ފަރަގާ އެކު ނުފޫޒު ފޯރުވަމުން އަންނަކަން އެއީ އެންމެން ވެސް ގަބޫލުކުރާ ކަމެއް. އެއްގޮތަކުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ކިޔާ ޗެލެންޖިން ޓީމުތަކުގެ ތެރޭގައި ފޭވަރިޓްސް ތެރޭގައި ނުހިމެނުމަކީ،" ނިޒާމްބެ ބުންޏެވެ.

ގްރީން އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.