އެމްޑީއެންގެ ރިޕޯޓާ މެދު އޮތް ކަންބޮޑުވުން އަދާލަތުން މަހުލޫފަށް ހުށަހަޅައިފި

މޯލްޑިވްސް ޑިމޮކްްރަސީ ނެޓްވޯކް (އެމްއެންޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގެ ކަންބޮޑުވުން ހިއްސާކުރަން އަދާލަތު ޕާޓީގެ އިލްމުވެރިން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ މިއަދު ބައްދަލުކޮށްފި އެވެ.


އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މަހްލޫފާ މިއަދު ހެނދުނު ބައްދަލުކުރީ އެނގިފައިވާ ރާއްޖޭގެ މަދަނީ ޖަމިއްޔާތައް މިހާރު ރަޖިސްޓްރީ ކުރަނީ ޔޫތު މިިނިސްޓްރީގައި ކަމަށް ވާތީ، އެމްޑީއެންއާ މެދު އޮތް ކަންބޮޑުވުން، އެ ހައިސިއްޔަތުން ހުށަހެޅުމަށެވެ. ބައްދަލުވުމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕޮލިސީ ޑައިރެކްޓަރު އަހްމަދު އިރާޝް ހިމެނެ އެވެ. ޖަމިއްޔާތަކުގެ ރެޖިސްޓްރާއަކީ މިހާރު އޭނާ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ޔޫތު މިނިސްޓްރީ

މަހްލޫފް "މިހާރު" އަށް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ހަމަ އެގޮތަށް، ހަރުކަށި ކަމަކީ ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އަދާލަތުގެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވެފައި ވާނެ ކަމަށެެވެ. އަދި އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލައިގައި، އެ ޖަމިއްޔާ އަށް ހަރަކާތްތެރި ނުވެވޭނެހެން މިހާރު ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެ ކަމަށް މި ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިން ވިދާޅުވިޔަސް އެ ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު ނެތެވެ. ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.