ދެބެން ވެސް އެހާ މޮޅު، ގެއަށް އުފާވެރިކަން

އާމިނަތު މައުޝޫޤާ އާއި ފިރިމީހާ އިބްރާހިމް ރަޝީދަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހަގު ދަރިފުޅު، ޖުމާން އިބްރާހިމް އޭ ލެވެލް ނިންމައި ނަތީޖާ ލިބުމާ އެކުގަ އެވެ. ތިބި ހަމައެކަނި ދެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ދެމަފިރިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފޮނިމީރުކަން މި ވަނީ ލިބިފަ އެވެ: ޖުމާން އާއި ދޮށީ ދަރިފުޅު ޖަޒީލް އިބްރާހިމް ވެސް ހިމެނުނީ އޭ ލެވެލްގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގަ އެވެ.


މީގެ 10 އަހަރު ކުރިން ޖަޒީލް އޭ ލެވެލް ނިންމީ އެއް ވަނައާ އެކުގަ އެވެ. ރައީސްގެ ސްކޮލަޝިޕްގައި ސްޕެއިންއަށް ގޮސް ޕައިލެޓް ކޯސް ނިންމައި، މިހާރު މަސައްކަތްކުރަނީ ވިލާ އެއާގެ ފަސްޓް އޮފިސަރެއްގެ ގޮތުގަ އެވެ.

ޖުމާން މިދިޔަ އަހަރު ސީއެޗްއެސްއީން އޭ ލެވެލް ނިންމީ ފަސް މާއްދާއިން އޭ ހޯދައިގެން ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އޭނާ އަކީ ސީއެޗުއެސްއީގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ވެސް މެ އެވެ.

ޖަޒީލާއި ޖުމާންގެ ތައުލީމީ ހަޔާތުގެ އުސް އަލިތައް ދައްކައިދޭ ތަށި ހަރުގަނޑު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަޒީލްގެ ފުރަތަމަ އުއްމީދަކީ ވެސް ރައީސްގެ ސްކޮލަޝިޕް

އުމުރުން މިހާރު 29 އަހަރުގެ ޖަޒީލް ޕްރައިމަރީ ތައުލީމް ނިންމީ ކަލާފާނު ސްކޫލާއި އިމާދުއްދީނުންނެވެ. އެކަމަކު ގްރޭޑު އަށަކަށް މަޖީދިއްޔާއަށް ބަދަލުވެ އެ ސްކޫލުގެ ދޮރާށިން ވަން ފުރަތަމަ ދުވަހު ވެސް އޭނާގެ އަޒުމެއް އޮތެވެ: ރައީސްގެ ސްކޮލަޝިޕެވެ.

ރާއްޖޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެން އޯ ލެވެލް ފުރިހަމަކޮށް، ސީއެޗްއެސްއީއާ ގުޅުނީ، އޭނާގެ އެ ލަނޑުދަނޑި ހާސިލްކުރަން ދެން އޮތީ ހިތްވަރުކުރުމުގެ އެންމެ ދެ އަހަރު ކަމަށް ގަބޫލުކޮށް، އެ އަޒުމުގަ އެވެ.

ދެ ދަަރިން އިންޓަވިއު ދިން އިރު މައުޝޫގާ ބަލަހައްޓައިގެން .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު އޭ ލެވެލްގެ ނަތީޖާ ލިބުނުއިރު ދިވެހިން ބީއެއް އޮތުމުން، ރައީސްގެ ސްކޮލަޝިޕަށް ކުރި އުއްމީދު ފެނަށް ދިޔައީ ކަމަށް ހީކުރެވުނެވެ. ބައްޕަގެ އެދުމަށް ރީ-ޗެކަށް ލައިގެން އަލުން ބެލިއިރު އޭނާގެ އަސްލު ނަތީޖާއަކީ އޭއެކެވެ. އަދި ރައީސްގެ ސްކޮލަޝިޕް ލިބި، ދިރިއުޅުމުގެ މަސައްކަތެއްގެ ގޮތުގައި ޕައިލެޓްކަން އިޚުތިޔާރުކުރި އެވެ.

"އަޅުގަނޑު ޓާގެޓް ކުރީ އެ ދާ މިނުގައި ގޮސް ފެމިލީއަށް ވެސް ރީތި ނަމެއް ހޯދައިދޭން. ކުޑައިރު ވެސް އެ ޓާގެޓް ކަނޑައަޅައިގެން ކިޔަވަމުން އައީ،" މުޅި އާއިލާ އެއްކޮށް ތިބެ، "މިހާރު"އަށް ދިން އިންޓަވިއުގައި ޖަޒީލް ބުންޏެވެ.

ޖުމާން، ދޮންބެގެ ފަހަތުން ރަން ވަނަތަކެއްގައި

ޖުމާންގެ ކިޔެވުން ކުރިއަށް ދިޔަ އިރު އޭނާ ނަމޫނާއަކަށް ބަލާނެ ޝަހުސިއްޔަތު ހުރީ ގޭގަ އެވެ. އޭނާއާ އެންމެ ކައިރީގަ އެވެ. ދޮންބެގެ ކާމިޔާބީ އާއި ސްކޫލް ދައުރުގައި ދެއްކި ނަމޫނާ އަކީ އޭނާގެ ހިތްވަރެވެ. ކަމެއް ހަނދާންކޮށްދެންޏާ މަންމަ އާއި ބައްޕައަށް ވެސް ބުނެވެން އޮތީ "ދޮންބެގެ ވާހަކަ" އެވެ. އެހެންކަމުން ޖުމާންއަށް ކިޔެވުމުގައި ޖަޒީލް ފެނުނީ މެންޓާއެއްގެ ގޮތުގަ އެވެ.

"މަންމަ ވެސް ބުނާ އެންމެ އާއްމު އެއްޗަކީ، ދޮންބެގެ ނަތީޖާ ބަލާށޭ. ދޮންބެއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދާށޭ،" ޖުމާން ކިޔައިދިނެވެ.

"ވަރަށް މޯޓިވޭޓްވޭ އެގޮތަށް ބުނާތީ."

އިމާދުއްދީން ސްކޫލްގެ ކެޕްޓަންކަމާއި ސީއެޗްއެސްއީގެ ޑެޕިއުޓީ ކެޕްޓަންކަން ކުރަމުން، ތައުލީމީ ގޮތުން މަތީ ވަނަތައް ހޯދުމުގައި ޖުމާން ދެއްކި ކުޅަދާނަކަން، އޭނާގެ ދޮންބެގެ މާޒީއެކޭ އެއްގޮތަށް، އާއިލާއަށް ގެނެސްދިނީ އުފާވެރިކަމެވެ. އެއް އާއިލާއަކުން އެހާ މޮޅު ދެ ދަރިވަރުން އުފެދުމަކީ އާންމު ކަމަކަށް ނުވިޔަސް، ދެބެންގެ ފަރާތުން ވެސް ފެނުނީ، އަޒުމެއް އޮވެ އަދި ބުރަ މަސައްކަތް ކޮށްފި ނަމަ އުއްމީދުތައް ހާސިލްވާނެކަމުގެ ހަގީގަތެވެ.

"ދޮންބެ ބުނޭ އޯލެވެލް އަށް ވުރެ އުނދަގޫވާނޭ އޭ ލެވެލް. އެކަން ގަބޫލުކޮށްގެން ކިޔަވަމުން ގެންދިޔައީ،" ޖުމާން ބުނެލި އެވެ.

އުފާވެރި، ފަހުރުވެރި ދެމަފިރިން

މާލޭގެ ރަށްވެރިން ކަމަށް ވާ މައުޝޫޤާ އާއި އިބްރާހިމަކީ ފަހަރުވެރިވުން ހައްގު ދެމަފިރިންނެވެ. ދެ ދަރިންގެ ތައުލީމީ ކާމިޔާބީތަކުގެ ފަހަތުގައި އެ މީހުންގެ ރޯލު ވަރަށް މުހިންމެވެ. ކުދިންގެ ކަންކަން ބެލެހެއްޓުމަކީ ރުޅިއިސްނުކޮށް އަދި ގޯސް ޕްރެޝަރުތަކެއް ދިނުން ނޫންކަން، ދެމަފިރިން ވެސް ގަބޫލުކުރެ އެވެ. އަދި އެއީ އެހެން ބެލެނިވެރިންނަށް އެ މީހުންނަށް ކިޔައިދެވިދާނެ ވާހަކަތަކެކެވެ.

މައުޝޫގާ ބުނީ ދަރިން ކިޔަވައި އެއްޗެއް އެ މީހުންނަށް މާ ބޮޑަށް ނޭނގުނަސް "ފޮތްތައް ބެލުން ވަރަށް މުހިންމު ކަމަށެ"ވެ. އެހެންވެ ޖަޒީލާއި ޖުމާން ކިޔެވިއިރު ވެސް އޭނާ އެންމެ ބޮޑު ސަމާލުކަންދިނީ އެ ކަމަށެވެ. ނަމަވެސް އޭނާ ދުވަހަކު ވެސް "މިވެނި ކުއްޖަކާ އެއްވަރުވާށޭ، އެއްވަރުވާން ޖެހޭނެއޭ" ފަދަ ބަސްތަކުން މުހާތަބެއް ނުކުރެ އެވެ. އޭނާ ދެކޭ ގޮތުގައި އެއީ ބެލެނިވެރިންނަށް ހެދޭނެ "ވަރަށް ބޮޑު ގޯހެކެ"ވެ.

"ކުދިންގެ ސިކުނޑީގައި ވިސްނުން ހުންނާނީ އެކި މިންވަރަށް. އެ ކުއްޖާ ކުރިއަށް ގެންދާއިރު އަބަދުވެސް މަސައްކަތްކުރަން ވިސްނައިދޭން ޖެހޭނީ. އެހެންނޫނީ އެ ކުއްޖާ އަނެއް ކޮޅަށް ޖަހާނީ،" މައުޝޫޤާ ބުންޏެވެ.

ސްޓެލްކޯގެ އިންޖިނޭރެއްގެ މަގާމުގައި ހުރި އިބްރާހިމް ބުނީ ދަަރިއަކު ގޯސް ކަމެއް ކުރުމުން އަތް އިސްކޮށްގެން ނުވާނެ ކަމަށެވެ.

"އޭގެ ބަދަލުގައި ނަސޭހަތްދީގެން ކަންކަން ރަނގަޅުކުރެވޭނެ،" އޭނާ ބުންޏެވެ.

ފުރަތަމަ ދަރިފުޅު ޖަޒީލް ލިބުމާ އެކު މުސްތަގުބަލަށް ވިސްނައިގެން އަމިއްލަ އުފާތައް އެ މީހުން ގުރުބާންކުރި އެވެ. އާއިލާ ގެންގުޅެވޭނެ އާމްދަނީ ހޯދަން އިބްރާހިމް ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ.

ޖަޒީލް (ކ) ޖުމާން ގޭގައި: ދެބެންގެ ތައުލީމީ ހަޔާތުން ފެނުނީ މަތީ ކާމިޔާބީތައް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ވަރަށް ދަތިކޮށް އުޅުނީ. އަބަދުވެސް ކުދިންނަށް ނަސޭހަތްދެމުން އައީ ކިޔެވުމުގައި ވަރަށް ގިނަ ކަންތައްތަކާ ދިމަވާނެކަން ސްކޫލްގައި. [އެކަމަކު] އެއީ ފަހަށް އޮތް ކަންތައް ރަނގަޅީއޭ އަސްލު،" އިބްރާހިމް ބުންޏެވެ.

"އަޅުގަނޑުމެންގެ އުފާތައް ބަހައްޓާފައި މި ދެ ކުދިންނަށް ކިޔަވައިދޭން ހަރަދުކުރީ. ވަރަށް ބޮޑު ގުރުބާނީއެއް ވެވިއްޖެ. ދެ ކުދިން ވެސް ރަނގަޅު ގޮތުގައި ބޮޑުވެފައި އެ ތިބީ. ވަރަށް އުފާވޭ."

މާލީ ތަނަވަސްކަން ހުރި ގޮތުން ބައެއް ފަހަރަށް ޓިއުޝަން ދޭ ވަރަށް އާމްދަނީ ނުލިބުނަސް، ފަހު އަހަރުތަކުގައި، ދެމަފިރިން ވަނީ މުހިންމު މާއްދާތަކުން ކުދިންނަށް ޓިއުޝަން ދީފަ އެވެ. ދެބެން ކިޔެވި ދުވަސްވަރުގެ ގޮތުން ޓެކްނޮލޮޖީގެ ފަސޭހަތައް ވެސް ފެނުނީ ތަފާތުކޮށެވެ. މިސާލަކަށް ޖަޒީލްގެ އޯ ލެވެލް އަދި އޭ ލެވެލް އަހަރުތަކުގައި އިންޓަނެޓަކީ މިހާރު މި ލިބޭ ގޮތަށް ފަސޭހަ އަދި އަގުހެޔޮ ވަސީލަތެއް ނޫނެވެ. އެހެންކަމުން އޭރު މާއްދާތަކުން އަމިއްލައަށް ރިސާޗެއް ހަދަން ބެއްޔަސް މިހާރަށް ވުރެ އުނދަގުލެވެ.

އެކަމަކު ކޮއްކޮ ޖުމާންގެ ފަހު އަހަރުތަކުގައި، ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ހޯދަން މާ ބޮޑަށް ވެސް ފަސޭހަތައް ލިބުނެވެ.

މިއަދު އެއީ ނަމޫނާ ދެ ދަރިވަރުންނެވެ. މިއަދު ޖުމާން ނިންމައިގެން އެ ހުރީ ބޭބެއާ އެއްގޮތަށް، ހަމަ ސްޕޭނަށް ދާށެވެ. އަދި ޖުމާން ހާއްސަވި ދާއިރާ ކަމަށްވާ ޕައިލެޓްކަން ކިޔަވާށެވެ.

އޯ ލެވެލް އާއި އޭ ލެވެލް އަދި އިތުރު ހަރަކާތްތަކުން ގެޔަށް އެތެރެކުރި ތަށިތަކާއި މެޑެލްތައް ފެންނަން ހުއްޓެވެ. ކުރިމަގުގައި މަންމަ އާއި ބައްޕަގެ ކައިރީގައި އުޅޭނީ ދެ ޕައިލެޓުންނެވެ.