އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ފެނިއްޖެ

އަޔަލެންޑްގެ ސައިންސްވެރިން އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ހޯދައިފި އެވެ. މި ގުނަވަން އިންނަނީ ހަޖަމުކުރުމުގެ ނިޒާމު ނުވަތަ ޑައިޖެސްޓިވް ސިސްޓަމްގެ އަޑީގައި ފޮރުވިފަ އެވެ. އެތައް ސަތޭކަ އަހަރެއް ކުރިންސުރެ އިންސާނާގެ އެނަޓަމީ ސިފަކޮށްފައިވަނީ ގޯސްކޮށްކަން މި ހޯދުމުގެ ސަބަބުން ވަނީ ސާބިތުވެފަ އެވެ.


ސައިންސްވެރިން އުންމީދުކުރަނީ ބަނޑާއި ހަޖަމުކުރާ ނިޒާމަށް ޖެހޭ ބަލިތައް، އަލަށް މި ހޯދުނު ގުނަވަނުގެ ސަބަބުން މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެވި ފަރުވާ ކުރުމުގައި ވެސް އިތުރު ބަލި ދެނެގަނެވޭނެ ކަމަށެވެ.ގޮ

ގޮހޮރާއި ބަނޑު ގުޅުވައިދެނީ މެސެންޓަރީ ނަމަކަށް ކިޔާ މި ގުނަވަނެވެ. މިހާތަނަށް ސައިންސްވެރިން ގަބޫލުކޮށްފައި އޮތީ އެއީ ވަކި ތަފާތު ބައިތަކެއް ހިމެނޭ "ފްރެގްމެންޓެޑް ސްޓްރަކްޗާއެއް" ކަމަށެވެ. ނަމަވެސް އަޔަލެންޑްގެ ޔުނިވަސިޓީ އޮފް ލިމަރިކްގެ ޕްރޮފެސާ އޮފް ސާޖަރީ ޖޭ ކެލްވިން ކޯފީގެ އާ ދިރާސާއަކުން ހާމަވީ މެސެންޓަރީ އަކީ އެކަތިގަނޑަކަށް އޮތް ސްޓްރަކްޗާއެއް ކަމަށެވެ.

ދަ ލާންސެޓް ގެސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ ޖާނަލް ގައި ޝާއިއުކޮށްފައިވާ ޕްރޮފެސާ ކޯފީގެ ރިވިއުގައި މެސެންޓަރީ އަކީ އޯގަން އެއް ކަމަށް ކެޓަގަރީކުރަންޖެހޭ ހެކިތައް ދައްކަވާފައި ވެއެވެ.

އިންސާނާގެ ބަނޑުތެރެ

ކޯފީ ވިދާޅުވެފައިވަނީ މި ރިވިއު އަކީ އޭނާއާ އެކު މަސައްކަތްކުރާ އެހެން ސައިންސްވެރިން ވެސް ޗެކްކޮށްފައިވާ އެމީހުން ވެސް ގަބޫލުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އެމީހުންނަށް މި ހޯދުނު ގުނަވަނަކީ މިހާތަނަށް އެއްވެސް މީހަކަށް ހޯދިފައި ނުވާ އެއްޗެއް ކަމަށް ކޯފީ ވިދާޅުވި އެވެ.

މެސެންޓަރީ ބޮޑަށް ދެނެގަނެ އެ ގުނަވަނާ ބެހޭ ގޮތުން އިތުރު ސައިންޓިފިކް ދިރާސާތައް ހެދުމުގެ ނަތީޖާއެއްގެ ގޮތުން އިންވޭސިވް ސާޖަރީތަކުގައި ދިމާވާ މައްސަލަތައް މަދުވެ، ބަލިމީހާ އަވަހަށް ފަސޭހަވެ ބަލި މީހުން އަތުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެން ދާނެ ކަމަށް ކޯފީ ގަބޫލުކުރައްވަ އެވެ.

"މެސެންޓަރީ އަކީ އެތެރެހަށީގެ އެހެނިހެން ގުނަވަން ފަދަ ގުނަވަނެއްގެ ގޮތުގައި އަހަރެމެން ދެކޭނަމަ ބަނޑުގެ އެކިއެކި ގުނަވަނަށް ޖެހޭ ބަލިތައް ގޮތަށް މި ގުނަވަނަށް ޖެހޭ ބަލިތައް ވެސް ކެޓަގަރައިޒް ކޮށްލެވޭނެ،" ކޯފީ ވިދާޅުވި އެވެ.

ކޯފީ ވިދާޅުވަނީ މެސެންޓެރިކް ސައިންސަކީ މެޑިކަލް ސްޓަޑީގައި ގެސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ އަދި ކޮލޮޕްރޮކްޓޮލޮޖީ ގޮތަށް އޭގެ ޒާތުގައި މުޅިން ވަކި ދާއިރާއެއް ކަމަށެވެ. މިހާތަނަށް މެސެންޓްރިކް ސައިންސް ކިޔާ ދާއިރާއެއް ނެތް ކަމަށާއި އެހެންވެ އޭގެ އެނަޓަމީ އާއި ސްޓްރަކްޗާ ގާއިމްކުރަން ޖެހިފައިވާ ކަމަށާއި ދެން އޮތް ހަރުފަތަކީ މި ގުނަވަނުގެ މަސައްކަތް ދެނެގަތުން ކަމަށް ކޯފީ ވިދާޅުވި އެވެ.

"އޭގެ މަސައްކަތް ދަސްވީމަ އެނގޭނެ ރަނގަޅަށް މަސައްކަތް ނުކުރާނަމަ ވަކިކުރަން. އޭރުން ބަލި ދެނެގަނެވޭނީ. މި ހުރިހާ އެއްޗެއް އެއްކޮށްލީމަ މެސެންޓްރިކް ސައިންސްގެ ދާއިރާއަށް ވާނީ. މި ސައިންސްގެ މުޅިން އާ ދާއިރާއެއް،" ކޯފީ ވިދާޅުވި އެވެ.