ލައިފްސްޓައިލް / އީޕީއޭ

ފެހުރިހި ދައްކަން ޓޫރިސްޓުން ތޮއްޖައްސަނީ!

ދިރާސާތަކުން ދައްކާގޮތުގައި އަރިއަތޮޅުގެ ފެހުރިހި ފެންނަ ސަރަހައްދު އެއްވެސް ވަރަކަށް މޮނީޓާނުކުރެވޭތީ އެ އެއްޗެއްސަށް އަނިޔާވާ މިންވަރު އިތުރުވެ، އެތަނުން ފެހުރިހި ފެންނަ މިންވަރު ވެސް ދަނީ ދަށްވަމުން.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

އެއީ ރާއްޖެ އައި ޓޫރިސްޓަކު މީގެ ދުވަސްކޮޅެއް ކުރިން ޓުވީޓް ކުރި ވީޑިއޯއެކެވެ. ދެ މިނެޓުގެ ވީޑިއޯކޮޅުގައި ފެންނަނީ އދ. އަތޮޅުގައި އޮންނަ މަޝްހޫރު "ވޭލް ޝާކް" ޕޮއިންޓުގައި ފެހުރިހި ބަލަން ބަޔަކު ފީނާ ތަނެވެ. ފެހުރިހި ބަލަން ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ޓޫރިސްޓުންނެއް ގެންދާ، މާމިގިލީ ކައިރީގައި އޮންނަ އެ ސަރަހައްދުގެ މޫދުން ހުސް ތަންކޮޅެއް ނުފެނެ އެވެ.

އެކަކު އަނެކަކާ ޖެހި ފިތި ބާރުވެގެން މޫދުގައި ތިބީ ހުސް ޓޫރިސްޓުންނެވެ.

އެ ވީޑިއޯ ވައިރަލްވެ، އާންމުންގެ ފާޑުކިޔުމާއި ނުރުހުން ކަމާބެހޭ އިދާރާތަކަށް އަމާޒުވި އެވެ. ބައެއް މީހުން ބުނީ، އެއީ ބަލަން ވަރަށް އުނދަގޫވި މަންޒަރެކެވެ. އިކޯޓޫރިޒަމް ޕްރޮމޯޓްކުރަން މަސައްކަތްކުރާ ގައުމަކުން ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އެވަރަށް މީހުން ތޮއްނުޖައްސައި ވެސް، ފެހުރިހި ބަލައިލުމުގެ ފުރުސަތު ހަމަޖައްސައިދެވިދާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފިތިބާރުވެގެން، މީހުންނަށް އުނދަގޫވެގެން އުޅޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ޓޫރިސްޓުން އެތަނަށް ގެންދިޔަ ދޯނިތަކާއި ލޯންޗުފަހަރު ވެސް އެ މީހުންގެ ވަށައިގެން ތިބޭތީ ފެނެ އެވެ. މުޅި ތަން އޮތީ މީހުންނާއި ދޯނިފަހަރުން ތޮއްޖެހިފަ އެވެ.

"މާ ބައިވަރު މީހުން ތި ތަނުގައި އެބައޮތް. ތިއީ ފެހުރިއްސަށް ވެސް އަދި ޓޫރިސްޓުނަށް ވެސް ރައްކާތެރި ގޮތެއް ނޫން،" އެ ވީޑިއޯއަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

"މިއީ އަޅެ ޗަރުކޭހެއްތަ؟ ސްކޫބާ ޑައިވަރެއް ވެސް އެތަނުގައި ފީނާތަން އެބަ ފެނޭ."

ރާއްޖޭގެ ކަނޑު ސަރަހައްދު ކިތަންމެ ބޮޑަސް، ފެހުރިއްސަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަ މަހެއް ނޫނެވެ. އަދި ކަނޑު އޮންނަ ހުރިހާ ގައުމަކުން ފެންނަ ބާވަތުގެ މަހެއް ވެސް ނޫނެވެ. ރާއްޖެ ހިމެނެނީ ފެހުރިހި ފެންނަ މަދު ގައުމުތަކުގެ ތެރޭގަ އެވެ.

ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. އެ ދެ ސަރަހައްދު ވެސް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. މީގެ ތެރެއިން ވެސް މާމިގިލީ ބޭރުމައްޗަކީ ވަކިން ހާއްސަ ތަނެކެވެ. އެހެންވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ވެސް ހަމައެކަނި ފެހުރިހި ދެކިލުމަށްޓަކައި އަރިއަތޮޅަށް ދެ އެވެ.

ފެހުރިހި ދެކެލަން ޓޫރިސްޓުން ވަރަށް ބޮޑު ހޭދައެއް ވެސް ކުރެ އެވެ. ފެހުރިހި ތިލަވާ ސަރަހައްދުތަކަށް ދޯނިތަކާއި ސަފާރީތަކުގައި ޓޫރިސްޓުން އުފުލައިދެނީ ވެސް ބޮޑު އަގުގަ އެވެ.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓްގައި ފެހުރިއްސެއް ކައިރިން މީހަކު ފީނަނީ -- ފޮޓޯ: ނަބީހް އެމްވީ | އިންސްޓަގްރާމް

ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމަށާއި އެއާ ގުޅޭގޮތުން ތަފާތު ދިރާސާތައް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ)ގެ ހޯދުންތަކުން އެނގޭގޮތުގައި، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވާން ފެށި ފަހުން، 2013 ވަނަ އަހަރު އެކަނިވެސް ފެހުރިހި ދުށުމަށްޓަކައި އަރިއަތޮޅަށް 78،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެ އެސްކާޝަންތަކަށް ގާތްގަނޑަކަށް 9.4 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެކަމާ ގުޅޭގޮތުން ކުރި ދިރާސާގައި އަންދާޒާކޮށްފައިވެ އެވެ.

އާންމުގޮތެއްގައި ފެހުރިހި ތިލަވަނީ ހެނދުނުގެ ވަގުތުގަ އެވެ. އެހެންވެ ރަށްރަށުންނާއި ރިސޯޓުތަކުން ޓޫރިސްޓުން ގޮވައިގެން، އާންމުކޮށް ކޮންމެ ދުވަހަކު ވެސް 20-30 އުޅަނދު މާމިގިލީ ބޭރަށް ނުކުންނަ ކަމަށް ބައެއް މީހުންގެ ވާހަކަތަކުން އެނގުނެވެ.

މައްސަލައަކީ ކޮބާ؟

އެމްޑަބްލިއުއެސްއާރުޕީން މިދިޔަ އަހަރު ޖެނުއަރީގައި ޝާއިއުކުރި ދިރާސާ، "ދަ އިމްޕެކްޓް އޮފް އިންޖަރީ އޮން އެޕޭރެންޓް ސަވައިވަލް އޮފް ވޭލް ޝާކްސް އިން ސައުތު އަރި އެޓޯލް މެރިން ޕްރޮޓެކްޓެޑް އޭރިއާ" އިން އެނގުނު ގޮތުގައި، 2014-2019 ވަނަ އަހަރާ ދެމެދު، އަރިއަތޮޅުގެ ވޭލް ޝާކް ޕޮއިންޓުން ފެހުރިހި ފެންނަ މިންވަރު 48 ޕަސެންޓުން 35 ޕަސެންޓަށް ދަށަށް ދިޔަ އެވެ.

ހަމައެއާ އެކު، އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ފެހުރިހި ފެނުން، 2006-2019 ވަނަ އަހަރާ ދެމެދު، 24 ޕަސެންޓުން 45 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އެ ދިރާސާގެ އަލީގައި އެނގުނެވެ.

އެއްވެސް އަނިޔާއެއް ނުލިބޭ ފެހުރިހި ފެންނަ މިންވަރު، 2014 އިން ފެށިގެން ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް ވެސް އެ ދިރާސާގައި ބުނެ އެވެ.

މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމްގެ ދިރާސާގައި އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓުން ފެހުރިހި ފެނުން މަދުވަމުން އައިސްފައިވާ ގޮތް ދައްކައިދޭ ހީޓްމެޕެއް.

ފެހުރިއްސަށް ލިބިފައިވާ އަނިޔާތަކުގެ ހާލަތު ވަޒަންކުރުމުގެ ގޮތުން ކުރި އެ ދިރާސާގައި ބުނެފައި ވަނީ، އެ އެއްޗެއްސަށް އެންމެ ގިނައިން އަނިޔާ ލިބޭ ކަމަށް ބެލެވެނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކަމަށެވެ.

ބޮޑެތި އަނިޔާތައް ލިބިފައި ހުރީ، މައިގަނޑުގޮތެއްގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހިގެންނެވެ. އެ ދިރާސާގެ ޕޭޕަރުގައި ހިމަނާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ފެހުރިހީގެ އުރަހަ އެއްކޮށްހެން އޮތީ ބުރިވެފަ އެވެ.

އެ ދިރާސާގައި އެހެން ބުނެފައިވާއިރު، ފެހުރިހި ބަލަން މީހުން ގޮވައިގެން ގޮސް އުޅޭ ދޯނިފަހަރު އެ ސަރަހައްދުގައި ނޯންނަ ވަގުތެއް ވަރަށް މަދެވެ. އެހެންވެ، ކަމާބެހޭ އިދާރާތަކަށް އެ ސަރަހައްދު މޮނީޓާނުކުރެވި، ފެހިރިއްސަށް އަނިޔާވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

އެމްޑަބްލިއުއެސްއާރްޕީގެ ދިރާސާގައި ހިމަނާފައިވާ، ފެހުރިއްސަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯތައް.

ދިރާސާގެ މުހިންމު ހޯދުންތައް:

• ކޮންމެ ފެހުރިއްސެއްގެ އަރިމަތީގައި ހުންނަ ހާއްސަ ނިޝާނަކުން އެ އެއްޗެހި ވަކިކުރަން އެނގޭ. މި ދިރާސާގައި ފެހުރިހި ފެންނަ މިންވަރު ދެނެގަތީ އެ އެއްޗެހީގެ ފޮޓޯ ނަގައި، ސައިންޓިފިކް ދިރާސާތަކުގައި ބޭނުންކުރާ ހާއްސަ ޕެޓާން ރިކޮގްނީޝަން ސޮފްޓުވެއާއަކުން އެ ނިޝާންތައް ފާހަގަކޮށްގެން.

• އާންމުކޮށް ހުންނަނީ އެއްޗަކުން ޖެހި ފެހުރިހީގެ ހަންގަނޑުން ތަންތަން ކަފައިގެން ގޮސްފައި.

• 2014-2019 ވަނަ އަހަރާ ދެމެދު ފެނުނު ފެހުރިހީގެ ތެރެއިން 61 ޕަސެންޓް ފެހުރިއްސަށް ކޮންމެވެސް ބޮޑު އެއް އަނިޔާއެއް ލިބިފައިވޭ.

• މާޗު 23، 2014 ގައި ފުރަތަމަ ފެނުނުއިރު އެއްވެސް އަނިޔާއެއް ނުލިބި އޮތް ފެހުރިއްސެއް، އޭގެ ހަ ދުވަސް ފަހުން އެޕްރީލް 1، 2014 ގައި ފެނުނުއިރު، އޭގެ ބުރަކައްޓަށް އެއްޗެއް ވަދެ އޮތީ ބޮޑު އަނިޔާއެއް ލިބިފައި.

• ހަމައެގޮތަށް، ޖެނުއަރީ 14، 2012 ގައި ފުރަތަމަ ފެނުނުއިރު އެއްވެސް އަނިޔާއެއް ނުލިބި އޮތް ފެހުރިއްސެއް، އޭގެ 122 ދުވަސް ފަހުން، މެއި 15، 2012 ގައި ފެނުނުއިރު، އޭގެ ބުރަކަށިމަތީގައި ބޮޑެތި ކޫރުންތަކެއް ހުރި.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

އަނިޔާ ލިބިފައި ހުންނަ ފެހުރިހި އެ ސަރަހައްދުގައި ގިނަ ދުވަހު މަޑުކުރާ ކަމަށް ވެސް އެ ދިރާސާގައި ބުންޏެވެ. އޭގެ ސަބަބެއް ކަމަށް ބުނީ، އަރިއަތޮޅުގެ ވޭލް ޝާކް ޕޮއިންޓް ކަހަލަ ސަރަހައްދުތަކަކީ އާންމުގޮތެއްގައި ފެހުރިހި ކަހަލަ ދިރުންތައް ވަރުބަލިވުމުން ނުވަތަ އަނިޔާއެއްވުމުން، އަރާމުކުރަން ދާ މާހައުލުތަކަށް ވާތީ އެވެ. އަދި އެ ސަރަހައްދުތަކަކީ އެ އެއްޗެއްސަށް ބޭނުންވާ ކާނާ ވެސް ފަސޭހައިން ލިބޭ މާހައުލުތަކަށް ވާތީ ކަމަށް ވެސް ބުންޏެވެ.

އެ ސަބަބަށްޓަކައި، އެ މާހައުލުތަކަކީ މި އެއްޗެއްސަށް ރައްކާތެރި ތަނެއްގެ ގޮތުގައި އޮތުން ވަރަށް މުހިންމުވެ އެވެ.

އެމްޑަބްލިއުއެސްއާރުޕީން ބުނި ގޮތުގައި، 2006 ގައި އެ ޖަމިއްޔާގެ މަސައްކަތްތައް ފެށުނު ފަހުން، ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި އަރިއަތޮޅަކީ ފެހުރިއްސަށް ވަރަށް ހާއްސަ މާހައުލެއްކަން އެނގިފައިވާ ކަމަށެވެ. އެއީ މިހާރު މުޅި ދުނިޔޭގައި ވެސް، ތަކުރާރުކޮށް އެންމެ ގިނައިން ފެހުރިހި ފެންނަ ސަރަހައްދު ކަމަށް ބުންޏެވެ. އެ ކަހަލަ އެހެން ސަރަހައްދުތަކާ ހިލާފަށް، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އެތަނުން ފެހުރިހި ފެނުމަކީ ވެސް އެތަން ހާއްސަވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، އެ ސަރަހައްދުގެ ހާލަތު މިހާރު އޮތްގޮތުން އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތައް ވެސް ވަރަށް ގިނަ ކަމަށް ބުންޏެވެ.

ރާއްޖޭގައި ފެހުރިހީގެ މާހަލުތަކުގައި އުޅޭއިރު އަމަލުކުރުމަށް ހާއްސަ އުސޫލެއް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަދައިފައި އޮވެ އެވެ. އީޕީއޭއިން 2009 ވަނަ އަހަރު އެކުލަވާލި އެ އުސޫލުގައިވާ ގޮތުން، ފެހުރިހީގެ ކޮންޓެކްޓް ޒޯނުގެ ތެރޭގައި ދެ ނޮޓް (ގަޑިއަކު 3.7 ކިލޯމީޓަރަށް) ވުރެ ބާރަށް އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ.

ފެހުރިއްސެއް: ފެހުރިއްސަކީ 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް -- ފޮޓޯ: މުހައްމަދު އަޔަޝް | އިންސްޓަގްރާމް

"އެ ސަރަހައްދަށް ތާމޯރެގިއުލޭޝަނަށް، [ހަށިގަނޑު ފިނިހޫނުމިން ހަމަޔަކަށް އަޅުވަން]ށާއި އަރާމުކުރަން ދާ ފެހުރިއްސަށް ވަރަށް ބޮޑެތި އުނދަގޫތައްވޭ، އެ އެއްޗެހި ތިލަ ހިސާބެއްގައި ފީނާއިރު އުޅަނދުތަކުގެ ޖެހި އަނިޔާވެގެން. އަދި އެ އެއްޗެހި ކައިރީގައި ބައިވަރު އުޅަނދުތައް ދުއްވުމުންނާއި އެ އެއްޗެހި ވަށާލައިގެން ބައިވަރު މީހުން ފީނަން އުޅުމުން އެއަށް ވަރަށް ބޮޑަށް އުނދަގޫވޭ."

އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ ވެސް، އުސޫލެއް އޮތަސް، އެ ސަރަހައްދު މޮނީޓާކުރާނެ ނިޒާމެއް އަދިވެސް ނެތުމެވެ.

އެއްވެސް ބާރެއް ނުހިނގާ އުސޫލެއް!

އެ ސަރަހައްދުގައި އުޅަނދުފަހަރަށް ދުއްވެނީ އީޕީއޭއިން ހުއްދަ ނަގައިގެންނެވެ. އެ ހުއްދަ އާންމުކޮށް ދެނީ ޓޫރިޒަމްގެ ބޭނުމަށް ދުއްވާ އުޅަނދުފަހަރަށެވެ.

އީޕީއޭގެ އުސޫލު ބުނާގޮތުން، ކޮންމެ ފެހުރިއްސެއް ފެންނައިރު އެ އޮންނަ ތަނެއްގެ ވަށައިގެން 250 މީޓަރުގެ ސަރަހައްދަކީ ކޮންޓެކްޓް ޒޯނެވެ. ފެހުރިއްސާއި 250 މީޓަރު ކައިރިއަށް އުޅަނދަކަށް ދެވިއްޖެ ނަމަ، ކޮންޓެކްޓް ޒޯނުގައި ނެގުމަށް ކަނޑައެޅިފައިވާ ދިދައެއް ވެސް ނަގަން ޖެހެ އެވެ. އެ ޒޯނުގައި އުޅަނދެއް އޮއްވައި، އެހެން އުޅަނދެއް އެތަނަށް ވަނުމަކީ ވެސް މަނާކަމެކެވެ. ކޮންމެ އުޅަނދަކަށް އެ ޒޯނުގެ ތެރޭގައި ގިނަވެގެން ހޭދަކުރެވޭނީ 40 މިނެޓު ކަމަށާއި، އެ އުޅަނދަކުން ގިނަވެގެން މޫދަށް ބޭލޭނީ 12 މީހުން ކަމަށް ވެސް ބުނެފައި އޮވެ އެވެ.

އީޕީއޭއިން ހަދައިފައި އޮންނަ އުސޫލުގައި ފެހުރިއްސާ މީހުން ކައިރިވުމުގައި އަމަލުކުރަން ޖެހޭ ގޮތް.

• ކޮންޓެކްޓް ޒޯނުގައި އޮތް އުޅަނދަށް ފެހުރިއްސާއި އެންމެ ކައިރިވެވޭނީ 10 މީޓަރަށް.

• އުޅަނދާއި ފެހުރިއްސާއި ދެމެދު 10 މީޓަރު ހުއްޓާ ފެހުރިހި އުޅަނދާއި ދިމާލަށް ދަތުރުކުރަނީ ނަމަ އުޅަނދުގެ އިންޖީނުގެ ގިޔަރު ކަނޑާލަން ނުވަތަ ނިއްވާލަން ޖެހޭނެ.

• ފެހުރިހި ބެލުމަށް ފީނާ މީހުން މޫދަށް އެރެން ވާނީ ފެހުރީހީގެ ކުރިމަތިން ނުވަތަ އަރިމަތިން، ފެހުރިހި ދަތުރުކުރާ ދިމާލަށް ހުރަސްނޭޅޭ ގޮތަށް.

• ފެހުރިހީގައި އަތްލައި ގޯނާކޮށް އަދި އެސޮރުގެ ގައިމަތިން އުޅަނދު ފަހަރު ދުއްވުމަކީ މަނާކަމެއް.

އެކަމަކު، މި އުސޫލެއް އެތަނަކު ނުހިނގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން އެ އޮތީ އެ މަންޒަރު ވަރަށް ސާފުކޮށް ފެންނާށެވެ. އީޕީއޭގެ ބެލުމުގެ ދަށުގައި އޮންނަ އެ ސަރަހައްދު، އެ އިދާރާއަށް މޮނީޓާ ވެސް ނުކުރެވެނީ އެވެ.

އދ. އަތޮޅު ކައުންސިލުގެ ރައީސް އަލީ ނަސީރު ވިދާޅުވިގޮތުގައި، އެ ސަރަހައްދުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާތީ، އެ ސަރަހައްދު ބެލެހެއްޓުން އަތޮޅު ކައުންސިލާ ހަވާލުކުރަން އީޕީއޭގައި ދަންނަވާތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. އެ ސަރަހައްދާ ގުޅިގެން އަތޮޅު ކައުންސިލަށް އާންމުންގެ ވަރަށް ގިނަ ޝަކުވާތައް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

"އަޅުގަނޑުމެން އެކި ފަހަރު މަތިން އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭއާ މަޝްވަރާކޮށްފައި ވާނީ އަޅުގަނޑުމެންނަށް އެތަން ބެލުމަށް ހަވާލުކުރަން. ކައުންސިލަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ، އެ އެއްޗެއްސަށް ވެސް ރައްކާތެރިވާނެ، އަޅުގަނޑުމެން އެތަން ރަނގަޅަށް ބަލަހައްޓައިގެން. އަދި އެކަމަކު އަލި މަގެއް ނުފެނިގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

"އެ އެޗެއްސަށް އަނިޔާވާ މައްސަލަ މި އޮންނަނީ [ގިނައިން]... ސަފާރީބޯޓުފަހަރު ރޭގަނޑު އެ ސަރަހައްދަށް ވަދެ ދިއްލައިގެން ވެސް އުޅޭ... އެ އެއްޗެހީގައި އަތްލައި އަނިޔާކުރާ މައްސަލަތައް ވެސް ވަރަށް ބޮޑު."

އީޕީއޭއާ އެކު ކުރެވުނު މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި، އަތޮޅު ކައުންސިލު އޮތީ އެ މައްސަލާގައި ގޮތްހުސްވެފަ އެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ހައްލަކީ ކާކުގެ ޒިންމާއެއް؟

އެމްޑަބްލިއުއެސްއާރުޕީން ބުނި ގޮތުގައި، އެންމެ ބޮޑު މައްސަލައަކީ އީޕީއޭއިން ހަދައިފައި އޮތް އުސޫލަށް އަމަލުނުކުރެވުމާއި އެ ސަރަހައްދު ބަލަހައްޓާނެ ގޮތުގެ ރަނގަޅު މޮނީޓަރިން ނިޒާމެއް ނެތުމެވެ.

"އަޅުގަނޑުމެން މި ކުރާ ދިރާސާތަކުގެ މައިގަނޑު މަގުސަދަކީ ވެސް ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށް، ފެހުރިހި ދިރިއުޅޭ މިފަދަ މާހައުލުތައް ރެގިއުލޭޓްކުރުމަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން. އަދި މި ސަރަހައްދުތަކުން ގުދުރަތީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެއަށް ހޯދެންހުރި ފައިދާތަކަށް އެ ފަރާތްތައް އަހުލުވެރިކޮށްދިނުން،" އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، އަރިއަތޮޅުގެ ވޭލް ޝާކް ޕޮއިންޓްގެ ހާލަތު މިހާރު އޮތީ އެންމެ ރައްކާތެރިކޮށް ނޫން ކަމަށް އެތަނަށް ޓޫރިސްޓުން ގެންދާ ބައެއް ފަރާތްތަކުން ވެސް އެއްބަސްވެ އެވެ. އެހެންވެ، އެކަމަށް އެ ފަރާތްތައް އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން، އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ހާއްސަ ކެމްޕެއިނެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

އެ ޖަމިއްޔާގެ ދިރާސާގެ ރިކޮމެންޑޭޝަންގައި ވެސް ބުނެފައި ވަނީ މިވަގުތަށް އެންމެ ފައިދާ ހުރިގޮތަކީ، މިހާރު އޮތް އުސޫލުގެ ދަށުން އެ ސަރަހައްދު މޮނީޓާކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމެވެ. އެ ދިރާސާގައި ފާހަގަކޮށްފައިވާ އެހެން ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ؛

• ޒޯނިން ސިސްޓަމެއްގެ އެހީގައި އެ ސަރަހައްދަށް ވަންނަ އުޅަނދުތައް ލިމިޓްކުރުން.

• ވަކި ކަހަލަ އުޅަނދުތަކަށް އެތަނަށް އައިސް، ގޮސް ހެދޭނެ ޝެޑިއުލެއް ހެދުން.

• އުޅަނދުތަކުން އުސޫލުތަކަށް އަމަލުކުރޭތޯ ދެނެގަތުމަށް އިލެކްޓްރޯނިކް މޮނީޓަރިން ސިސްޓަމެއް ބޭނުންކުރުން.

• އެ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ކްރޫއިންނާއި ގައިޑުންނަށް ލައިސަންސެއް ދޫކުރުން.

• ޓޫރިސްޓުން އެސްކާޝަންތަކަށް ގެންދިއުމުގެ ކުރިން އުސޫލުތަކަށް އެމީހުން އަހުލުވެރިކުރުވުން.

ރާއްޖޭގެ ފެހުރިހީގެ ހާލަތާ ގުޅޭގޮތުން އެމްޑަބްލިއުއެސްއާރުޕީން މިހާތަނަށް ވަރަށް ގިނަ ދިރާސާތައް ކޮށްފައިވެ އެވެ. ހުރިހާ ހޯދުންތަކާއި ދިރާސާތައް، އީޕީއޭ އާއި ކަމާބެހޭ އެހެން ފަރާތްތަކާ އަބަދުވެސް ހިއްސާކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެ ސަރަހައްދު މޮނީޓާކުރުމަށް އީޕީއޭއިން ހަދަމުން އަންނަ މެނޭޖުމަންޓް ޕްލޭންގެ ޑްރާފްޓް އެކުލަވާލުމަށް އެ ޖަމިއްޔާގެ މަޝްވަރާ ހޯދި ކަމަށް ވެސް ބުންޏެވެ. އެކަމަކު، އީޕީއޭގެ ޖަވާބެއް ނުލިބޭތީ އެ މަސައްކަތް މިހާރު އޮތް ހިސާބެއް ސާފުވާގޮތެއް ނުވި އެވެ.

މިފަދަ ތިމާވެށީގެ ނާޒުކު މާހައުލުތަކަށް އެއްފަހަރާ އުޅަނދުތައް ވަންނަ މިންވަރާއި އިންސާނުން ދިރުންތަކާ ގައިގޯޅިވެ އުޅޭ މިންވަރާ އަދި ދުއްވާ އެއްޗެހީގެ ސްޕީޑް ކޮންޓްރޯލް ކުރުމަށް ގަވާއިދުތައް ހަދައި، އަވަހަށް ފިޔަވަޅު ނޭޅިއްޖެ ނަމަ، ފަހުންވާނެ ގެއްލުން މާ ބޮޑެވެ.

ތޮއްނުޖައްސައި ވެސް ޓޫރިސްޓުންނަށް ފެހުރިހި ބެލޭނެ ގޮތެއް ހަދަން ވެއްޖެ އެވެ.

25 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަސްމާ

18 December 2022

ބޭރު ގައުމުތަކުގައި ކުޑަ ކޯސްޓް ގާޑް ލޯންޗެއް ޑިއުޓީ ކުރޭ ހިމާޔަތް ކުރެވިފައިވާ ދިމާ ތަކުގައި. ވަގުތުން ޖޫރި މަނާ ކުރެވޭ ގޮތަށް. އެފައިސާއިން ފުލުހުންގެ ޓީމެއްގެ މުސާރަ ވެސް ދެވިދާނެ.

The name is already taken The name is available. Register?

އެމް ބީ ޢޭ

05 December 2022

ތިޔަ ކަހަލަ ގޮތަކައް ދޯ ގައުމުގެ އަގުވައްޓާ ލެވޭނީ

The name is already taken The name is available. Register?

ސޭކުބެ

04 December 2022

އެސަރަހައްދަށް ބުރަފަތި ލީ އިންޖީނުލީ އެއްވެސް އުޅަނދެއް ވަނުންމަނާކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމުގަ ހެދިދާނެ. މީ މިޒަމާނުގަ ނުކުރެވޭނެ ކަމެއްވެސްނޫން. ވޯޓަރ ޖެޓް އިންޖީނު އެޅި އުޅަނދަކީ މިއަދު ދުނިޔޭގަ އާއްމު އެއްޗެއް. އަދި މިރާއްޖޭގަވެސް އެފަދަ އުޅަނދުފަހަރު ގެންގުޅޭ.

The name is already taken The name is available. Register?

ގ‫ުއިސިއްޕޭ ޖާބެ އިޓާލިއާނޯ

04 December 2022

ފ‫ެހުރިހީގަ އެންމެންވެސް އަތްލަންވާބެ

The name is already taken The name is available. Register?

ވަންއޮންވަން

04 December 2022

މިހެންވީމަ ގިނަ މީހުން ގެނައުމުގެ ބަދަލުގައި، މަދު މުއްސަނދި މީހުން ގެންނަން އަމާޒު ހިފަންވީ.

The name is already taken The name is available. Register?

ހޫރޭރ

04 December 2022

ހީވަނީ ޔޫސޭގެ ދިރިއުޅުމަކީ މީގެ ޒޫބަލަންދާ މަންޒަރުހެން. ޓުރިޒަމް މިނިސްޓުރީ އިން މިކަހަލަ ސައިޓު ތައް ރެގިއުލޭޓް ކޮއްބަލަ. މީ ފަހުން އަންނަ ޖީލުތަކައްވެސް ބޭނުން ކުރަން ހުރި ރިސޯސްތައް. ކޮންމެ ދެމީހަކު ގެސްޓުހައުސް ހެދީމަ، އަދި ހޯމްސްޓޭ ހެދީމަ މުޅިއެތި މިއޮއް ފުންޑެންނީ

The name is already taken The name is available. Register?

ޅަ ފެހުރިހި

04 December 2022

ކޮބާ ދަންވަރު ފުލަޑް ދިއްލައިގެން ވޭލްޝާރކް ހޭލައްވައިގެން މައްޗައް އެރުވުން ނުވޭތޯ އެއެއްޗިއްސައް ދެވޭ ގެއްލުމަކަށް. ދިރޭތަކެތީގެ ބިހޭވިޔާއަށް ބަދަލުގެނައުމަކީ މުޅި އެކޯސިސްޓަމަށް ގެއްލުންދިނުން

The name is already taken The name is available. Register?

ޙިނި

03 December 2022

މަޖާކުރަން މަސްޜޭސް ބާއްވާ ތަނެއްގަ ޑޮލަރެއް ލިބެންޏާ ކޮންކަމެއް ނުކުރާނީ

The name is already taken The name is available. Register?

ހަސަނަނާ

03 December 2022

މަސްވެރިން އެންދަމާއިރު އައީމަ އަނިޔާކުރުންވެސް ވަރަށް އާންމު މިހާރު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 December 2022

ޤާނޫނަކުން ފާސްކޮށްގެން "Green Tax" ނަގާން ހަމަޖައްސާނީ ރާއްޖޭގެ ޤުދުރަތީ ވެށީގެ މުހިންމުކަމާއި އޭގެ ރައްކާތެރިކަން ބޮޑުވީމަ. # އެހެން ކަމުން ތިމާވެއްޓާއިބެހޭ މިނިސްޓްރީގެ ފަރާތުން މިފަދަ ކަންކަން ހައްލުކުރުމަށްޓަކާ "Environment Guard" ނުވަތަ ތިމާވެށީގެ ޕޮލިސް އުފައްދާންޖެހޭ. # މިދެންނެވި ފަރާތުގެ ޙަރަދު ބެލެހެއްޓުމަށްޓަކާ މިފަދަ ތަންތަނަށް ފީނުމަށާއި ފޮޓޯ، ވީޑިއޯ އަދި ޑްރޯންފަދަ ތަކެތި ބޭނުންކުރުނަށް ފަތުރުވެރިންގެއަތުން ފީއެއްނެގުން ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454