ޝާލީ އާއި ފިރިމީހާ ތުއްތު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުގައި
03 ފެބުރުއަރީ 2017 - 06:44
މަންމައަކު އޭނާގެ މަރުވެފައިވާ ތުއްތު ދަރިފުޅާ އެކު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ހޭދަކުރި ހިތްދަތި ގޮތް ހާމަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
ހިތްވަރުގަދަ ޝާލީ ސާކެކްސް، 21، އާއި ފިރިމީހާ އެޓިއްލާ، 28، އަށް އެމީހުންގެ ތުއްތު ދަރިފުޅު އެވްލީންގެ ހަށިގަނޑުގައި ކްރޮމޮޒޯމް މައްސަލަތަކެއް ހުރި ކަމުގެ ޚަބަރު ޑޮކްޓަރުން ދިނީ ސެޕްޓެމްބަރު 2016 ގައި، ބަނޑަށް 20 ވަނަ ހަފުތާގައި ހެދި ސްކޭނަކަށް ފަހުގަ އެވެ.
ތުއްތު އެވްލީން އުފަންވީ މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އުފަންވީއިރު ވެސް ސިކުނޑި އުފެދެންވާ ވަރަށް އުފެދިފައެއް ނުވެ އެވެ. ފުއްޕާމެޔާއި އެނޫންވެސް ގިނަ ބައިތަކުގައި އެކި މައްސަލަތައް ހުއްޓެވެ.
ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނާއި ކުއްޖާގެ މައިންބަފައިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވެ އެވްލީން މި ދުނިޔެ ދޫކުރީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.
ކުއްޖާ މަރުވުމަށް ފަހު ވެސް، ހަށިގަނޑު ކުނި ނުވާ ގޮތަށް ހުންނަ އެއްޗެއްގައި ދަރިފުޅު ބާއްވައިގެން އެ ކުއްޖާގެ މަންމަ 12 ދުވަހު އިނެވެ. ހުއްދަ ލިބޭ ބައެއް ފަހަރު ނަގައިގެން ހޮސްޕިޓަލު ތެރޭގައި ހިނގާލަން ވެސް ދެ އެވެ. އެންމެ ފަހުން ޖެނުއަރީ 26 ގައި ވަޅުލުމުގެ ހަތަރު ދުވަސް ކުރިން އަވްލީންގެ ހަށިގަނޑު ގެއަށް ގެންދިއުމުގެ ހުއްދަ ލިބުމުން ގެންދިޔައީ އެވެ.
ޝާލީ ބުނީ ބައެއް މައިންބަފައިންނަށް ދަރިފުޅާއެކު މިގޮތަށް ވަގުތު ހޭދަކޮށްލަން ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ އޭނާގެ ވާހަކަ ހިއްސާ ކޮށްގެން މީހުން ހޭލުންތެރިކުރުވަން ޝާލީ ބޭނުންވީ އެވެ.
މިއީ ޝާލީ ވިހޭ ހޮސްޕިޓަލުން ހުއްދަ ދޭ ކަމަކަށް ވިޔަސް އެހެން އެއްވެސް ހޮސްޕިޓަލަކުން މިކަމަށް ހުއްދަ ދޭކަމެއް އެނގިފައެއް ނެތެވެ.
ޝާލީ ބުނީ ހޮސްޕިޓަލުގައި އޮތްއިރު ހޮޅިތައް ގުޅާފައި އޮތުމުން ދަރިފުޅު އުރާލަން އުނދަގޫވި ނަމަވެސް ގެއަށް ގެންގޮސް އުރާލައިގެން ގެންގުޅެލަން ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ވިހަން ވާއިރަށް ދަރިފުޅަށް ތައްޔާރުކުރި އެނދުގައި ދަރިފުޅު ބާއްވާލަން ލިބުނީތީ ވެސް އޭނާ ހުރީ އުފަލުންނެވެ.
ޝާލީ އާއި އެޓިއްލާ އަކީ ޒުވާން ދެމަފިރިންނަށް ވިޔަސް ޝާލީ ބަލިވެ އިނދެފައިވަނީ ކުއްޖެއް ހޯދަން އެމީހުން މަސައްކަތްކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީފަހުންނެވެ. އެހެންކަމުން އެމީހުންގެ އަލަތު ދަރިފުޅު އެހާ އަވަހަށް ދުނިޔެ ދޫކުރުން އެ ދެމަފިރިންނަށް ވަނީ ބޮޑު ހިތާމައަކަށް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy