ކުޑަކުއްޖާ ކޮއްކޮއަށް ކާން ދެނީ
07 ފެބުރުއަރީ 2017 - 05:56
އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިލިޕިންސްގައި، މަގުމަތީ ސަލާންޖަހަން އުޅޭ ކުއްޖެއްގެ އަސަރުގަދަ ހާދިސާއެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ހިއްސާކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފިލިޕިންސަށް ދިޔަ ބޭރު ގައުމެއްގެ ދެމަފިރިން ކަމަށްވާ ޖިއޯ އާއި ޖޯން ބެނެޑިޓް، ކުއެޒަން ސިޓީގައި ހުންނަ ތަނަކަށް ކާން ދިޔަ އެވެ. އެ މީހުން ދިޔަ "ޖޮލީބީ" އަކީ އެ ގައުމުގެ އެންމެ މަޝްހޫރު އެއް ފާސްޓް ފުޑް ޗެއިންގެ ތަނެކެވެ. އެމީހުން ތިބި ތަނާ ކުރިމަތިވާ ކަހަލަ ގޮތަކަށް ހުރި ފިހާރައެއްގެ ދޮރުމަތީގައި ކުޑަ ފިރިހެންކުއްޖަކު ސަލާންޖަހަން ހުއްޓާ އެމީހުންނަށް ފެނުނެވެ.
އެ ކުއްޖާއަށް ފައިސާ ދިނުމުގެ ބަދަލުގައި ޖޮލީބީ ކެއުމެއް ހިމެނޭ ސެޓެއް ގަނެފައި ޖިއޯ އެ ކުއްޖާއަށް ދިނެވެ. އެ ކުއްޖާ ވަރަށް އަވަހަށް އެ ހިފައިގެން ދުވެފައި ދިޔަ އެވެ.
އެ ދެމަފިރިން އެކަމަކާ ނުވިސްނަ އެވެ. ނަމަވެސް ކައިގެން ދާން ހިނގައިގަތްތަނާ އެއްކަލަ ކުއްޖާ އެމީހުންނަށް ފެނުނެވެ. އޭނާއަށް ވުރެ ކުޑަ އަންހެންކުއްޖެއް ގޮވައިގެން މަގުމަތީގައި ހުރި ކޮންކްރީޓްގަނޑެއް މަތީގައި އިންދަ އެވެ. އެ ދެމަފިރިން ދިން ކެއުން ފިރިހެންކުއްޖާ އޭނާގެ ކުޑަ ކޮއްކޮއަށް ވަރަށް ލޯބިން އަތުން ލަވައި ކާންދެނިކޮށް ފެނުނެވެ.
މި އަސަރުގަދަ މަންޒަރުގެ ފޮޓޯތައް ޖިއޯ ނެގި އެވެ. އެތަނުން އެއް ފޮޓޯއިން ފެންނަނީ ބަނޑުހައިވެފައި އިން ބޭބެ ކޮއްކޮއަށް ކާންދޭއިރު އުފަލުން ހެވިފައި އިންދަ އެވެ. އޭނާ އެންމެ އެތިފުކެއް ވެސް ނުކައި ކޮއްކޮއަށް އޭނާގެ އަތުން ހެވިފައި އިނދެ ކާންދޭ މަންޒަރެވެ.
ކުޑަ ފިރިހެން ކުއްޖާ ހެވިފައި އިނދެ ކޮއްކޮއަށް ކާންދެނީ
މި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގިނަ ބަޔަކު ބަލާފައިވެ އެވެ. އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން މަގުމަތީގައި އުޅޭ މައުސޫމް ކުދިންނަށް ވުރެ ބޮޑަށް އެނގޭ ބަޔަކު ނެތް ކަހަލަ އެވެ.
ފިލިޕީންސަކީ ފަގީރުން ގިނަ ގައުމެކެވެ. ދެކުނު އިރުމަތީ އޭޝިއާގެ މި ގައުމަކީ 7،107 ޖަޒީރާ ރަށުގެ މައްޗަށް އެކުލެވިފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގިންތީގައި ހިމެނޭ ގައުމެއް ނަމަވެސް 2015 ގައި އެއްކޮށްފައިވާ އެ ގައުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފިލިޕީންސްގައި 3.8 މިލިއަން އާއިލާ ފަގީރު ހާލުގައި އުޅެ އެވެ. އެއީ ގާތްގަނޑަކަށް 21.9 މިލިއަން މީހުންނެވެ. އެ ގައުމުގެ އާބާދީ 100 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުރަމް
09 February 2017
މިކަހަލަ މަންޒަރު ފެނުމުން ހާދަ ހިތައް އަސަރުކުރެއޭ..... އެ މައުސޫމް ކުދިންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެފަދަ ގޮތެއްނެތި ބިކަވެ މަގުމަތީގަ އުޅޭތަން ފެނުމުން ހިތް ކުދި ކުދި ވޭ. މާތްﷲ އެފަދަ ކުދިންނަށް ހެޔޮރަހުމާތްލައްވާށި... އާމީން
އިބޫ
08 February 2017
މިތުއްތު ކުދިންނަށް ހެޔޮ ގޮތެއް މެދުވެރި ކުރައްވާށި
ޝާފިޔު
08 February 2017
މާޝާ ﷲ މިތިބަ ދެކުދިންނަށް އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިހްސާސް ކުރެވޭ، ދެރައީ އަހަރުމެންގެ ގައިގާ މިކަން ނެތީމަ! :(
ޢަލީ
07 February 2017
މަވެސް ހިތައް އަރާ މިތިބަ މުއްސަނދިން ގާތު ބުނެފާނަމޭ މަށައް ގޮލްފްކުރާފްޓް ލޯންޗެއް ދީބަލަށޭ ކޮންމެ މަހަކު ވަކިވަރަކުން ފައިސާ ދައްކާގޮތައް ބޮޑުއިންޓްރަސްޓެއް އަރާގޮތައް ބޭންކުން ލޯނުނަގައިގެން އަވަދިވާނީ
ކަރީމް
07 February 2017
އަހަރެންވެސް އަހަރެން ކޮއްކޮ ދެކެ ވަރައް ލޯބިވޭ އެއިނަ ގޯސްމަގުން ދުރުކުރުމައް ޓަކާ އަހަރެން ނުކުރާ ޚަރަދެއް މަދުވާނެ ، އަހަރެން އެވީޢުރުބާނީ އެއިނަ ރަނގަޅުވެގެން މި މުޖުތަމަޢުައް އަންނަ އިރު ހަނދާން ހުންނާނެބާ، ހަނދާން ނެތުނު ނަމަވެސް އަހަރެންގެ ފަރުވާލެއްނެތެވެ، އަހަރެން އެޚަރަދު ކުރީ ދުނިޔެވީ އަމިއްލަ އެދުމެއް އޮވެގެނެއްނޫނެވެ. އެއިނަޔައް ރަނގަޅު ގޮތް ވެއްޖެނަމަ އަހަރެންގެ އެދުންފުރިހަމވީއެވެ.
ބޯގޯސް
07 February 2017
ދިވެހިންނަކީ އަބަދުވެސް އަމިއްލަ އަދުމުން ފޯވެފަ ތިބޭ ބައެއް. އެބަޑު މީހުންމަރަމުންދަނީ ގޯތީގެ ބޭނުމުގައި މިވަރުގެ ބަޔަކައް ކޮން ގުޅުމެއް އިޙްސާސް ކުރެވޭނީ
07 February 2017
ކުރާނެކަމެ ނެތް އެކުދިން ނައްވެސް އަޅާލާމީހުން ގިނަވާންވީ އެއިރުން ކޮންމެސްވަރަކައް ރަގަޅު ވާނެ ކަމައްފެނޭ ކިތަމެހާވެސްދެރަ އެކުދިން އެހާފަގީރު ކޮއް އުޅޭތީ
ޒާ
07 February 2017
އަހަރެންގެ ހިތަށް ވަރަށް އަސަރުކޮށްފި. އަދި ބައެއް މީހުން ކޮށްފައިވާ ހެޔޮ ކޮމެންޓްތައް ކިޔާފައި ރޮވިއްޖެ. ﷲ އެފަދަ އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި.
ވަޙީދު
07 February 2017
އެގައުމަށް ނޭވޭ ލެވެން އޮތީ އެމެރިކާގެ ވަކި ތަކުން ސަލާމަތް ވެގެން. އެކަން ވާކަށް އަދި ނެތް.
ރިޒާ
07 February 2017
މިއީ ވަރަށް ރަގަޅުޢިބްރަތުން ފުރިގެންވާ ލިޔުމެއް މިކަމުން އެއްބަނޑު އެއްބަފާކަމުގެ ގުޅުންއޮންނަވަރުއެގި ޢިބްރަތްލިބިގަންނަންޖެހޭ ހިތާމައަކީ ތަންދޮރުނުދަންނަވަރުގެ ކުޑަކުދިންގެ ފަރާތުން މިފަދަމަންޒަރު ފެންނައިރު ބައެއް ބޮޑޭތިބޭފުޅުންގެ ފަރާތުން މިއާ އިދިކޮޅުޢަމަލު ފެންނާތީ