ރަބަރުފަށަކާ ހެދި ކުއްޖެއްގެ އަތް ބުރިކޮށްލާ ހިސާބަށް

ކުޑަ ފިރިހެންކުއްޖެއްގެ އަތަށް ވަދެ މަސްއަރާފައިވާ ރަބަރުފަށެއް ޗައިނާގެ ޑޮކްޓަރުން އޮޕަރޭޝަން ކޮށްގެން ނަގައިފި އެވެ.


ޗައިނާގެ ޕީޕަލްސް ޑެއިލީ އޮންލައިންގައިވާ ބުނާ ގޮތުން ޗައިނާގެ ޗެންގްޑޫ ހިސާބުގައި ދިރިއުޅޭ ލޮންގްލޯންގް ކިޔާ ހަތަރު އަހަރުގެ މި ކުއްޖާގެ އަތުކުރިއަށް ރަބަރުފަށެއް ވަދެ މަސް އަރާފައި ހުރުމުން އަތް ބުރިކޮށްނުލައި ފަރުޖެއްސުނީ ހަމަ ކިރިޔާ އެވެ.

ޑޮކްޓަރުން ވިދާޅުވެފައިވަނީ މި ރަބަރުފަށުގެ ސަބަބުން، ކުއްޖާގެ އަތުގައިވާ ކަށިތަކުގެ އުފެދުމަށް އަސަރުކޮށް އަތުގެ ހަރަކާތްވެސް ރަނގަޅަށް ނުކުރެވޭ ކަމަށެވެ.

ލޮންގްލޯންގްގެ އުމުރުން އެއް އަހަރުގައި އޭނާގެ މަންމަ އޭނާގެ އަތުގައި ރިހި ކެވެލިގަނޑެއް އެޅުވި އެވެ. އެއީ ޗައިނާ މީހުން ދަރިން އެސްފީނާއިން ސަލާމަތްކުރުވަން އަޅުވާ އެއްޗެކެވެ.

ކުއްޖާގެ އަތް އޮޕަރޭޝަން ކޮށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ނަމަވެސް މި ކުއްޖާގެ މާމަ ވަނީ އެ ކެވެލިގަނޑު މާ ބާރުކަމަށް ހީވެގެން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެ ނަގާފަ އެވެ. ކެވެލިގަނޑު ނެގުމުން އެ ކުއްޖާގެ އަތުކުރީގެ ވަށައިގެން ރަތްކުލައިގެ ނިޝާނެއް ދުޅަވެފައި ހުރިކަން މާމައަށް ފާހަގަ ކުރެވުނެވެ.

މާމަ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމުން ވެސް އެ ނިޝާން ފިލައިގެނެއް ނުދިޔަ އެވެ.

އެތަން ރަނގަޅުނުވާތީ އާއިލާގެ މީހުން ކުއްޖާ ގޮވައިގެން މިދިޔަ އޭޕްރީލް މަހު އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. މިފަހަރު ދެއްކި ޑޮކްޓަރު ވިދާޅުވިކަމަށްވަނީ ކުއްޖާގެ އަތުގައި ހުރީ ލަކުނެއް ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ލަކުނު ނުނަގައިފި ނަމަ ކުއްޖާގެ ކަށިތައް އުފެދުމަށް މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.

ޑޮކްޓަރު އިރުޝާދު ދެއްވީ ތިން މަސް ފަހުން އެ ލަކުނު ނަގަން އޮޕަރޭޝަނެއް ކުރުމަށެވެ.

ނަމަވެސް ޖޫން މަހު، ކުރިން ލަކުނު ހުރި ތަނުގައި ބޮޑު ފޮޅެއް ނަގައިފި ކުއްޖާގެ ހާލަތު ގޯސްވާން ފެށި އެވެ. އަނެއްކާވެސް އާއިލާގެ މީހުން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު ވަގުތުން ފޮޅު ފަޅާލައި ދިޔަތައް ނެގި އެވެ. އަދި ހަންގަނޑު ފަޅާލުމުން އެމީހުންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ކުއްޖާގެ އަތުކުރި ތެރެއަށް ވަދެ މަސްއަރާފައިވާ ރަބަރު ފަށެއް ފެނުމުންނެވެ.

ޑޮކްޓަރު ވިދާޅުވީ މި ރަބަރު ފަށް އިނުމުގެ ސަބަބުން ކުއްޖާގެ އަތުގެ ކަށިތަކަށް ނޭދެވޭ އަސަރުތައް ކޮށްފައިވާކަން އެކްސްރޭ އިން ދައްކާ ކަމަށެވެ. އަދި ލޮންގްލޯންގަށް އަތް ސީދާކޮށް ދަމާނުލެވޭކަން ވެސް ޑޮކްޓަރު ފާހަގަކޮށްފައިވެ އެވެ. އަދި ރަބަރު ބޭންޑް ނުނެގުނު ނަމަ އެ ކުއްޖާގެ އަތް ބުރިކޮށްލަން ޖެހުން އޮންނާނީ ވަރަށް ގާތުގައި ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެ އެވެ.

ރަބަރު ބޭންޑް އަތުގައި އެޅީ އޭނާ އަމިއްލައަށް ކަމަށް ލޮންގްލޯންގް އޭނާގެ މަންމަ ކައިރީ ފަހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ރަބަރު ބޭންޑް އަތުގައި އެޅީ ކޮން އިރަކު ކަމެއް މި ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.

ކުއްޖާގެ އަތަށް ވަދެފައި އިން ރަބަރު ފަށް

މި ކުއްޖާގެ މައިންބަފައިންނަކީ ދުރު އަވަށެއްގައި މަސައްކަތްކުރާ ބައެކެވެ. ކުއްޖާ ބަލަނީ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ އެ ކުއްޖާގެ މާމަ އާއި ކާފަ އެވެ. އެހެންވެ ކުއްޖާ ފެންވަރައި ހެދުން އަޅާ ހަދަނީ އަމިއްލައަށް ކަމަށްވާތީ އެހެން މީހަކަށް އެ ކުއްޖާގެ އަތުގައި ރަބަރު ބޭންޑެއް އިންކަން ފާހަގަ ނުކުރެވި ހުރީ އެވެ.

ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުން ބުނަނީ މިފަދަ މައްސަލަތައް މަދުން ނަމަވެސް ދިމާވެގެން ކުދިންނަށް މީގެ ކުރިން ވެސް ފަރުވާ ދީފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުވެސް ބްރެސްލެޓެއް އަތަށް ބާރުވެގެން ގެނައި ކުއްޖެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަ ކޮށްފައިވެ އެވެ.