ކުރިމަގުގައި މީހުންގެ ގަޔަށް ލޭ އަޅަން އެހެން މީހެއްގެ ގައިން ލޭ ނަގަން ނުޖެހުން އެކަށީގެންވޭ
19 މެއި 2017 - 07:14
ސްޓެމް ސެލް ބޭނުންކޮށްގެން ބޭނުންވަރަކަށް ލޭ އުފެއްދިދާނެ ކަމަށް ސައިންސްވެރިން މިހާރު ގަބޫލުކުރެ އެވެ. އެހެންވެ، ލޭ ބޭނުންވާ ހާލަތްތަކުގައި އެހެން މީހެއްގެ ލޭ ހޯދަން ނުޖެހޭ ގޮތެއް ވުމަކީ މިހާރު ކުރެވޭ އުންމީދެކެވެ.
ވިހި އަހަރު ވަންދެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓުން ވަނީ ބޭނުންވަރަކަށް ލޭ އުފެއްދުމާއި ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ އިމިއުން ސެލްސް އުފެއްދުމުގެ މަގު ފަހިވެފަ އެވެ. އެއީ ބަލިމީހާގެ އަމިއްލަ ގައިގެ ހަމުގެ ސެލްތައް އަލުން ޕްރޮގްރާމްކޮށްގެންނެވެ.
ޖާނަލް ނޭޗާގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ސައިންސްވެރިން ބުނެފައި ވަނީ މިއީ ވަރަށް ގިނަ އުންމީދުތަކެއް އާވެގެން އަންނަ ހޯދުމެއް ކަމަށެވެ. އެބޭފުޅުން ވިދާޅުވަނީ މިއީ އެކި ވައްތަރުގެ ލޭގެ ބަލިތަކަށާއި ޑްރަގް-ސްކްރީނިން އަދި ހަދިޔާކުރާނެ ލޭ ނުލިބުމުގެ މައްސަލައަށް ހައްލަކަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ބޮސްޓަން ޗިލްރަންސް ހޮސްޕިޓަލުގެ ޑރ. ރިޔޯހީޗީ ސުގިމޫރާ ވިދާޅުވީ މި އާ އީޖާދުގެ ސަބަބުން ކޮންމެ މީހެއްގެ ސެލްތަކުން ވެސް ލެޔާއި ލޭގެ ސްޓެމް ސެލް ހައްދެއް ނެތް މިންވަރަކަށް އުފެއްދުމުގެ ގާބިލްކަން ލިބޭނެކަމަށެވެ. އަދި މިއީ ލޭ އަޅަން ޖެހޭ މީހުންނަށް ލޭ ނުލިބިގެން އުޅުން ހުއްޓިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވާރުތާ ލޭގެ މައްސަލަތައް ހުންނަ މީހުންގެ ގައިން ސެލްތައް ނަގައިގެން ޖީން އެޑިޓިން ބޭނުންކޮށްގެން އެމީހުންގެ ޖެނެޓިކް އައިބުތައް ރަނގަޅުކޮށް ރަނގަޅަށް ފަންކްޝަން ކުރާ ލޭ ސެލްސްތަކަށް ބަދަލުކޮށްލުމުގެ ފުރުސަތު މި އާ އީޖާދުން ލިބިގެން ދާނެ،" ޑރ. ސުގިމޫރާ ވިދާޅުވި އެވެ.
ކެންސަރާއި، ލޭގެ ބަލިތަކަށް އަދި އެކްސިޑެންޓެއް ވުމުންނާއި އޮޕަރޭޝަން ކުރާ ވަގުތު ލޭ އަޅަންޖެހޭ މީހުން އަދި ވިހެއުމަށްފަހު ލޭ މަދުވެގެން ލޭ އަޅަންޖެހޭ މައިންނަށް ލެ އަކީ އެމީހުންގެ ސިއްހީ ފަރުވާއަށް ވަރަށް މުހިއްމު އެއްޗެކެވެ.
ސްޓެމް ސެލްސް އިން ލޭ އުފައްދަން ސައިންސްވެރިން މަސައްކަތްކުރާތާ 20 އަހަރުވެއްޖެ
ސައިންސްވެރިންނަށް 1998 ވަނަ އަހަރު ހިއުމަން އެމްބްރިއޯނިކް ސްޓެމް ސެލްސް ދެނެގަނެވުނު ފަހުން އެ ސެލްސްތައް ބޭނުންކޮށްގެން ލޭ އުފައްދައިދޭ ސްޓެމް ސެލްސް އުފެއްދޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް މިހާތަނަށް އޮތީ ކާމިޔާބު ނުވެފަ އެވެ.
ބޮސްޓަންގެ ޓީމުން މިފަހަރު ފެށި އާ ދިރާސާގައި އެމްބްރިއޯނިކް ސްޓެމް ސެލްސް ކެމިކަލް ސޫޕަކަށް ހުށަހެޅުވި އެވެ. އޭގެ ސަބަބުން ޓިޝޫތަކަށް ބަދަލުތަކެއް އައިސް ބްލަޑް ސްޓެމް ސެލްސް އުފެދެން ފެށީ އެވެ. އަދި މި ޓިޝޫތައް މީދަލުގެ ހަށިގަނޑަށް ބަދަލުކުރުމުން އެ ޖަނަވާރުތަކުގެ ހަށިގަނޑުގައި އާ ލޭގެ ސެލްސްތައް އުފެދެން ފެށި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
20 May 2017
ﷲ އަށް ޙައްމުދު ހުރި... ދުޢާއަކީ ﷲ ގެ ރަޙުމަތުން މިކަން ކާމިޔާބުވުން