20 މެއި 2017 - 07:15
މީހަކު އެހެން މީހަކަށް ހިތްކިޔައި ޝައުގުވެރިކަން އުފެދެނީ އެ މީހެއްގެ ބުރުސޫރައިގެ ސަބަބުން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ ސިފައިގެ އިތުރުން އެ މީހެއްގެ އަޑާއި ގައިން ދުވާ ވަހަކީ ވެސް ޝައުގުވެރިކަން އުފެދުމުގެ ސަބަބެއް ކަމަށެވެ.
މީހެއްގެ އަޑާއި ވަހަކީ ވެސް ޝައުގުވެރިކަން އުފެއްދުމުގައި ސިފަޔާ އެއްވަރުގެ ދައުރެއް އަދާކުރާ ކަމެއްކަން ހޯދިފައި ވަނީ މި ދާއިރާއިން މިދިޔަ 30 އަހަރު ތެރޭ ކޮށްފައިވާ ދިރާސާތަކެއް ރިވިއުކުރުމުންނެވެ. ފްރަންޓިއާސް އިން ސައިކޮލޮޖީގައި ވަނީ މި އާ ދިރާސާ ޝާއިއުކޮށްފަ އެވެ.
"ފަހުގެ ހޯދުންތައް މުޅިން ކަހަލަ ގޮތަކަށް މި ހުންނަނީ ފެންނަން ހުންނަ ސިފަތަކަށް އަމާޒުކޮށްފައި. މިސާލަކަށް، މޫނު ނުވަތަ ހަށިގަނޑުގެ ބައްޓަމަށް،" އާ ދިރާސާގައި އިސްކޮށް ހުންނެވި އަގާޓާ ގްރޯއިޔެކާ ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ޕޮލެންޑުގެ ޔުނިވަސިޓީ އޮފް ރޮކްލޯގެ ރިސާޗަރެކެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޝައުގުވެރިކަން އުފެދުމުގައި އެ މީހަކާ މެދު އުފެދޭ އިހްސާސްތަކާއި އެ މީހެއްގެ އިޖުތިމާއީ ގުޅުންތަކާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތައް މާ ގިނަ ކަމަށެވެ. އަދި މިއީ މި ގޮތުން ވިސްނާއިރު އަޅާނުލައި ދޫކޮށްލެވޭ ވަރުގެ ދިރާސާތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ނިއުސް ރިލީޒެއްގައި ގްރޯއިޔެކާ ވިދާޅުވީ އެކަކު އަނެކަކަށް ޝައުގުވެރިކަން އުފެދޭ ސަބަބު ދެނެގަތުމުގައި، އެ ދެ މީހެއްގެ ގުޅުން އުފައްދައިދޭ ހުރިހާ ވަސީލަތްތަކަކަށް ރިއާޔަތްކުރުމުން ލިބޭ ނަތީޖާގެ ކަށަވަރުކޮށް މާބޮޑުވާނެ ކަމަށެވެ.
މި ދިރާސާގައި ބުނެފައި ވަނީ މީހެއްގެ ޖިންސާއި އުމުރު އަދި އަޑުން އެ މީހެއްގެ ވަރަށް ގިނަ ކަންކަން ރަމްޒުކޮށްދޭނެ ކަމަށެވެ. އެގޮތުން އެ މީހެއްގެ ބާރުވެރިކަމާއި ގުޅިގެން އުޅުމާއި ޖަޒުބާތުތަކާއި ހަށިގަނޑުގެ ސައިޒު ވެސް އެނގޭނެ ކަމަށް ބުނެފައިވެ އެވެ.
މި ކަންކަމުގެ އިތުރުން މީހެއްގެ ގައިގައި ހުންނަ ވަހަކީ ވެސް ހަމަ މި ހުރިހާ މައުލޫމާތަކާ ގުޅޭ އެއްޗެއްކަން ވަނީ ދިރާސާއިން އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲ އުރުދުޤާން
22 May 2017
އިސްލާމް ދީނުން އެކަން އެނގެން އެބައޮތް.
ކުޑައަލީ
21 May 2017
ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ސިފަ އެކަންޏެއްނޫން. އަޑާއި ވަހުންވެސް ހިތްކިޔާފާނެ. ތަޖުރިބާކުރިން ތިކަންތައް،.