ނިދި މަދުވުމުން ސިފަ ހުތުރުވޭ

ނިދުމުން ޒުވާންކަން ދަމަހައްޓައިދޭ ކަމަށް ގަބޫލުކުރެވިފައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. މިކަމަށް ނިސްބަތް "ބިއުޓީ ސްލީޕް" އޮންނަނީ މަޝްހޫރުވެފަ އެވެ. އެންމެފަހުން ސައިންސުން މިކަން ކަށަވަރުކޮށްދީފި އެވެ.


އާ ދިރާސާއެއްގައި ބުނަނީ އެންމެ ރެއެއްގެ ނިދި ހަމަޔަށް ނުލިބުނު ކަމުގައި ވިޔަސް އަނެއް ދުވަހު އެ މީހަކު އެހެން މީހުންނަށް "ރީތިނޫން ކަމުގެ އަސަރުތައް" ފެންނާނެ ކަމަށެވެ.

ރޮޔަލް ސޮސައިޓީ އޯޕަން ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ދެ ރެޔަކު ރަނގަޅަށް ނިދި ނުލިބިއްޖެ ނަމަ އެ މީހެއްގެ ސިފަ ފާހަގަކުރެވޭ ވަރަށް ހުތުރުވެދާނެ ކަމަށެވެ.

ސްޓޮކްހޯމް ޔުނިވަސިޓީން ކުރި މި ދިރާސާގައި 25 މީހަކު، ޖެހިޖެހިގެން ދެ ރޭ ރަނގަޅަށް ނިންދެވި އެވެ. އަދި އޭގެ ހަފުތާއެއް ފަހުން މި މީހުން ޖެހިޖެހިގެން ދެ ރޭ ކޮންމެ ރެޔަކު ހަތަރު ގަޑިއިރު ނިންދެވި އެވެ.

މިއިން ކޮންމެ ސެޝަނެއްގެ ފަހުން، އެއްވެސް މޭކަޕަކާ ނުލައި އެ މީހުންގެ ފޮޓޯ ނެގި އެވެ. އަދި އެ މީހުން ނުވެސް ދަންނަ 122 މީހަކަށް އެ ފޮޓޯތައް ދެއްކި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. މި ފޮޓޯތައް ބެލުމަށް ފަހު، އެ ފޮޓޯތަކުން ފެންނަ މީހުންގެ ރީތިކަމާއި ސިއްހަތާއި ނިދީގެ އަސަރު އަދި އިތުބާރުކުރެވޭ މިންވަރު ރޭޓްކުރަން ބުންޏެވެ.

ވަރަށް ފާޅުކަން ބޮޑު ނަތީޖާއަކުން އެނގުނު ގޮތުގައި ނިދި މަދުވެފައި ހުރިކަން މޫނުމަތިން ވަރަށް ރީއްޗަށް ފާޅުވެ އެވެ. މޫނު ކަޅުވެފައި ހުރުމައި ލޯ ކައިރި ދުޅަވެފައި ހުރުން ފަދަ ކަންކަމަކީ ނިދި މަދުވެފައި ހުރިކަން ވަރަށް ރީއްޗަށް ހާމަވާ ކަންކަމުގެ ގޮތުގައި، ފޮޓޯތައް ބެލި މީހުން ފާހަގަކޮށްފައިވެ އެވެ.

ފޮޓޯތައް ރޭޓްކޮށްފައިވާ ގޮތަށް ބަލާއިރު، ނިދި މަދުވުމުގެ އަސަރު ހުރި މީހުންނާ ގުޅިގެން އުޅެން ބޭނުންވި މީހުންގެ އަދަދު މަދެވެ. އެ މީހުންގެ ކިބައިން ރީތިކަން ފެންނަ މިންވަރު ކުޑަ ކަމަށާއި އިތުބާރު ވެސް ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބުނި ގޮތުގައި މިއީ ގުދުރަތީ ގޮތުން ކަން ހިނގާ އާންމު އުސޫލެވެ. އިންސާނުންނާއި ޖަނަވާރުން ވެސް ގުޅިގެން އުޅެން ބޭނުންވަނީ ސިއްހަތު ރަނގަޅު ބައިވެރިންނާ އެކުގައި ކަމަށާއި ނިދި މަދުވުމުން ސިއްހީ ބަލިކަށިކަން ހާމަވެ އެ މީހަކަށް އެހެން މީހުންގެ ޝައުގުވެރިކަން ކުޑަވަނީ އެހެންވެ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.