29 ނޮވެމްބަރ 2017 - 06:41
އެމެރިކާގައި މީހަކު ކާރުން ޕެޓްރޯލް ހުސްވެ މަގުމައްޗަށް ހުއްޓިފައި އޮއްވައި، އެ މީހާއަށް އެންމެ 20 ޑޮލަރު ދީގެން އެހީތެރިވި މީހެއްގެ ދިރިއުޅުން އާދަޔާ ހިލާފު ގޮތަކަށް ބަދަލުވެއްޖެ އެވެ.
ކާރުން ޕެޓްރޯލް ހުސްވެ ހާލުގައިޖެހުނު އަންހެން މީހާއަށް އެހީވި މީހާ އަތުގައި އޮތީ ވެސް އެންމެ 20 ޑޮލަރެވެ. އެއީ ކުޑަ އަދަދެއް ނަމަވެސް އަންހެން މީހާ ވަނީ އޭނާއަށް އެހީތެރިވި މީހާއަށް އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދައިދީފަ އެވެ.
ކޭޓް މެކްކްލުއާ، 27، ގެ ކާރު ހުއްޓުނީ ފިލަޑެލްފިއާގެ މަގަކުން ދުއްވާފައި ދަނިކޮށެވެ. އޭނާގެ އަތުގައި ފައިސާ ނެތުމުން އެހީއަށް އެދެން ޖެހުނީ މަގުމަތީގައި އުޅުނު، ގެދޮރު ނެތް، ފަގީރެއް ކަމަށްވާ ޖޮނީގެ ކިބައިންނެވެ.
އެ ސަރަހައްދަކީ އެހާ ރައްކާތެރި ހިސާބެއް ނޫން ކަމަށާއި ކާރުން ނުނިކުމެ އިނުމަށް ޖޮނީ ކޭޓަށް ނަސޭހަތްތެރިވި އެވެ. އަދި ޕެޓްރޯލް އަޅާނެ އެއްޗެއް ހިފައިގެން ވަރަށް ދުރަށް ހިނގާފައި ގޮސް ޕެޓްރޯލް ގަނެގެން ގެނެސްދިނެވެ.
ޕެޓްރޯލް އަޅައިގެން ކޭޓް ދިޔައީ ޕެޓްރޯލް ގަންނަން ހަރަދުވި ފައިސާ ޖޯނީ އަށް ދޭނެ ކަމަށް ވައުދުވަމުންނެވެ. ޖޯނީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނާއަށް އެހީވުމަށް ގޯފަންޑްމީ ޕޭޖެއް ހުޅުވި އެވެ. އިސާހިތަކު މީހުން މި ފަންޑަށް ފައިސާ ހަދިޔާކުރަން ފެށި އެވެ. އަދި 10،000 ޑޮލަރު ވަރަށް އަވަހަށް ޖަމާވި އެވެ. އަދި މިހާތަނަށް މި ފަންޑަށް 116،000 ޑޮލަރު ވަނީ ލިބިފަ އެވެ.
"ޖޮނީ ކޮންމެ ދުވަހަކުވެސް މަގުގެ އެއްފަރާތުގައި ލިޔުމެއް ދިއްކޮށްގެން އިނދޭ. އޭނާއަށް އަހަރެން ކާރުގެ މައްސަލައެއް ޖެހިގެން އުޅޭތަން ފެނިގެން އައީ. އަދި އަހަރެން ކައިރީ ކާރުން ނުނިކުންނަން ބުނެފައި އޭނާ ގޮސް އަތުގައި އޮތް ހަމައެކަނި 20 ޑޮލަރަށް ޕެޓްރޯލް ގަނެގެން ގެނެސް އަޅައިދީ އަހަންނަށް ރައްކާތެރިކަމާއެކު ގެއަށް ދެވުނުކަން ޔަގީންކުރި،" ކޭޓް ލިޔެފައިވެ އެވެ.
ކޭޓް ބުނި ގޮތުގައި އޭގެ ފަހުން އޭނާ ޖޮނީ އަށް ޒިޔާރަތްކުރެ އެވެ. އަދި ޖެކެޓް، ތޮފި، އަންގި، އިސްޓާކީނު ފަދަ ތަކެތި ވެސް ހަދިޔާކުރި އެވެ. އަދި ޖޮނީއާ ބައްދަލުވާ ކޮންމެ ފަހަރަކު ފައިސާ ވެސް ދެއެވެ.
ކޭޓް ސިފަކުރާ ގޮތުގައި ޖޮނީ އަކީ ވަރަށް ރަނގަޅު މީހެކެވެ. އެހެންވެ އޭނާއަށް ތަނެއް ކުއްޔަށް ހިފައިދީ ދުއްވާނެ ވެހިކަލެއް ހޯދައިދީ ހަ މަސްދުވަހު ދިރިއުޅޭ ވަރަށް ކޭޓް ވަނީ ފައިސާ ހޯދައިދީފަ އެވެ. އަދި ކޭޓް ވަނީ ޖޮނީ އަށް ވަޒީފާއެއް ހޯދުމާއި އެނޫންވެސް ގޮތްގޮތުން ވެވުނު އެހީއެއް ވެދިނުމަށް އޭނާގެ އަވަށުގެ މީހުންނަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޒެން
29 November 2017
ހާދަ މެސީ އާ އޭނަ ވައްތަރުއޭ
ހަޖީ ތަކުރުފާނު
29 November 2017
ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެކަން ހަނދާނުގައި ބަހައްޓާތި!!!!! އެވެދާނެ އަހަންނަވެސް،،، އެކަމަކު ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން މީގަ މުހިއްމީ. ޚާއްޞަކޮށް އަހުރެމެން މުސްލިމުން. ފަސް ވަގުތު ނަމާދު އަދާކޮށް ޒާކާތްދީ ރަމަޟާން މަހު ރޯދައަށް ހުރެ، ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުގެ އަޅުކަން އަދާ ކުރުން. މިޢަމަލުތަކަށް ފަރުވާތެރި ވާނެކަމަށް އުމްމީދުކުރަމުން ވަކިވާނަން.
ޝިޔާމް
29 November 2017
އިހުސާންތެރިކަމުގެ ޖަޒާ އަކީ އިހުސާންތެރިކަން ފިޔަވާ އެހެން އެއްޗެއް ނޫން ކަމަށް ﷲ ސުބުހާނަހޫ ވަތައާލާ ވަނީ ވަހީ ކުރައްވާފައި. ކޮންމެއަކަސް އަޅުގަނޑުގެ ދިރާސާއިން ވެސް ދައްކަނީ މިހެން މަގުމަތީ އަދިވެސް އެނޫން ގޮތްގޮތުން ހާލުގައި އުޅޭމީހުންނަށް އެހެންމީހުންގެ އިހުސާސްތައް މާބޮޑައް އިނގޭކަން. މީ އޭގެ މިސާލެއް.