ކެންސަރު ގިނަވަނީ ފަލަބައްޔާއި ހަކުރުބަލި އިތުރުވާތީ

ކެންސަރަކީ ދިރިއުޅުމުގެ ވައްޓާފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެއް ކަމަށް ކުރީގެ ބައެއް ހޯދުންތަކުން ވެސް ވަނީ ހާމަވެފަ އެވެ. އަދި ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި 2012 ގައި އަލަށް ކެންސަރު ޖެހުނު މީހުންގެ ގާތްގަނޑަކަށް ހަ ޕަސެންޓު ނުވަތަ 80،000 މީހުންނަކީ ހަކުރުބައްޔާއި ފަލަބަލީގެ ސަބަބުން ކެންސަރު ޖެހުނު މީހުންނެވެ.


މަޝްހޫރު މެޑިކަލް ޖާނަލް "ދަ ލާންސެޓް ޑައިބެޓީސް އެންޑް އެންޑޮކްރައިނޮލޮޖީ"ގައި ޝާއިއުކޮށްފައިވާ ސައިންސްވެރިންގެ ހޯދުމެއްގައި ކެންސަރުގެ 12 ވައްތަރެއް ޖެހޭ ގޮތް ތަހުލީލު ކޮށްފައިވެ އެވެ. މި ހޯދުމުން ދައްކާ ގޮތުން ފަލަބައްޔާއި ހަކުރުބައްޔާ ދެ ބަލި ހުންނަ މީހުންގެ ތެރެއިން އަންހެނުންނަށް މި ބަލި ޖެހުން ދެ ގުނަ އިތުރެވެ.

ފަލަބައްޔާއި ހަކުރުބަލި ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ފަލަބަލި ޖެހިފައިވާ ނަމަ ހަކުރުބަލި ޖެހުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.

"ފަލަބައްޔާއި ކެންސަރާ ގުޅުން ހުންނަކަން އެނގިފައި އޮންނަތާ ދުވަސްތަކެއް ވިޔަސް ހަކުރުބައްޔާއި ކެންސަރާ ހުންނަ ގުޅުން ޔަގީންވެފައި ވަނީ ވަރަށް ފަހުން. އަހަރެމެން މިފަހަރު ކުރި ދިރާސާއިން ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ތެރެއިން ހަމައެކަނި ހަކުރުބަލި ނުވަތަ ފަލަބައްޔާ އެކު ހަކުރުބަލި ހުރުމުން ކެންސަރު ޖެހޭ މީހުންގެ އަދަދު އަހަރަކު އެތައް ހާހަކަށް އަރާ،" ދިރާސާގައި ބައިވެރިވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

ފާއިތުވީ ސާޅީހަކަށް އަހަރުގެ ތެރޭގައި ހަކުރުބައްޔާއި ފަލަބަލި ޖެހުނު މީހުން ވަނީ އާދަޔާޚިލާފަށް އިތުރުވެފަ އެވެ.

މިހާރު ކަންތައްތައް ވަމުންދާ ގޮތަށް ބަލާއިރު ވިއްސަކަށް އަހަރުގެ ތެރޭގައި ފަލަބައްޔާއި ހަކުރު ބަލި ވެސް ހުންނަ އަންހެނުންނަށް ކެންސަރު ޖެހޭ މިންވަރު 30 ޕަސެންޓް އަދި ފިރިހެނުންނަށް ކެންސަރު ޖެހޭ މިންވަރު 20 ޕަސެންޓް އިތުރުވާނެ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ.

ކުރީގައި ބެލެވިފައި އޮންނަނީ ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. ނަމަވެސް ފަލަބަލި ހުންނަ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނަށް ވެސް މި ނުރައްކާ އިތުރުވެގެންދާ ކަން ބަލި މީހުންނަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ވެސް އެނގިފައި އޮންނަން ޖެހޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ލިވާ ކެންސަރު ޖެހިފައިވާ ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ހަކުރުބަލި އަދި ފަލަބަލި ހުރި މީހުންނެވެ. އަންހެނުންނަށް މި ދެ ބަލީގެ ސަބަބުން އެންމެ ގިނައިން ކެންސަރު ޖެހިފައިވަނީ ކުޑަކަމުދިއުމުގެ ނިޒާމުގެ ހޮޅިތަކަށާއި އުރަމައްޗަށެވެ.