ރާއްޖޭގެ ރިސޯޓެކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ސާފު ހުދު ވެއްޔާއި ވިލު ނޫކުލައި މޫދެވެ. އެކަމަކު ކަނޑިންމަ ރިސޯޓުން އަހަރު ނިންމުމާ ދިމާކޮށް، ރާއްޖޭގެ ރިސޯޓަކުން މިހާތަނަށް ނުބާއްވާ ފެންވަރުގެ ކުލަ ގަދަ އާޓް ފެސްޓިވަލެއް ބާއްވައި ހުރިހާ ކުލަތަކެއް ވަނީ ދައްކާލައިފަ އެވެ. އެއީ ކުލައިގެ ބޮޑު އީދެކެވެ.
މިދިޔަ އޮކްޓޯބަރު ފަހެއްގައި އެ ފެސްޓިވަލް ލޯންޗުކުރުމާ އެކު ކަނޑިންމަ ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ދިޔައީ އެ ހަރަކާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގައި ތިބި އާޓިސްޓުންނަށް ފަހި ފުުރުސަތުތަކެއް ހޯދައިދީ، ކުރިއަށްދެވޭނެ ބޮޑު މަގެއް ހޯދައިދީފައިވާއިރު، މިދިޔަ މަހު އެ ރިސޯޓުގައި އިތުރަށް ފޯރި ގަދަވި އެވެ.
ތަފާތު ދާއިރާތަކުން ހާއްސަވެފައިވާ 20 ފަންނާނަކު ބައިވެރިކޮށްގެން އެ ރިސޯޓުގައި ބޭއްވި ފެސްޓިވަލުގައި ތަފާތު ކުޅިވަރުތައް ވެސް ވަނީ ބާއްވައިފަ އެވެ. އެގޮތުން ބީޗް ގޭމްސްތަކާއި އާޓާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް އޮތެވެ.
ކަނޑިންމަ ރިސޯޓުގެ ބީޗުގައި ކުލަ އާޓް ފެސްޓިވަލް ކުރިއަށް ދިޔައިރު ރަށުގައި ތިބި ޓޫރިސްޓުންނަށް އާޓް ކްލާސްތަކެއް ނަގައި ދިވެހި ކުރެހުންތެރިންގެ ކުރެހުންތައް ދައްކާލި އެވެ. ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ދިވެހީންގެ ހުނަރު ދައްކާލުން ކަމަށް އެ ރިސޯޓުން ބުންޏެވެ.
ކުލަ އާޓް ފެސްޓިވަލްގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ލިބުނީ ކުލަ ރަން އަށެވެ. ފިޔާތޮއްޓާއި ރީނދުލާއި ފެހި އަދި ނޫ ކުލައިގެ އެކި ކުލަތަކުން އެ ދުވުމުގައި ބައިވެރިވި އެންމެން ވެސް ވަނީ ޖަރީވެފަ އެވެ.