ސާޅީ އަޅައިގެން ސްކައިޑައިވް ކުރި ޝީތަލް އެކަމަށް ތައްޔާރުވެގެން.
14 ފެބުރުއަރީ 2018 - 06:22
މީގެ ކުރިން ވެސް އާދަޔާހިލާފު ސްކައިޑައިވްތަކެއް ކޮށްގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އިންޑިއާގެ ޝީތަލް ރާނޭ-މަހާޖަން ސާޅީ އަޅައިގެން ސްކައިޑައިވްކޮށް އެތައް ބަޔަކު ސިއްސުވާލައިފި އެވެ.
އެހެންވެ އޭނާ ވެފައި ވަނީ ސާޅީއެއް އަޅައިގެން ސްކައިޑައިވް ކުރި ފުރަތަމަ މީހާއަށެވެ. ޝީތަލްގެ މި އާދާޔާހިލާފު ސްކައިޑައިވް ކުރީ ހޯމަ ދުވަހު ތައިލެންޑްގަ އެވެ. އެ ގައުމުގެ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި މަޝްހޫރު ޕަޓާޔާގެ މަތިން 13،000 ފޫޓް މަތިން އޭނާ ވަނީ ދެ ފަހަރަކަށް ސްކައިޑައިވްކޮށްފަ އެވެ.
ސާޅީގައި ކުރި މި ސްކައިޑައިވް އެހާ ބޮޑަށް ހާއްސަވި އެއް ސަބަބަކީ އިންޑިއާގެ އަންހެނުންގެ ރަސްމީ ހެދުމުގެ ގޮތުގައި ބޭނުން ކުރާ ސާޅީގެ ތެރެއިން ވެސް އަންނަން އެންމެ އުނދަގޫ ވައްތަރުގެ ސާޅީ ކަމަށްވާ ކުލަގަދަ ނަވް-ވާޅީ ސާޅީ ބޭނުން ކުރުމެވެ. އެ ސާޅީއަކީ އާދައިގެ ސާޅީއާ ހިލާފަށް ނުވަ ޔާޑް ނުވަތަ 8.25 މީޓަރުގެ ފޮތި އެކުލެވޭ ސާޅީއެކެވެ.
ޝީތަލް ބުނީ އެ ވައްތަރުގެ ސާޅީގައި ސްކައިޑައިވް ކުރަން ބޭނުންވީ އަންނަ މަހު ފާހަގަކުރާ އަންހެނުންގެ ދުވަހާ ވެސް ދިމާކޮށް އަންހެނުންނަށް ސާޅީ އަޅައިގެން ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން ސާބިތުކޮށްދޭން ކަމަށެވެ.
"އަހަރެން ބޭނުންވީ ތަފާތު ކަމެއްކޮށްލަން. އެކަން ނަސީބަކުން ކާމިޔާބު ވެސް ވެއްޖެ،" އެއްމާބަނޑު ދެ ފިރިހެން ކުދިންގެ މަންމަ ބުންޏެވެ. "މިކަމުން އަހަރެން ދައްކުވައި ދޭން ބޭނުންވި އެއް ކަމަކީ އާންމު ދިރިއުޅުމުގައި ސާޅީ ބޭނުން ކުރާ ގޮތަށް، އެހެން ކަންކަމުގައި ވެސް އަންހެނުންނަށް ސާޅީ ބޭނުން ކުރެވިދާނެކަން. ސާޅީއަކީ އިންޑިއާގެ އަންހެނުންގެ ނަލަކަމާއި ފަރިކަން ދައްކުވައިދޭ އަހަރެމެންގެ ފަހުރެއް. އަދި މިއީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ބޭނުން ކުރެވިދާނެ ހެދުމެއް."
ޝީތަލް ބުނީ ނަވް-ވާޅީ ސާޅީ އަޅައިގެން ސްކައިޑައިވް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ ރައްކާތެރިކަމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅި ކަމަށް ބުންޏެވެ.
އިންޑިއާ ދަރިކޮޅުގެ ފިންލެންޑްގެ ވިޔަފާރިވެރިއަކާ ކައިވެނިކޮށްގެން އުޅޭ ޕޫނޭ އަށް ނިސްބަތްވާ ޝީތަލްގެ ނަން އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ އެއްވެސް ތަމްރީނެއް ހެދުމަކާ ނުލައި އެޕްރީލް، 18، 2004 ގައި ދުނިޔޭގެ ދެކުނު ތަނޑި އަށް 2،400 ފޫޓް މަތިން ފްރީ ފޯލް ޕެރަޝޫޓް ޖަމްޕެއް ހެދުމުންނެވެ. އޭގެ ދެ އަހަރު ފަހުން ޑިސެމްބަރު، 15، 2006 ގައި އޭނާ ވަނީ އުތުރު ތަނޑި އަށް ވެސް ހަމަ މިފަދަ ޖަމްޕެއް ހަދައިފަ އެވެ.
މި އާދަޔާހިލާފު ހުނަރާ އެކު ޝީތަލްވެގެން ގޮސްފައި ވަނީ އުމުރުން އެންމެ 23 އަހަރުގައި ދުނިޔޭގެ ދެ ތަނޑި އަށް ފްރީ ފޯލް ޕެރަޝޫޓް ޖަމްޕް ހެދި ފުރަތަމަ އަންހެނާއަށެވެ.
ދިހަ އަހަރުގެ ތެރޭގައި ދުނިޔޭގެ ހަތް ބައްރަށް މިހާރު ސްކައިޑައިވް ކުރުމުގެ ޝަރަފު އޮތް ޝީތަލް އަދި ހާސިލް ކުރަން ބޭނުންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އެވަރެސްޓް ފަރުބަދަ މައްޗަށް ސްކައިޑައިވެއް ހެދުމެވެ. ދެހާސް ދިހައެއްގައި ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްގެން ވެސް އަދި އެކަން އޮތީ ކާމިޔާބު ނުކުރެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި އަންހެނާ
14 February 2018
މޫނު ބުރުގާ އަޅައިގެންވެސް ސްކައި ޑައިވް ކުރެވިދާނެ. އެކަމަކު އެ ޙައްޤު މި ދިވެހިރާއްޖެ އަކުން ނުލިބޭނެ.
ވައިބާ
14 February 2018
މަހުރަމަކާ ނުލާ ސްކައިޑައިވް ކުރުން ހުއްދަތޯ؟
ވައިބާގެ އައްޕަ
14 February 2018
ޑްރައިވިން ސްކޫލު ތަކުގައި ދުއްވަން ދަސްކޮށްދޭން އެތިބެނީ ހުސް މަހުރަމުން ދޯ!