އިންޑިއާގެ ފިލްމުތަކަށް ޖޯކުޖަހާ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ

އިންޑިއާގެ ޓީވީ ސިލްސިލާތަކާއި ފިލްމްތަކުގައި ހުންނަ ހަމަނުޖެހޭ އަދި ޖޯކް ކަންތައްތަކަށް "ޔޫ އިންޑިއާ ޔޫ ލޫޒް" ގެ ނަމުގައި ޔޫޓިއުބް ވީޑިއޯ ހަދައިގެން މަލާމާތްކޮށް، ޖޯކް ޖަހާ ސްވިޑްންގެ މީހަކަށް އިންޑިއާގެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.


ޔޫޓިއުބާއެއްގެ ގޮތުގައި މި ޒުވާނާ މަޝްހޫރުވެފައި ވަނީ ޕިއުޑައިޕައިގެ ނަމުންނެވެ. ފަސްދޮޅަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ އުމުރުން 28 އަހަރުގެ ޕިއުޑައިޕައިގެ އަސްލު ނަމަކީ ފެލިކްސް އަވިޑް އަލްފް ޖެލްބާގް އެވެ.

އޭނާ މި ދުވަސްކޮޅު އާންމުކޮށްގެން އުޅޭ ވީޑިއޯގައި ވަނީ ޓީވީ ސިލްސިލާތައް ގެނެސްދޭން މަޝްހޫރު އެކްތާ ކަޕޫރްގެ ބައެއް ސިލްސިލާތަކާއި ރަޖްނީކާންތުގެ 2010ގެ ސައިންސް ފިކްޝަން ފިލްމް އެންދިރަމް (ރޮބޮޓް) އާއި އަކްޝޭ ކުމާރްގެ "ކިލާޅިޔޯންކާ ކިލާޅީ" ފަދަ ބައެއް ފިލްމްތަކުގެ މަންޒަރުތަކަށް ޖޯކުޖަހައިފަ އެވެ.

މިކަމާ ގުޅިގެން އެންމެ ބޮޑަށް ފާޅުގައި ޕިއުޑައިޕައި އަށް ރައްދު ދީފައި ވަނީ އެކްތާ އެވެ. އޭނާ ގެނެސްދިން ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ކަސަމް ސޭ" އާއި "ކަހާނީ ގަރް ގަރްކީ" ފަދަ ސިލްސިލާތަކުގެ މަންޒަރުތަކަށް ޕިއުޑައިޕައި ޖޯކު ޖެހުމުން އެކްތާ ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. އަދި ޓްވިޓާގައި ޕިއުޑައިޕައިއާ ދިމާއަށް އެއްޗެހި ގޮވާފައިވެ އެވެ.

އެކްތާގެ ޓްވީޓެއް.

އިނގިރޭސިވިލާތުގައި ދިރިއުޅޭ ޕިއުޑައިޕައިގެ ވީޑިއޯގައި ސިލްސިލާތަކުގެ މަންޒަރުތަކަށް ޖޯކު ޖަހާފައި ވަނީ މަންޒަރުތަކުގެ ވަރުގަދަކަން ދެއްކުމުގެ ގޮތުން އެކި އެންގަލްތަކުން ސީންތައް ދައްކުވައި ދީ، ބައެއް ހަރަކާތްތައް ތަކުރާރުކޮށް ގެނެސްދީފައި ހުރުމާއި ސްކްރީން ތަޅުވައިލާ ކަހަލަ އަޑުތަކާ އެކު މަންޒަރުތައް ގެނެސްދީ އަދި މަންޒަރުތަކުގެ ކުލަތައް ވެސް ބަދަލުކޮށްފައިވާތީ އެވެ.

އެކަމަށް ޖޯކު ޖަހަމުން އޭނާ ވަނީ މަޝްހޫރު ޓީވީ ސިލްސިލާ "ފްރެންޑްސް" ގެ ބައެއް މަންޒަރުތައް ވެސް އެކްތާ ސްޓައިލަށް ދައްކުވައިދީ، ހީހީފައި މަލާމަތްކޮށްފަ އެވެ.

އެކްތާގެ ޓްވީޓެއް.

މިކަން އެކްތާ އަށް ހަޖަމުކުރަން އުނދަގޫވެ، ޕިއުޑައިޕައިއަކީ ކޮންތާކުން ނުކުމެގެން އުޅޭ މީހެއްތޯ އާއި ތިކަހަލަ ކިތަންމެ ވީޑިއޯއެއް ވެސް ފޮނުވައިދީފާނެ ކަމަށް ބުނެ ޓްވީޓްކޮށްފައިވެ އެވެ.

އަކްޝޭގެ ފިލްމްގެ އެކްޝަން މަންޒަރަކަށް ޖޯކު ޖަހަމުން ޕިއުޑައިޕައި ބުނެފައި ވަނީ ހިތުން ހަދާފައި އެ އޮތީ "މެޓްރިކްސް" އެވެ.

ރަޖްނީކާންތުގެ ފިލްމްގެ ސްޕެޝަލް އިފެކްޓްސްތަކަށް އޭނާ ޖޯކު ޖެހުމުން، ރަޖްނީކާންތުގެ އެތަކެއް ފޭނުން ވަނީ ރައްދު ދީފަ އެވެ. އަދި ރަޖްނީކާންތުއަކީ ކާކުކަން އެނގިއްޖެ ނަމަ، އޭނާ ކޮސްވެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ޕިއުޑައިޕައިގެ "ޔޫ އިންޑިއާ ޔޫ ލޫޒް" ވީޑިއޯ.

ސްވިޑްން އަށް އުފަން މީހަކު އިންޑިއާގެ އުފެއްދުންތަކަށް ޖޯކު ޖަހާއިރު، އެ ގައުމަށް ނިސްބަތްވާ ބަތަލާއެއް ކަމަށްވާ އެލީ އަވްރަމްއަކީ އިންޑިއާގެ ފިލްމްތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. އަދި ޕިއުޑައިޕައިގެ ބޮޑާކަމާއި ފޮނިކަމުގެ އަމަލުތަކާ ހެދި އެލީގެ ކެރިއާ ވެސް ހަލާކުވުމުގެ ބިރު މިހާރު އެބަ އޮތް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެލީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ކިސް ކިސްކޯ ޕިޔާރް ކަރޫ"، "ހައުސްފުލް 3" އަދި "މިކީ ވައިރަސް" ހިމެނެ އެވެ.

އޭނާ ވަނީ އަކްޝޭ ކުމާރް މިދިޔަ އަހަރު ޖަޖް ކުރި ސްޓާ ޕްލަސްގެ ޝޯ "ލާފްޓާ ޗެލެންޖް" ހޯސްޓް ވެސް ކޮށް ދީފަ އެވެ.