މީހަކު ޗޮކްލެޓް މިލްކް ބޮނީ: މިއީ ކަސްރަތު ކުރާ މީހުންގެ ހަކަތަ އިތުރުކޮށް ދޭނެ ބުއިމެއް.
18 ޖުލައި 2018 - 07:23
މިއީ ތަފާތު އެކި ނަންނަން ކިޔާ އެތައް ވައްތަރެއްގެ އެނަޖީ ޑްރިންކްތަކަށް އެތައް ބަޔަކު ދެވި ހިފާފައިވާ ޒަމާނެކެވެ. ވަކިން ހާއްސަކޮށް، ކަސްރަތު ކުރާ މީހުންނާއި ތަފާތު ކުޅިވަރުތައް ކުޅޭ މީހުންގެ މެދުގައި އެނަޖީ ޑްރިންކުގެ މަގުބޫލުކަން ބޮޑެވެ.
ނަމަވެސް ދިރާސާއެއްގައި ބުނަނީ ކަސްރަތުކުރާ މީހުންނަށް އެންމެ ރަނގަޅީ ޗޮކްލެޓް މިލްކް ކަމަށެވެ. މީގެ ތަށްޓެއް ބޯލައިގެން ކަސްރަތު ކުރާ ނަމަ ލޮޑުކަން ކުޑަކޮށްދީ، ހަކަތަ ދަމަހައްޓައި ދެ އެވެ. އަދި ކަސްރަތަށް ފަހު، އެ ލިބޭ ވަރުބަލިކަމަށް ވެސް އޮތް ހައްލަކީ ހަމަ ޗޮކްލެޓް މިލްކެވެ.
މިއީ ކާބޮހައިޑްރޭޓްސް އާއި ޕްރޮޓީނާއި ފެޓްސް، ފްލެވޮނޮއިޑްސް، އިލެކްޓްރޮލައިޓްސް އަދި ގިނަ އަދަދެއްގެ ވިޓަމިން އެކުވެލިގެންވާ ބުއިމަކަށްވާތީ، ޗޮކްލެޓް މިލްކަކީ ހަށިގަނޑަށް ބޭނުން ހަކަތަ ލިއްބައި ދިނުމުގައި އެއް ވަނައިގެ ބުއިމެއް ކަމަށް ޔޫރަޕިއަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ބުނެފައިވެ އެވެ.
ޗޮކްލެޓް މިލްކް: މިއީ އެތުލީޓުންނަށް ވަރަށް މުހިއްމު ބުއިމެއް.
އިރާންގެ ޝާހިދު ސަދޯހީ ޔުނިވަސިޓީގެ ޑރ. އަމީން ސަލޭހީ ވިދާޅުވި ގޮތުގައި އެތުލީޓުންނަށް ލިބޭ އެކި ކަހަލަ ޒަހަމްތައް ފަސޭހަވުމުގައި ވެސް ޗޮކްލެޓް މިލްކަކީ ވަރަށް މުހިއްމު އެއްޗެކެވެ.
"އެއްގޮތުން ބަލާ އިރު މިއީ އެނަޖީ ޑްރިންކްތަކަށް ވުރެ އަގު ވެސް ހެޔޮވެފައި ފައިދާތައް ގިނަ ހޮވުމަކަށް ވާނެ. އެހެންވެ އެނަޖީ ޑްރިންކަށް ނޫނެކޭ ބުނެފައި ޗޮކްލެޓް މިލްކް ހިޔާރު ކުރުމަކީ ވަރަށް ހެޔޮ ބަދަލަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy