ކުދިން ކާން ބޭނުން ނުވާ އެއްޗެއް ގަދަކަމުން ދޭން އުޅުމަކީ ބޭކާރު ކަމެއް

ދިން ކޮންމެ އެއްޗެއް ރުހުމުގައި ކާނީ ވަރަށް މަދު ކުއްޖެކެވެ. މި މިޒާޖުގެ ކުދިން ނުވަތަ "ޕިކީ އީޓާސް" އަށް އެކި ވައްތަރުގެ ކާނާ ދޭން ބެލެނިވެރިން ވަރަށް ބޮޑަށް މަސައްކަތްކުރެ އެވެ. ޚާއްސަކޮށް، ސިއްހަތަށް ފައިދާހުރި ކާނާ ދޭން މަސައްކަތްކުރެ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ އެ ކުއްޖަކު ކާހިތްނުވާ އެއްޗެއް ގަދަކަމުން ކާންދޭން އުޅުމަކީ ނަތީޖާއެއް ނެތް ބޭކާރު މަސައްކަތެއް ކަމަށެވެ.


ޔުނިވަސިޓީ އޮފް މިޝިގަން އިން ކުރި ދިރާސާއަކަށް ފަހު ބުނީ ކުއްޖަކު، ވަކި ވައްތަރެއްގެ ކާނާއަކާ ދުރުވެގެން އުޅުނަސް އަދި އެކަން ހައްލު ނުވިޔަސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިކަން ހައްލުކުރަން ކުދިންނަށް ކިތަންމެ ވަރަކަށް ޕްރެޝަރު ކުރިޔަސް އެކަން ބަދަލެއް ނުވާނެ. ވަކި ބާވަތެއްގެ އެއްޗެއް ގަދަކަމުން ކާންދޭން ޕްރެޝަރު ކުރިޔަސް އެކަމުން ރަނގަޅު އަދި ގޯސް ނަތީޖާއެއް ވެސް ނުނިކުމޭ،" ޔުނިވަސިޓީ އޮފް މިޝިގަންގެ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޖޫލީ ލުމެންގް ވިދާޅުވި އެވެ.

ޕިކީ އީޓާސްއާ ބެހޭ ގޮތުން މީގެ ކުރިން ކޮށްފައިވާ ދިރާސާތައް ބިނާކޮށްފައި ވަނީ ވަކި ނަސްލެއްގެ އަދި މަދު އަދަދެއްގެ ކުދިން ހިމެނޭ ގޮތަށް، ކުރު މުއްދަތަކަށެވެ. ނަމަވެސް ޔުނިވަސިޓީ އޮފް މިޝިގަން އިން މިފަހަރު ކުރި ދިރާސާގައި 244 ނަސްލެއްގެ ކުދިން ބައިވެރިކުރި އެވެ. އެގޮތުން 2-3 އަހަރާ ދެމެދުގެ ކުދިންގެ މައުލޫމާތު އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްކުރި އެވެ. މި ކުދިންގެ ކެއުމުގެ އާދަ ހުރި ގޮތާއި ވަކި އެއްޗެއް ގަދަކަމުން ކާންދޭން އުޅުމުން އެ ކުދިންގެ އުޅުމާއި ކެއުމުގެ އާދަޔަށް އައި ބަދަލު ވަޒަންކޮށްފައިވެ އެވެ.

މި މައުލޫމާތަށް ބެލުމުން އެނގުނީ ގަދަކަމުން ކާންދޭން އުޅުނު ކުދިންގެ، ކެއުމުގެ އާދަޔަށް ރަނގަޅު އަދި ނުރަނގަޅު ބަދަލެއް ވެސް އައިސްފައި ނުވާކަމެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ކުދިންނަށް ކާންދޭން ފަށާ އުމުރުގައި ހުރިހާ ވައްތަރެއްގެ ކާނާގެ ރަހަ ވެސް ދައްކަން ޖެހޭނެ ކަމަށެވެ. އެއީ ބޮޑުވެގެން އަންނައިރު ހުރިހާ ވައްތަރެއްގެ އެއްޗެއް ވެސް، ދެކޮޅުހެދުމެއް ނެތި ކާން ފަރިތަކޮށްދިނުމަށެވެ. ނަމަވެސް ނުކާން އުޅޭ އެއްޗެއް ގަދަކަމުން ދޭން އުޅޭ ނަމަ އެ ކާނާއެއް ދެކެ ކުދިން ފޫހިވެ، ފަހުން ވެސް އެ އެއްޗެއް ކާން ބޭނުމެއް ނުވާނެ އެވެ.