ޖޮބެލް ފެންގަނޑު ތެރޭގައި ހިނގާފައި ދަނީ އަދި ފިރިމީހާއާ އެކު.
14 އޯގަސްޓް 2018 - 07:25
ފިލިޕިންސްގައި ކައިވެންޏަކަށް ތައްޔާރުކޮށްފައި އޮއްވައި ފެން ބޮޑުވުމުން ވެސް ހަފުލާ ފަސްނުކޮށް، ކުރިއަށް ގެންގޮސްގެން އެންމެންގެ ސަމާލުކަން ހޯދައިފި އެވެ.
ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ކައިވެނީގެ ހަފުލާ ފަސްކޮށްލަން ޖެހިދާނެ ކަމަށް އާއިލާ މީހުން ގަބޫލު ކުރި ނަމަވެސް އެކަން އެގޮތަށް ވާކަށް ޖޮބެލް ޑޮލެޒް އެންޖެލެސް، 24، ބޭނުމެއް ނުވި އެވެ.
ވެރިރަށް މެނީލާގެ ބުލަކަން ޕްރޮވިންސްގެ ފައްޅިއެއްގައި ކައިވެނީގެ ހަފުލާ ބޭއްވި އިރު، ޕިލިޕީންސަށް މިހާރު އަރާފައިވާ ޔޯމީ ތޫފާނުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތަނުގައި އޮތީ ފެންބޮޑުވެފަ އެވެ. އެކަމަކު ކައިވެނީގެ ހެދުމާ އެކު، މާބޮނޑި ހިފައިގެން ހިނިތުވުންވެގެން ހުރެ ޖޮބެލް ފެންގަނޑު ތެރޭގައި ހިނގާފައި، ވާން އުޅޭ ފިރިމީހާގެ ގާތަށް ދިޔައީ އެއްވެސް ހާސް ކަމެއް ކަންބޮޑުވުމެއް ނެތި އެވެ.
އޭނާ ފައްޅީގެ ތެރެއަށް ވަދެގެން އަންނަ އިރު، ފަހަތުން މީހަކު ހެދުމުގެ ފަސްބައި ހިއްލައިދީ، ފެންގަނޑު ތެރޭގައި ހިނގަން ފަސޭހަކޮށް ދޭ ތަން ފެނެ އެވެ. އަދި ވަކި ހިސާބަކުން ޖޮބެލްގެ މަންމަ އާއި ބައްޕަ އޭނާއާ ބައިވެރިވެ އެވެ.
ކައިވެނީގެ ހަފުލާގައި ފިރިހެން މީހާ ހުރީ ސޫޓެއް ލައިގެން، ފައިކުރި އޮޅާލައި، ފައިވާނަކަށް އަރައިގެންނެވެ.
މި މަންޒަރު ދައްކުވައިދޭ ވީޑިއޯ ފޭސްބުކްގައި ދައުރުވަމުން އަންނަ އިރު، ގިނަ ބަޔަކު ވަނީ ޖޮބެލް އާއި އޭނާގެ ފިރިމީހާ ދެއްކި ހިތްވަރަށް ސާބަސްދީ، މަރުހަބާ ކިޔައިފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ ތެދުވެރި ލޯތްބަކަށް އެއްވެސް ހުރަހެއް ނެތްކަން މި ހަފުލާ އިން ދައްކުވައި ދީފި ކަމަށެވެ.
ޖޮބެލްގެ ކައިވެނީގެ ހަފުލާ.
ފެންގަނޑު ތެރޭގައި ނިންމައިލި ކައިވެނީގެ ހަފުލާއާ ބެހޭ ގޮތުން ޖޮބެލް އޭއެފްޕީ އަށް ބުނީ ކައިވެންޏަކީ އެއް ފަހަރު ކުރެވޭނެ ކަމެއް ކަމަށާއި ވިއްސާރައާ ހެދި އޭނާ ކައިވެނީގެ ހަފުލާ ޚަރާބުވާން ބޭނުން ނުވީ ކަމަށެވެ.
"ފެންބޮޑުވަމަކުން ކައިވެނީގެ ހަފުލާ ފަސްކުރަން ޖެހޭނެ ސަބަބެއް ނެތް. އެކަން އަހެރެމެން ދައްކުވައި ދީފިން. ވެޑިން ޑްރެސްއާ އެކު ފެންގަނޑު ތެރޭގައި ހިނގަމުން ދިޔަ އަހަރު އަހަންނަށް އިހުސާސް ކުރެވުނީ ރެޑް ކާޕެޓެއްގެ މަތީގައި ހިނގޭހެން،" ޖޮބެލް ބުންޏެވެ. "ހެދުން ތެމުމުގެ ސަބަބުން ބަރުކަން އިހުސާސް ކުރެވުނު. އެކަމަކު ވަރަށް އުފަލުން މިހީރީ. އަދި ކައިވެނީގެ ހަފުލާ މިވަނީ ތާރީހީ ކަމަކަށްވެފައި."
އޭނާ ބުނި ގޮތުގައި ކުރިން ރޭވި ގޮތަށް ކައިވެނީގެ ހަފުލާގެ ހުރިހާ ކަމެއް ކުރިއަށް ނުގެންދެވުނަސް، ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާއާ ކައިވެނި ކުރެވުމުން ލިބުނު އުފާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy