އަންނަ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގައި ބާއްވާ ޝާހީ ކައިވެނީގެ ހަރަދުތަކާ ގުޅޭ ގޮތުން އެ ގައުމުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޕްރިންސް އެންޑްރޫގެ ދަރިކަނބަލުން ޕްރިންސެސް ޔުޖިނީ އާއި އޭނާގެ ލޯބިވެރިޔާ ޖެކް ބްރުކްސްބޭންކްގެ ކައިވެނީގެ ހަފުލާ ބާއްވަން މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އެ ހަފުލާ އޮންނާނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ރަސްމިއްޔާތު ވެސް ބޭއްވި ވިންޑްޒާ ކާސަލްގެ ސެއިންޓް ޖޯޖް ޝެޕެލްގަ އެވެ.
ގިނަ ބަޔަކު ޔުޖިނީގެ ކައިވެނީގެ ހަފުލާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އެތައް މިލިއަން ޕައުންޑެއް ސެކިއުރިޓީ އަށް ހަރަދު ކުރާ ކަމަށް ބުނެ އެވެ.
ސެކިއުރިޓީ އަށް ސީދާ ކިހާ ވަރެއް ހަރަދުވާކަން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، މި ކައިވެނީގެ ހަފުލާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަދުވެގެން ދެ މިލިއަން ޕައުންޑް ހަރަދު ކުރާނެ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.
އެގޮތުން އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އާއި ފުލުހުން ހަފުލާގެ އެންމެހައި ކަންކަމުގައި ބައިވެރި ވާނެ އެވެ. ޕްރިންސް ހެރީގެ ކައިވެންޏާ ދިމާކޮށް ވެސް އެންމެ ގަދަ އަށް ދެކެވުނު އެއް ވާހަކައަކީ ރައްޔިތުންގެ ޓެކްސް ފައިސާ ޝާހީ އާއިލާ އިން "ތަޅައި ބުރުއްސާ" ވާހަކަ އެވެ.
މިކަމާ ބެހޭ ގޮތުން އިންޓެލިޖެންޓް ޕްރޮޓެކްޝަން އިންޓަނެޝަނަލް ލިމިޓެޑްގެ ސީއީއޯ އެލެކްސް ބޮމްބާގް ދި އިންޑިޕެންޑެންޓް ނޫހަށް ބުނީ ޝާހީ އާއިލާގެ ހަފުލާތަކަކީ އަބަދު ވެސް ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅައިގެން ބާއްވާ ކަންކަމަކަށްވާތީ، ޕްރިންސެސް ޔުޖިނީގެ ކައިވެނީ ހަފުލާގެ ސެކިއުރިޓީ އަށް ކުރާ ހަރަދަކީ ވެސް ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ތޭމްސް ވެލީ ޕޮލިސް އިން ބުނި ގޮތުގައި ޝާހީ އާއިލާގެ މި ފަހަރުގެ ކައިވެންނީގެ ސެކިއުރިޓީ އަށް ހަރަދު ވާނެ ވަރެއް ހާމަ ކުރެވޭކަށް ނެތެވެ.
"ހިނގާނެ ހަރަދަށް ވުރެ ބޮޑަށް އަހަރެމެންގެ ފޯކަސް ހުރީ ވީހާ ވެސް އޮމާންކޮށް ހަފުލާގެ ކަންކަން ބޭއްވުމަށް މަސައްކަތްކޮށް ދިނުން،" ތޭމްސް ވެލީ ޕޮލިސްގެ ތަރުޖަމާން ވިދާޅުވި އެވެ. "އަހަރެމެން ގަބޫލު ކުރަނީ ބޮޑު ހަރަދެއް ހިނގިޔަސް އެކަން ކުރާނީ ފަހުން އެ ހަރަދެއް ފޫބެއްދޭ ގޮތަށް ކަމަށް."