އިނގިރޭސިވިލާތުގެ ޝާހީ ކައިވެންޏެއްގައި، ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެއްވެސް އެއްޗެއް ބޭނުން ނުކުރަން ނިންމައިފި އެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޕްރިންސް އެންޑްރޫގެ ދަރިކަނބަލުން ޕްރިންސެސް ޔުޖިނީ އާއި ލޯބިވެރިޔާ ޖެކް ބްރުކްސްބޭންކްގެ ކައިވެނީގެ ހަފުލާ އޮންނާނީ މެއި މަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީ އާއި ކުރީގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާ ވެސް ބޭއްވި ވިންޑްޒާ ކާސަލްގެ ސެއިންޓް ޖޯޖް ޝެޕެލްގަ އެވެ.
ކައިވެންޏަށް ތައްޔާރުވަނުން އަންނަ އިރު ޔުޖިނީ، 28، ވޯގް އިނގިރޭސި މަޖައްލާގެ ސެޕްޓެމްބަރު މަހުގެ އަދަދަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ކައިވެނީގެ ހަފުލާއަކީ "ޕްލާސްޓިކް-ޕްރީ" ހަފުލާއަކަށް ވާނެ ކަމަށެވެ. ޔުޖިނީއަކީ މޫދަށް ޕްލާސްޓިކް އުކައިލުމާ ދެކޮޅަަށް ހިންގާ ކެމްޕޭން ޕްރޮޖެކްޓް "0" ގެ އެމްބެސެޑަރު ވެސް މެ އެވެ.
"ކައިވެނީގެ ހަފުލާގެ އެއްވެސް ކަމެއްގައި ޕްލާސްޓިކެއް ބޭނުމެއް ނުކުރާނަން. އަހަރެންގެ ގެއަކީ ވެސް މިހާރު ވެސް ޕްލާސްޓިކުން ސަލާމަތްވެފައިވާ ތަނެއް،" ޔުޖިނީ ވިދާޅުވި އެވެ. "ޕްލާސްޓިކާ ދުރުވާންޖެހޭ ކަމާއި އޭގެ ނުރައްކާތެރިކަން އަހަރެމެންގެ ވެށްޓަށް ކިހާ ބޮޑުކަން އެބަޖެހޭ އަދިވެސް ވަރަށް ބޮޑަށް އަންގައިދޭން."
އޭނާ ވިދާޅުވީ ކައިވެނީގެ ހަފުލާ "ޕްލާސްޓިކް-ފްރީ" ކުރުމުން އެކަން މީހުންގެ ސަމާލު ކަމަށް އައިސް ޕްލާސްޓިކާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން ފެށުމަކީ އުންމީދެއް ކަމަށެވެ. އަދި ޝާހީ އާއިލާގެ ތެރެއިން މިފަދަ ކަމެއް ފެނިގެން ދިއުމަކީ ގިނަ ބަޔަކު އުންމީދު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ޖެކް އާއި އަހަރެން ވެސް ބޭނުންވެގެން ނިންމި ނިންމުމެއް،" ޔުޖިނީ ވިދާޅުވި އެވެ.
ޖެކް އާއި ޔުޖިނީ ބައްދަލުވެވަޑައިގަތީ 2011 ގަ އެވެ. އަދި ޖެކް، 32، އެކަމަނާ އަށް ޕްރޮޕޯޒް ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ޔުޖިނީއަކީ ޕްރިންސް ޗާލްސްގެ ކޮއްކޯފުޅު އެންޑްރޫގެ ދެ ދަރިކަނބަލުންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅެވެ. ހަގު އަންހެން ދަރިކަނބަލުން ޕްރިސެސް ބީޓްރިސް އަށް މިހާރު 29 އަހަރެވެ.