ޓޭޕް އެޅި ބޫޓަކީ "ފަގީރުންނަށް ކުރި މަލާމާތެއް"

އަރައިގެން ހުންނަ ފައިވާން ނުވަތަ ބޫޓު މާ ދެރަވަރުކޮށް ހުރެއްޖެ ނަމަ، އެއީ ތިމާގެ އަސްލު ފެންވަރު ދޭހަކޮށްދޭ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރެ އެވެ. އެކަމަކު ފެޝަން ކުންފުނިތަކުން ގެންގުޅޭ ތަފާތު އުކުޅުތަކާ އެކު އަލަށް ނެރެގެން މި އުޅޭ ބޫޓް ފެނިފައި ވެސް ބަޔަކު ހަމަ ހައިރާން ވެދާނެ އެވެ.


ބަލާބެލުމަށް މިއީ އާ ބޫޓެއް ނޫނެވެ. "ބާކަމުން ތަންތަންކޮޅު ވީދައިގެން ދިއުމުން އެތަންތަން ފޫބައްދަން މީގައި ހުންނަނީ ހުދު ޓޭޕް އަޅައިފަ" އެވެ. ބޫޓް ފަރުމާކޮށްފައި ވަނީ ބާ ބޫޓެއް ސިފަވާ ގޮތަށެވެ. މިއީ ފަހަރުގައި ބައެއް މީހުންނަށް އާ ފެޝަނަކަށް ވެދާނެ އެވެ. އެކަމަކު މި "ބައު" ބޫޓް ވެސް ގަނެވޭނީ ތަނަވަސްކަން ހުރި މީހަކަށެވެ.

އެތައް ބައެއްގެ ސަމާލު ކަމަށް އައިސްފައިވާ "ސްޕަސްޓާ ޓޭޕް ސްނިކާ" ފެޝަން ޓްރެންޑްގެ ތެރެއަށް ބަހުސަކަށްވެފައި ވަނީ އަދި މުޅިން އެހެން ކަމަކާ ހެދި އެވެ.

މީހަކު ބޫޓަށް ފާޑު ކިޔާފައި.

މި ބޫޓް ފަރުމާކޮށް ބާޒާރަށް ނެރުނު އިޓަލީގެ ފެޝަން ކުންފުނި "ގޯލްޑެން ގޫސް" އަށް މިހާރު ވަނީ އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެއީ ބޫޓް ފަރުމާކޮށްފައި ވަނީ ފަގީރުންނަށް މަލާމަތާއި ފުރައްސާރަ ރައްދުވާ ގޮތަށް ކަމަށް ބުނެ އެވެ. އެހެންވެ މިއީ ފެޝަނަށް ލޯބި ކުރިޔަސް ގިނަ ބަޔަކަށް ހަޖަމު ކުރަން އުނދަގޫވެގެން އުޅޭ ފަރުމާއެކެވެ.

ހަމަހަމަކަމާއި ތަފާތުކުރުންތައް ނައްތައިލުމަށް މުޅި ދުނިޔެ ވެސް މަސައްކަތްކުރާ ޒަމާނެއްގައި މިފަދަ ފަރުމާތައް ނެރެގެން ބައެއް ކުންފުނިތަކުން ފޯރުކޮށް ދެނީ ވަރަށް ނުބައި މެސެޖެއް ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

މީހަކު ބޫޓަށް ފާޑު ކިޔާފައި.

ޓްވިޓާގައި ބޫޓަށް ފާޑުކީ ގިނަ މީހުން ބުނެފައި ވަނީ ގޯލްޑެން ގޫސް އިން މިއޮތީ ވަރަށް ފާޅުގައި ނިކަމެތިންނަށް ޖޯކު ޖަހައި، އެ މީހުންގެ ފެންވަރަކީ މިއީ ކަމަށް ބުނެފައި ކަމަށެވެ. އަދި މިއީ އެހާ ލުއިކޮށް ނަގައިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އަނެއްކޮޅުން ފަހުގެ ފެޝަނަކަށް ކަމަށް ބުނެ ނެރުނު ޓޭޕް އެޅި ބޫޓް ވިއްކާ އަގަށް ވެސް ބަޔަކު ވަނީ ހަޖޫ ޖަހައިފަ އެވެ. ބޫޓްގެ އަގަކީ 350 ޑޮލަރެވެ. އެހެންވެ އާދައިގެ މީހެއްގެ އަތް މި "ބައު" ބޫޓަކަށް ނުފޯރާނެ އެވެ. އަދި ފަގީރުންގެ ފެންވަރު "މުއްސަނދިން ފެޝަނަކަށްވުމަކީ" ވަރަށް ބޮޑު މައްސަލައެއް ގޮތުގައި ސިފަކޮށްފައިވެ އެވެ.

ދެހާސް ސޯޅައިގައި ވެސް "ގޯލްޑެން ގޫސް" އިން މިފަދަ ފަރުމާއެއް ނެރެގެން އެތައް ބަޔަކު ރުޅި ގަދަވި އެވެ.