އެސިޑް ޖެހިޔަސް ގޮތެއް ނުވާ ފައުންޑޭޝަނެއް އީޖާދުކޮށްފި

އިންޑިއާ ފަދަ، އޭޝިއާގެ ބައެއް ގައުމުތުގައި އަންހެނުންނަށް ވަރަށް ގިނައިން އެސިޑްގެ ހަމަލާތައް ދީ ދިރިއުޅުން ހަލާކުކޮށްލަ އެވެ. ލޯބީގެ މައްސަލަތަކުގައި ފިރިހެނުންގެ ފަރާތުން އަންހެނުންނަށް އެސިޑް ހަމަލާތައް ދިނުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ ހަމަލާތައް އަމާޒުވެފައިވާ ބައެއް މީހުންނަކީ ހިތްވަރުކޮށްގެން އާދައިގެ ދިރިއުޅުމެއް ހޯދާފައިވާ މީހުންނެވެ.


ލިބިދާނެ އެސިޑް ހަމަލާއަކުން ރައްކާތެރި ވެވޭ ގޮތަށް އެސިޑް ޕްރޫފް ފައުންޑޭޝަނެއް މިހާރު ވަނީ އީޖާދުކޮށްފަ އެވެ. މި ފައުންޑޭޝަން މިހާރު އަންނަނީ އިންޑިިއާގެ ކަމާބެހޭ ފަރާތްތަކުން ޓެސްޓް ކުރަމުންނެވެ.

މި މަސައްކަތުގެ ފަހަތުގައި ހުރީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގައި ދިރިއުޅެމުން އަންނަ ޒުވާނެއް ކަމަށްވާ ޑރ. އަލްމާސް އަހުމަދު، 32، އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސިޑް ޕްރޫފް ފައުންޑޭޝަނެއް އުފައްދަން ހިޔާލަށް އައީ އިނގިރޭސިވިލާތުގެ ޓީވީ ޕްރެޒެންޓަރު/މޮޑެލް ކެޓީ ޕިޕާ، 35، އަށް 2008 ގައި ދިން އެސިޑް ހަމަލާއާ ގުޅިގެންނެވެ. އޭނާގެ މޫނަށް އެސިޑް ހަމަލާއެއް ދިނީ އޭރުގެ ލޯބިވެރިޔާ އެވެ.

އެސިޑް ހަމަލާގެ ޝިކާރައަކަށްި ކެޓީ ޕިޕާ.

"އޭރު އަހަރެން ދިޔައީ ޔުނިވަސިޓީގައި ކިޔަވަމުން. އެ ހާދިސާގެ ފަހުން އަބަދުވެސް ހިތުގައި އޮވޭ ކޮންމެ ވެސް ދުވަހަކު އެސިޑް ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތެއް ހޯދާނަމޭ،" ޑެއިލީ މެއިލް އަށް އަލްމާސް ވިދާޅުވި އެވެ. "އެ ހިޔާލާއި ފިކުރުގެ ތެރެއިން އައި ވިސްނުމެއް އެސިޑް ޕްރޫފް ފައުންޑޭޝަނަކީ."

ފައުންޑޭޝަނާ ބެހޭ ގޮތުން އަލްމާސް ވިދާޅުވީ އޭނާ އުފެއްދި ފައުންޑޭޝަން މޭކަޕްގައި އާންމުކޮށް މިހާރު ބޭނުން ކުރާ ފައުންޑޭޝަނާ ތަފާތުވާ މައިގަނޑު ކަމަކީ އެސިޑް ޖެހިޔަސް މޫނަށް އަސަރު ނުކުރުން ކަމަށެވެ.

"އެ ނޫނީ ހަމަ އާދައިގެ ފައުންޑޭޝަނާ މީގައި މާ ބޮޑު ތަފާތެއް ނުހުންނާނެ. އެގޮތުން ޓެކްސްޗާ އާއި ވަހުގެ ގޮތުން ވެސް މާ ބޮޑު ތަފާތެއް ނުހުންނާނެ،" ލިޕްސްޓިކެއް ގޮތަށް ފަރުމާކޮށްފައިވާ އެސިޑް ޕްރޫޕް ފައުންޑޭޝަން ފުޅިއާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެކެރިއާއަކީ އެސިޑުން ރައްކާތެރިކޮށް ދޭނެ ފައުންށޭޝަނެއް.

މި ފައުންޑޭޝަން މޫނުގައި ނުވަތަ ހަށިގަނޑުގެ އެހެން ތަނެއްގައި ވެސް އުނގުޅައިފި ނަމަ، އެސިޑްގެ އަސަރުން އަނދާ އެނދުމުން ރައްކާތެރިކޮށް ދޭނެ އެވެ. ޑރ. އަލްމާސް މިއަށް ދީފައިވާ ނަމަކީ "އެކެރިއާ" އެވެ. މިއީ ފެނާއި އަދި އެ ނޫން ވެސް ދިޔާ އެއްޗެހިން ރައްކާތެރިކޮށްދޭނެ އުފެއްދުމެކެވެ.

"އަހަރެން އަދި އެބަ މަސައްކަތްކުރަން ކުރިއަށް އޮތް ތަނުގައި އެސިޑް ޕްރޫޕް މޮއިސްޗަރައިޒާއަކާއި ސަން ކްރީމެއް ވެސް ތައްޔާރު ކުރަން،" އޭނާ ވިދާޅުވި އެވެ.

އަލްމާސްުގެ އުންމީދަކީ އިންޑިއާގައި މިހާރު ކުރިއަށްދާ ޓެސްޓަށް ފަހު، އޭނާގެ އުފެއްދުމަށް އިނގިރޭސިވިލާތުގެ މެޑިސިން އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރް) އިން އެއަށް ހުއްދަ ލިބުމެވެ. އާންމުކޮށް ގަންނަން ލިބޭނެ ގޮތަށް އަލްމާސްގެ "އެކެރިއާ" ބާޒާރުން ލިބެން ފަށާނީ އެ ހުއްދަ އަށް ފަހު އެވެ.