ސައްކެޔޮ އޮށް ކޮކޯގެ ބަދަލުގައި ބޭނުންކޮށްލެވިދާނެ ކަމަށް ދިރާސާއެއްގައި ބުނޭ.
30 އޮކްޓޯބަރ 2018 - 07:34
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ކޮކޯގެ އުފެއްދުންތެރިކަން މިހާރު ދަށަށްދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންވެ ކޮކޯގެ ބަދަލުގައި ބޭނުން ކުރެވިދާނެ އެހެން އެއްޗެއް ހޯދުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ.
ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ސައްކެޔޮ އޮށަކީ ކޮކޯގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. އެގޮތުން ޗޮކްލެޓްގެ ހިތްގައިމު ރަހަ އެކުލެވޭ ގޮތަށް ކަޕަޗީނޯ ކަހަލަ ބުއިމެއް ތައްޔާރުކޮށްލަން ސައްކެޔޮ އޮތް ބޭނުން ކުރެވިދާނެ އެވެ.
ބްރެޒިލްގެ ސައޮ ޕޯލޯ ޔުނިވަސިޓީން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސައްކެޔޮ އޮށް ރޯސްޓްކޮށްގެން، އެ ހިމުންކޮށްގެން ނެރެވޭ "ފުށުން" ކޮކޯގެ ރަހަ ނެރެވޭނެ އެވެ. އެގޮތުން ކަޕަޗީނޯއެއް ހަދާލަން ބޭނުންވާ ކަމަށްވާ ނަމަ މި "ފުށުގެ" 50-75 ޕަސެންޓުން ކޮކޯގެ ތާސީރު ނެރެވިދާނެ އެވެ.
"ރޯސްޓްކޮށްގެން މި ތައްޔާރު ކުރެވޭ ސައްކެޔޮ އޮށުގެ ފުށުން ވަރަށް ވެސް ލުއި ޗޮކްލެޓް އެރޯމާއެއް ނެރެވޭ،" ދިރާސާ ޓީމްގައި ހިމެނޭ ފެނަންޑާ ޕަޕާ ސްޕާޑާ ވިދާޅުވި އެވެ.
އެހެންވެ މިއީ ސައްކެޔޮ ގަސް ހައްދާ ގައުމުތަކަށް ވަރަށް ވެސް އުންމީދީ ކަމަކަށް ވާނެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝް އާއި ސްރީ ލަންކާ ފަދަ ގައުމުތަކީ ސައްކޭލަށް ވަރަށް މަތީ ދަރަޖައެއް ދީފައިވާ ގައުމުތަކެވެ. އެގޮތުން މިއީ ލަންކާ އާއި ބަންގްލަދޭޝްގެ ގައުމީ މޭވާ ވެސް މެ އެވެ. ސައްކެޔޮ އެންމެ ގިނައިން ހައްދާ އެއް ސަރަހައްދަކީ އިންޑިއާގެ ކެރެލާ އެވެ.
ސައްކޭލެއް ގަހުގައި: އެންމެ ގިނައިން ހައްދަނީ އިންޑިއާގެ ކެރެލާގައި.
އިންޓަނެޝަނަލް ކޮކޯ އޮގަނައިޒޭޝަން (އައިސީއޯ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރާއި މިދިޔަ އަހަރު 4.568 މެޓްރިކް ޓަނުގެ ކޮކޯ ޕްރޮސެސްކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރާއި މި އަހަރު އެންމެ ގިނައިން ކޮކޯ އުފައްދާފައި ވަނީ އައިވަރީ ކޯސްޓުންނެވެ. ދުނިޔޭގައި އުފައްދާ ކޮކޯގެ 40 ޕަސަންޓް ހިއްސާ ކުރަނީ ވެސް އެ ގައުމެވެ. މި ލިސްޓްގައި ދެން ހިމެނެނީ ގާނާ، އިންޑޮނީޝިއާ، އިކްއެޑޯ، ކެމެރޫން، ނައިޖީރިއާ އަދި ބްރެޒިލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
30 October 2018
ބަނބުކެޔޮ އޮށް ކަމަކުނުދާނެތަ؟
ބަނބުކެޔޮގަސްދޮށުގޭ މަންޖެ
31 October 2018
ބަނބުކޭލަކު އޮށެއް ނުހުރޭ ދަރިޔާ އޭގަ އޮންނަނީ ކަރުގަނޑެއް